11 ނޮވެމްބަރ 2019
ރާއްޖޭގައި އޮތުން އެންމެ ރަނގަޅީ މިހާރު މި އޮތް ރިޔާސީ ނިޒާމް ކަމަށާއި ބަރުލަމާނީ ނިޒާމެއް ނަމަ ހަމަނުޖެހުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އޮތުން އެންމެ ރަނގަޅީ މިހާރު މި އޮތް ރިޔާސީ ނިޒާމް ކަމަށާއި ބަރުލަމާނީ ނިޒާމެއް ނަމަ ހަމަނުޖެހުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ އިޓަލީ އާއި އިނގިރޭސި ވިލާތް ފަދަ ބައެއް ގައުމުތަކުގައި ކުރިން އަބަދުހެން އުޅެން ޖެހުނީ ވެރިކަން ބަދަލުވާތީ ކަމަށެވެ. އެކަމުގެ ސަބަބުން، ހަމަޖެހިގެން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ސަރުކާރުތަކަށް ނުލިބޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރާއްޖެ އަށް އެންމެ ކަމުދާނީ މިހާރު މި އޮތް ނިޒާމް. އެއީ ރިޔާސީ ނިޒާމް. ބަރުލަމާނީ ނިޒާމަކީ އަޅުގަނޑު ހިތުން ރާއްޖެ އަށް މާ އެކަށީގެންވާ ނިޒާމެއް ނޫން. ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލު ވެގެން ދާނެ،" 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
"ބޮޑުވަޒީރަކު ލާތާ ދެމަސް ފަހުން އިސްތިއުފާ ދޭން ޖެހިދާނެ. އަނެއްކާ އަނެއް ބޮޑު ވަޒީރެއް އަންނާނެ. މިކަހަލަ ގޮތަކަށް ހަމަނުޖެހުންތަކުގެ ތެރޭގައި ވަރަށް ބޮޑަށް އުޅެން ޖެހޭ،"
ބަރުލަމާނީ ނިޒާމެއްގައި ވެރިކަންކުރާ ބޮޑުވަޒީރަކީ ރައްޔިތުންގެ ސީދާ ވޯޓުން އަންނަ މީހެއް ނޫން ކަމަށާއި އެކަމަކު ރިޔާސީ ނިޒާމުގައި ވެރި މީހާ ކަނޑައަޅަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށްވާތީ ރައްޔިތުންނަށް ހަގީގީ ބާރު އޮންނަނީ ރިޔާސީ ނިޒާމުން ކަމަށް މައުމޫން ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ބައެއް ކަންކަން ހިނގަނީ ރިޔާސީ ނިޒާމާ އެއްގޮތަށް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ރިޔާސީ ނިޒާމެއްގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައި ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި ކަންކަން ވެގެން ދަނީ ބައެއް ބާރުތައް އެއްވެެގެން ކަމަށް ވިދާޅުވި އެވެ.
ކޯލިޝަނުން ވެރިކަމަށް އައުމަކީ ބަރުލަމާނީ ސިފައަކަށްވާއިރު މިފަހުން ރާއްޖޭގެ ރިޔާސީ އިންތިޚާބުތައް ކާމިޔާބުކޮށްފައި ވަނީ ކޯލިޝަންގެ ތެރެއިންނެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ވިދާޅުވީ މިސަރުކާރު ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ފަސް އަހަރު ވިޔަސް އަދި އޭގެ ފަހުން މިސަރުކާރު އަލުން އިންތިހާބު ވިޔަސް އަޅުގަނޑުމެން ތިބޭނީ ސަރުކާރާއެކީގައި. އަޅުގަނޑާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އޮންނަ ގުޅުން ވަރަށް ރަނގަޅު،" ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖެ އަށް ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށް މައުމޫން ވިދާޅުވި އިރު، އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތްކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރާއްޖޭގައި މި އޮތީ ކޮން ނިޒާމެއްކަން ރަނގަޅަށް ސާފުނުވާ ކަމަށް ވިދާޅުވެ، ނިޒާމު ސާފުވާ ގޮތަށް ގާނޫނުއަސާސީގައި ލިޔަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނިޒާމަށް ބަދަލު ގެންނަ ނަމަ އަމަލުކުރަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ސާފުކޮށްދީފައި އޮތް ކަން ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ. އެއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހުމެވެ. ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅީ ވެސް މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި އިރު ރައްޔިތުންގެ ވޯޓަކުންނެވެ.
އިސް ވެރިޔަކު ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ
އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވަނީ
"ކޮރަޕްޝަން ހިންގި މީހުންނަށް ފިޔަވަޅެއް ނޭޅޭ"
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
ކެމްޕެއިނަށް އެމްއާރުއެމްގެ ޝައުގުވެރިކަމެއް ނެތް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި
ސިވިލް ސާވިސް ހިދުމަތުގައި ކުލައެއް ނޯންނާނެ: ރައީސް
މިއީ އެންމެ ތާހިރު ފަސް އަހަރަށް ވާނެ: ރައީސް
ނިޒާމު ބަދަލުކުރުން: ބޮޑު ނިންމުމަކަށް ދާން ތައްޔާރު؟
އަނިޔާ އާއި ޚިޔާނާތް ދެކެން ބޭނުމެއް ނޫން: މައުމޫން