Roadha Mihaaru
ޔާމީންގެ މައްސަލަ ބެންޗަކުން ބަލަން އަނެއްކާވެސް އެދެފި

ޔާމީންގެ މައްސަލަ ބެންޗަކުން ބަލަން އަނެއްކާވެސް އެދިއްޖެ

11 ނޮވެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދަން އަނެއްކާވެސް އެދިފައިވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދަން އަނެއްކާވެސް އެދިފައިވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރާ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ބަލަން ކުރިންވެސް އެދުނެވެ. ބެންޗަކުން މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް އޭރު އެދުނެވެ. ނަމަވެސް އެއީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭރު ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެ މައްސަލަ ބައްލަވަން ނިންމަވައި ހުކުމަކާ ހަމަޔަށް ދިޔަ ފަހުން ހައިލަމްގެ ސުލޫކީ މައްސަލައެއްގައި އޭނާ ސަސްޕެންޑްކޮށް ކޯޓު ހިންގުން މިހާރު ވަނީ ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފަ އެވެ.

ޔާމީންގެ މައްސަލައި އާދީއްތަ ދުވަހު ފަށަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ މައްސަލަ ބެންޗަކުން ބެއްލެވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން، ދަށު ކޯޓުތަކުގައި އާންމު އުސޫލުން ކޮންމެ މައްސަލައެއް ވެސް ބައްލަވާނީ އެންމެ ފަނޑިޔާރަކު އިންނަވައިގެންނެވެ. އެކަމަކު، މައްސަލައެއްގެ ބާވަތަށް ބަލައި، އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުން އެ މައްސަލައެއް ބަލަން ހަމަޖެއްސުމުގެ ބާރު އެ ކޯޓެއްގެ އިސް ގާޒީ އަކަށް އޮންނާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

Massala eh balan bench eh ekulavaalan JSC ah lafaa nudheveyne: JSC

Massala eh balan bench eh ekulavaalan JSC ah lafaa nudheveyne: JSC

The most trusted news source in the Maldives

Mihaaru

ބެންޗަކުން މައްސަލަ ބަލަން ނޭންގޭނެ ކަމަށް ޖޭއެސްސީން ބުނުން--

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ޝަރީއަތް މިމަހު 17 އަށް ތާވަލްކޮށްފައި ވަނީ އެއީ މިސަރުކާރަށް އަހަރު ފުރޭ ދުވަސް ކަމަށް ވާތީ ކަމަށެވެ. ސަރުކާރުން ތައްޔާރުވަނީ ނުފޫޒު ފޯރުވައިގެން ޔާމީން ޖަލަށް ލާން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

ޔާމީން ޖަލަށް ލުމަށް ފެނޭތޯ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވިޓާ މެދުވެރިކޮށް ނަގާފައިވާ ޕޯލަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން މަހުލޫފް ކުރައްވާ ކަމެކެވެ.

"އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ. މިނިސްޓަރުން ސޯޝަލް މީޑިއާގައި ދަނީ ޝަރީއަތަށް ނުފޫޒު ފޯރުވަމުން،" ވޭތުވެދިޔަ ދެ ދައުރުގައި މަޖިލިސް މެމްބަރުކަން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

"މުޅި ސަރުކާރުގެ ފޯކަސް އޮތީ ރައީސް ޔާމީން ހައްޔަރުކުރުމަށް. ނޮވެމްބަރު 17 އަށް އެޖެންޑާ ކުރުމަކީ ވެސް ރާވައިގެން ކުރި ކަމެއް،"

އަބްދުއްރަހީމް ވިދާޅުވީ މިއަށްވުރެ ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ވެރިކަމެއް ނެތް ކަމަށެވެ. ޖޭއެސްސީ އިން ވަނީ މުޅި ގައުމު ހައިޖެކްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރު ބަދަލުކުރަން މަގުމައްޗަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.

"ޖުޑީޝަރީ ފުނޑާލާތަން ބަލަން ނުތިބެވޭނެ. މަގުމައްޗަށް ނުކުމެ މި ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރަން ވެއްޖެ،" ޕީޕީއެމާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްސަލަ ބެއްލެވި އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ ނަސްރު ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުރި ކުރެހުމެއް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި މައްސަލައިގަ އެވެ. އެ މައްސަލައިގައި ހައިލަމް ސަސްޕެންޑް ކުރުމަށް ފަހު އޭނާއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސްޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އެކަމަކު ހައިލަމް ނެރުއްވި ބަޔާނުގައިވަނީ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިން ހޯދަން ސަރުކާރުގެ އެކި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށާއި ސަސްޕެންޑްކުރީ އެ ޔަގީންކަން ނުލިބިގެން ކަމަށެވެ.