Roadha Mihaaru
"ނޯ ޓައިމް ޓު ޑައި" ގެ ޓްރެއިލާ ދައްކާލައިފި

"ނޯ ޓައިމް ޓު ޑައި" ގެ ޓްރެއިލާ ދައްކާލައިފި

05 ޑިސެމްބަރ 2019

އަންނަ އަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރާނެ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓް ޑައި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރާނެ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓް ޑައި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކުރިން ވެސް އުންމީދު ކުރެވުނު ގޮތަށް ޓްރެއިލާ އިން ވަނީ ފިލްމަށް އިންތިޒާރުކުރަން ޖެހޭ ވަރުގެ އެތައް މަންޒަރެއް ދައްކާލައިފަ އެވެ. މިއީ ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ ވަރުގަދަ އެކްޝަންތަކާ އެކު ގެނެސްދޭ ވަރަށް ސްޓައިލިޝް ފިލްމަކަށްވެގެން ދާނެ އެވެ.

"ނޯ ޓައިމް ޓް ޑައި" މި ފަހަރު އެންމެ ހާއްސަވާ އެއް ކަމަކީ އެންމެ ފަހުން ގެނެސްދިން ބޮންޑް ސީރީޒްގެ ހަތަރު ފިލްމުގައި ޓައިޓްލް ރޯލް ކުޅުނު ޑެނިއެލް ކްރެއިގް މި ފިލްމަށް ފަހު ބޮންޑްގެ ކެރެކްޓާ އަށް އަލްވަދާއު ކިޔާތި އެވެ. އެހެންވެ އޭނާގެ ފަހު ފިލްމުގައި ބޮންޑްގެ ރޯލަށް އިންސާފުކޮށް ދީފައިވާ މިންވަރު ވަޒަންކޮށްލަން މި ފިލްމު ކޮންމެހެން ވެސް ބަލައިލަން ޖެހޭނެ އެވެ.

މީގެ އިތުރުން "ނޯ ޓައިމް ޓް ޑައި" ގެ ހާއްސަ އަނެއް ކަމަކީ މިދިޔަ އަހަރު ރިލީޒްކުރި "ބޮހީމިއަން ރަޕްސޮޑީ" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ހިއްލައިލި ރަމީ މާލިކް ފިލްމުގެ މައި ވިލަންގެ ރޯލުން ފެނިގެން ދިއުމެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ "ނޯ ޓައިމް ޓް ޑައި" ގެ ކާސްޓުންގެ ތެރޭގައި ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ. މި ތަރިންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ޓްރެއިލާ ދައްކައިލުމުގެ ކުރިން ޖޭމްސް ބޮންޑްގެ ރަސްމީ ޓްވިޓާގައި ވެސް ދައްކާލާފައިވެ އެވެ.

"ނޯ ޓައިމް ޓް ޑައި" އިނގިރޭސިވިލާތުގައި އަންނަ އެޕްރީލް 2 ގައި ޕްރިމިއާކުރުމަށް ފަހު، ދުނިޔޭގެ އެކި ހިސާބުތަކުގައި ފިލްމު ދައްކަން ފަށާނީ އެޕްރީލް މަހުގެ 8 އިން ފެށިގެންނެވެ. މި ފަހަރު ފިލްމު ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ބޮންޑް ސީރީޒްގެ ފިލްމަކަށް އެންމެ ފަހުން ސިނަމާތަކަށް އައީ 2015 ގައި ރިލީޒްކުރި "ސްޕެކްޓާ" އެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 880.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ނޯ ޓައިމް ޓް ޑައި" އަށް ފަހު، ބޮންޑްގެ 26 ވަނަ ފިލްމުގެ ޓައިޓްލް ރޯލުން ބަތަލާއަކު ފެނުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ބޮންޑްގެ ތާރީހަށް އިންގިބާލެއް ގެންނާނެ ބޮޑު ބަދަލަކަށްވާނެ އެވެ.