Roadha Mihaaru
"ނޯ ޓައިމް ޓު ޑައި" ގެ އާ ޓްރެއިލާއެއް

"ނޯ ޓައިމް ޓު ޑައި" ގެ އާ ޓްރެއިލާއެއް ދައްކާލައިފި

03 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކާ އެކު ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިިގަންނަ ގޮތަށް ދެވަނަ ޓްރެއިލާއެއް ނެރުނު އިރު، މި ފިލްމަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަހު ފިލްމެވެ. "ނޯ ޓައިމް ޓު ޑައި" އަކީ އޭނާ ބޮންޑްގެ ރޯލު ކުޅުނު ފަސް ވަނަ ފިލްމެވެ.

އޭނާ ބޮންޑްގެ ރޯލަށް ނުކުތީ 2006 ގައި ރިލީޒްކުރި "ކެސިނޯ ރޯޔޭލް" އިންނެވެ. އޭގެ ފަހުން 2008 ގެ "ކްއަންޓަމް އޮފް ސޮލޭސް"، 2012 ގެ "ސްކައިފޯލް" އަދި 2015 ގެ "ސްޕެކްޓާ" ގައި އިނގިރޭސި ޖާސޫސީ އޭޖެންޓް ބޮންޑްގެ ރޯލް ކުޅުނެވެ.

ކުރިން މި އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން އުޅުނު ފިލްމު ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރިލިޒްކުރުން ފަސްކޮށްފައިވާ އިރު، މިހާރު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައި އޮތީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން އެ މަހުގެ 12 ގައި ރިލީޒްކުރާނެ ކަމަށް ކުރިން އިއުލާންކޮށްފައި ވިޔަސް، އާ ޓްރެއިލާއެއް ދައްކައިލި އިރު ތާރީހާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ސަބަބަކީ ނޮވެމްބަރު 12 ގައި ރިލީޒްކުރާނެ ކަމަށް އޭގައި ނުބުނާތީ އެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކެރީ ޖޯޖީ ފުކުންގާ އެވެ. "ނޯ ޓައިމް ޓު ޑައި" ގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ލިއާ ސިޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ކްރިސްޓޯފާ ވޯލްޒް، ރާފް، ފިއެނެސް އަދި ޖެފްރީ ރައިޓް ފަދަ ތަރިން ހިމެނެ އެވެ.