Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

07 ޑިސެމްބަރ 2019

އެމެރިކާގައި 11 މަސް ދުވަހު ކެންސަރަށް ފަރުވާ ހޯދުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ އަށް އެނބުރި ދިޔަ އެކްޓަރު ރިޝީ ކަޕޫރް ފިލްމެއްގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި 11 މަސް ދުވަހު ކެންސަރަށް ފަރުވާ ހޯދުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ އަށް އެނބުރި ދިޔަ އެކްޓަރު ރިޝީ ކަޕޫރް ފިލްމެއްގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ އޭނާ ފަރުވާ އަށް ފުރުމުގެ ކުރިން ޝޫޓިން ފަށާފައި އޮތް ފިލްމެވެ. ބަތަލާ ޖޫހީ ޗާވްލާއާ އެކު ކުޅޭ ފިލްމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން ނިންމައި، އެ ވާހަކަ އޭގެ ޓީމުން ވެސް ވަނީ ހިއްސާކޮށްފަ އެވެ. ރިޗީ ފަރުވާ އަށް ފުރައިގެން ދިއުމާ އެކު އޭނާ އެނބުރި އަންނަންދެން ފިލްމުގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

"ޝަރުމާޖީކީ ނަމްކީން" ގެ ނަން ދީފައިވާ މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓާއި ހަނީ ތެހެރާނާއި އަބީޝެކް ޗޯބޭގެ ފިލްމު ކުންފުނި މެގޯފިން ޕިކްޗާޒް އިން ހަދާ ފިލްމެކެވެ.

މީގެ މަސައްކަތް ފަށަން ރިޝީ ތައްޔާރުވަމުން އަންނަ އިރު، އޭނާ ކުރިން ޝޫޓްކޮށްފައި އޮތް ފިލްމެއް މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ. އެއީ އިމްރާން ހާޝިމީ ވެސް މުހިއްމު ރޯލެއް ކުލެފައިވާ މިސްޓްރީ ތުރިލާ "ދަ ބޮޑީ" އެވެ.

ރިޝީ ފަރުވާ އަށް ފަރުވާ އަށް ފުރައިގެން ދިޔަ ފަހުން ވެސް އޭނާގެ ދެ ފިލްމެއް ރިލީޒްކޮށްފައިވެ އެވެ. އެއީ "ޖޫޓާ ކަހީ ކާ" އާއި ނެޓްފްލިކްސް އިން ސްޓްރީމްކުރި "ރާޖްމާ ޗާވަލް" އެވެ.

ހިމޭޝްގެ ފިލްމު އަނެއްކާ ވެސް ލަސްކޮށްފި

ކުރިން މިދިޔަ ސެޕްޓެމްބަރުގެ މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ނިންމުމަށް ފަހު އަންނަ މަހަށް ފަސްކުރި ހިމޭޝް ރޭޝަމިއާގެ އާ ފިލްމު "ހެޕީ، ހާޑީ އެންޑް ހީރު" އަނެއްކާ ވެސް ފަސްކޮށްފި އެވެ.

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 11 ގެ ޖަޖިން ޕެނެލާ އަލަށް ގުޅުނު ހިމޭޝްގެ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 3 ގެ ބަދަލުގައި އެ މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ ޑަބަލް ރޯލަކުން ފެންނަ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ރާކާ އެވެ.

"ހެޕީ، ހާޑީ އެންޑް ހީރު" ގެ ބަތަލާ އަކީ ސޯނިއާ މަން އެވެ. މި ފިލްމަކީ ދާދި ފަހުން ބޮޑު މަޝްހޫރު ކަމެއް ހޯދި ރާނޫ މޮންޑާލް ލަވަކިޔައި ދީފައިވާ ފިލްމެވެ.

"މަރުދާނީ 2" ގެ މޭކިން ޔޫޓިއުބަށް

މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ ރާނީ މުކަރްޖީގެ ފިލްމު "މަރުދާނީ 2" ގެ މޭކިން، އެ ފިލްމު ޕްރޮޑިއުސްކޮށްފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޔޫޓިއުބަށް ދޫކޮށްލައިފި އެވެ.

ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މޭކިންގައި ރާނީ އާއި ފިލްމުގެ ޓީމް ފިލްމު ހަދަންކޮށްފައިވާ މަސައްކަތްތަކާއި ތަޖުރިބާތައް ހިއްސާކޮށްފައިވެ އެވެ. "މަރުދާނީ 2" ގައި ރާނީ ފެނިގެންދާނީ އަންހެނުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުން ހަމަބިމަށް ތިރިކުރަން މަސައްކަތްކުރާ ހިތްވަރުގަދަ ޖެހިލުން ކުޑަ ފުލުހެއްގެ ރޯލުންނެވެ.

މި ފިލްމަކީ 2014 ގައި ރިލީޒްކުރި "މަރުދާނީ" ގެ ދެވަނަ ބައެވެ.

"ގޯސްޓް ސްޓޯރީޒް" ގެ ޓީޒާއެއް

އަންނަ މަހުގެ 1 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ބޮލީވުޑްގެ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ނުފޫޒު ގަދަ ހަތަރު ޑައިރެކްޓަރެއްގެ ސެގްމަންޓްތަކެއް ހިމެނޭ މި ފިލްމުގައި މުޅިން ވެސް ބިރުވެރި ވާހަކަތަކެއް ކިޔައިދޭ އިރު، ފިލްމުގެ ޑައިރެކްޓަރުންނަކީ ޒޯޔާ އަޚްތަރާއި ކަރަން ޖޯހަރާއި އަނޫރާގް ކެޝަޕްގެ އިތުރުން ދިބާކަރު ބެނަޖީ އެވެ. މި މީހުންނަކީ މިދިޔަ އަހަރު ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ވެސް ހެދި ޑައިރެކްޓަރުންނެވެ.

"ގޯސްޓް ސްޓޯރީޒް" ގައި ކަރަންގެ ސެގްމަންޓްގެ ތަރިންނަކީ އަވިނާޝް ތިވާރީ އާއި މުރްނާލް ތާކޫރްގެ އިތުރުން ކުޝާ ކަޕިލާ އެވެ. ޒޯޔާގެ ސެގްމަންޓުން ފެންނާނީ ޖާންވީ ކަޕޫރާއި ވިޖޭ ވަރުމާ އާއި ރަގްވީރު ޔާދަވް އެވެ.

އަނޫރާގްގެ ސެގްމަންޓްގެ ތަރިންނަކީ ސޮބީތާ ދުލިޕާލާ އާއި ޕަވާލީ ގުލާޓީ އެވެ.