23 ޑިސެމްބަރ 2019
ރ. މަޑުއްވަރީ ދިރިއުޅޭ މީހުންގެ ތެރެއިން މަދު ބަޔަކު ފަތުރަައި އަމަލުކުރަމުން ދިޔަ ހައްދުފަހަނާޅާފައިވާ ފިކުރުގެ ނުރައްކާ އެ ރަށުގައި ކުޑަކުރެވިއްޖެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރ. މަޑުއްވަރީ ދިރިއުޅޭ މީހުންގެ ތެރެއިން މަދު ބަޔަކު ފަތުރަައި އަމަލުކުރަމުން ދިޔަ ހައްދުފަހަނާޅާފައިވާ ފިކުރުގެ ނުރައްކާ އެ ރަށުގައި ކުޑަކުރެވިއްޖެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފުލުހުންނާއި ސިފައިން މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފެށީ އެ ރަށުގައި ދިރިއުޅޭ ހަރުކަށި ފިކުރުގެ ބައެއްގެ ވިސްނުން ނުރައްކާތެރި ދަރަޖައަކަށް ދިއުމުންނެވެ. އެއް ހާދިސާއަކީ ހިޔާލުތަފާތުވުމެއްގައި، ކަނޑުމަތީގައި ހަމަލާދީ މީހަކު ޒަހަމްކޮށްލުމެވެ. މި ހާދިސާ އިން އެހެން ކަންބޮޑުވުންތަކެއް ވެސް ފެންމަތިވި އެވެ. އޭގެތެރޭގައި މީހުން ކުފުރުކުރުމާއި ޣަނީމާ މުދާ ކަމަށް ބުނެ ވައްކަންކޮށް މުދާ ފޭރުމާއި ކައިވެނީގެ ނަމުގައި ކުޑަކުދިން ރޭޕްކުރުމާއި ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ވެކްސިން ނުދިނުމާއި ކުޑަ އަންހެން ކުދިން ކިޔެވުމުން މަހްރޫމްކުރުމާއި އަންހެނުންނާއި ކުޑަ ކުދިން ގެއިން ބޭރަށް ނުނެރެ ބަންދުކޮށްގެން އުޅުން ހިމެނެ އެވެ.
ރަށުގެ އާއްމުންނާ ވަކިވެގެން އުޅޭ ބަޔަކު ހިންގާ މި އަމަލުތައް ހުއްޓުވަން އެ ރަށުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ހަފުތާގަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "މިހާރު"އަށް ވިދާޅުވީ ފުލުހުންނާއި ސިފައިން އަދި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން މަޑުއްވަރީގައި ހިންގި އޮޕަރޭޝަން މިދިޔަ ހޮނިހިރުދުވަހު ނިންމާލާފައިވާ ކަމަށެވެ. އެކަމަކު، އަދިވެސް އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ ބޮޑުން ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި މަޑުއްވަރިން ތިން މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަށުން ހައްޔަރު ކުރީ ހުސެއިން ސިޔާދު، 34، އާއި ހަސަން ރާޒީ، 29، އާއި އެ ރަށުގައި އުޅޭ ނ. މަނަދޫ މީހެކެވެ. އުމުރުން 30 އަހަރުގެ އެ މީހާގެ ނަމެއް ރަށުގެ ގިނަ މީހުންނަކަށް ނޭނގެ އެވެ. މި މީހުން ދިރިއުޅޭ ގެތަކާއި އެ ރަށުގެ އެހެން ގެތަކާއި ދޯނިތަކެއް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ ސާމާނު ހޯދައިފަ އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުންނާ ގުޅުން ހުރި ތަކެތި އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް އެބަދެ އެވެ.
މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ:މަޑުއްވަރީ އޮންލައިން
ހަރުކަށި ފިކުރު ރާއްޖޭގައި މޫލައި ބިރުވެރި ދަރަޖައަކަށް ހާލަތު ގޮސްފައިވާތީ އެކަމާ ދެކޮޅަށް ފެށި މަސައްކަތުގައި ފުރަތަމަ ރަށަކަށް މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގީ އެ ރަށަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީން ތިލަވި ކަންކަމާއި ކަމާބެހޭ އިދާރާތަކަށް އެ ރަށާ ގުޅޭ ގޮތުން ލިބިފައި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހު އޭނާ ވިދާޅުވި އެވެ.
"މަޑުއްވަރި އެކަންޏެއް ނޫން، ރާއްޖޭގެ އެކި ހިސާބުތަކުގައި މައްސަލަތައް ހުރި ރަށްތަކާއި ހާލަތު ސަރުކާރަށް ވަނީ ދެނެގަނެވިފައި،" ނަޒީރު ވިދާޅުވި އެވެ.
އޮޕަރޭޝަން ހިންގުމަށް ފަހު މަޑުއްވަރި ދޫކޮށްލީއެއް ނޫނެވެ. ހަރުކަށި ފިކުރަށް ތަބާވެ ތިބި އާއިލާތައް ދީނީ ގޮތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާއިރު، ހައްގުތަކުން މަހްރޫމްކުރި އަންހެނުންނާއި ކުޑަކުދިންނަށް ސައިކޯ ސޯޝަލް ސަޕޯޓް ޖެންޑާ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ސަލާމަތީ ޚިދުމަތްތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މަޑުއްވަރީގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ސަރުކާރުން ފާހަގަކުރެ އެވެ. އެ އޮޕަރޭޝަނާ ގުޅިގެން މަޑުއްވަރީގެ ނަން އާއްމުވި ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުއްޓަސް ސަރުކާރުން އިސްކަމެއް ދިނީ މަދު ބައެއްގެ ފަރާތުން އެ ރަށާއި ޖުމްލަކޮށް މުޅި މުޖުތަމައަށް އޮތް ނުރައްކާ ކުޑަކޮށް، މަޑުއްވަރީގައި އަމާންކަމާއި ހަމަޖެހުން ކަށަވަރުކޮށްދިނުން ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"އޮޕަރޭޝަން ނިމުނަސް މަޑުއްވަރި މޮނިޓަކޮށް، ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބަލާނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަނީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. އެ ރަށުގައި ދިރިއުޅޭ ހަރުކަށި ފިކުރުގެ މީހުން ވެސް ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އެ މީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައިވާ ގޮތުގައި ހަރުކަށި ފިކުރު ފަތުރާ މީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެކެވެ. އެ ރަށުގެ ގެއަކުން ވަނީ ކޯޓުން ބޭރުގައި ކުރި ކައިވެންޏެއްގެ ސެޓްފިކެޓް ވެސް ހޯދައިފަ އެވެ.
ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.
ހައްމާދާއި އާސިފް އަދިވެސް ބަންދުގައި
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ބަނގުރާ ކެއްކި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި
ފުލުހުންނަށް ހިމާޔަތެއް ނެތް،އަހަރެމެންގެ ހާލަކީ ކޮބާ؟
ރައްޔިތުން ނުކުމެ ގަންހިންގާ ހިސާބަށް ދިޔައީތަ؟
އާއިލާގެ އެސެސްމަންޓް ހަދައި،ތަހުގީގު ހިންގޭނެތޯ ބަލަނީ
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
ރަހީނުކުރި ސިފައިންގެ މީހާ އޭޓީއެމަށް ނުގެންދޭ: ޕޮލިސް
ސިފައިންގެ މީހާއަށް އަނިޔާކުރި ބަޔަކު ހައްޔަރުކޮށްފި
ސިފައިންގެ މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި