Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

27 ޑިސެމްބަރ 2019

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

"މުގާބަލާ" އަށް ފަހު، ދޫކޮށްލި ލަވަ އަކީ ވަރުން ދަވަން އާއި ނޯރާ ފަތެހީގެ ވަރުގަދަ ނެށުންތަކެއް ފެންނަ "ގަރުމީ" އެވެ. މި ލަވައިގެ މިއުޒިކާއި ޅެން ބާދުޝާ ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ އޭނަ އާއި ނޭހާ ކައްކަރެވެ. "ގަރުމީ" އަކީ ނޯރާ އާއި ވަރުންގެ ކެމިސްޓްރީ ތަޖުރިބާ ކޮށްލަން ލިބޭ ފުރަތަމަ ލަވަ އެވެ.

"ސްޓްރީޓް ޑާންސާ" އަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ކާސްޓުން ޝްރަދާ ކަޕޫރާއި ޕްރަބޫދޭވާގެ އިތުރުން އިންޑިއާގެ ވަރަށް ގިނަ ނެށުންތެރިން ފެންނާނެ އެވެ.

ތިން ފިލްމަކަށް އާ ތާރީޚުތަކެއް

އަންނަ އަހަރު ރިލީޒްކުރާ ތިން ފިލްމެއްގެ ތާރީޚުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެގޮތުން މި މަހުގެ 31 އަށް ތާވަލު ކޮށްފައި އޮތް ޑައިރެކްޓަރު ހެންސެލް މެހެތާގެ "ޗަލާންގް" މިހާރު ވަނީ މާޗް 13 އަށް ފަސްކޮށްފަ އެވެ. އެ ފިލްމުގެ ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އެވެ.

މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ "މަލަންގް" ރިލީޒްކުރާ ތާރީޚަކަށް މިހާރު ހަމަޖައްސާފައި ވަނީ ކުރިން ތާވަލުކުރި ތާރީޚުގެ އެއް ހަފުތާ ކުރިން ފެބްރުއަރީ 7 ގަ އެވެ. އެ ފިލްމުގެ ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީ އާއި އަނިލް ކަޕޫރްގެ އިތުރުން ކުނާލް ކޭމޫ އެވެ.

އެކި ފަހަރު މަތިން ތާރީޚު ބަދަލުވަމުން ގޮސް ޑައިރެކްޓަރު އަނޫރާގް ބާސޫ އަދި ނަން އިއުލާން ނުކުރާ ފިލްމު މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ އޭޕްރީލް 24 އަށެވެ. ތަރިންނަކީ އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރު ރާއޯ، އަދިތިޔާ ރޯއި ކަޕޫރް އަދި ސާނިއާ މަލްއުތުރާ އެވެ.

"ދަސް ބަހާނޭ" ގެ އާ ވާޝަން "ބާގީ 3" ގައި

ދާދި ފަހުން މީޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންނަ އަހަރު ރިލީޒްކުރާ ޓައިގާ ޝްރޮފްގެ ފިލްމު "ބާގީ 3" ގެ ލަވައަކުން މިދިޔަ އަހަރު ރިލީޒްކުރި މި ސީރީޒްގެ ދެވަނަ ފިލްމުގެ ބަތަލާ ޑިޝާ ޕަޓްނީ ފެނިގެން ދާނެ އެވެ.

އެ ލަވައިގެ ޝޫޓިން ވެސް މިހާރު ނިންމާލާފައިވާ އިރު، ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޓައިގާއާ އެކު ޑިޝާ ފެނިގެން ދާނެ ލަވަ އަކީ 2005 ގައި ރިލީޒްކުރި ފިލްމު "ދަސް" ގައި ހިމެނޭ ހިޓް ލަވަ "ދަސް ބަހާނޭ ކަރްކޭ" ގެ އާ ވާޝަނެކެވެ.

އެ ލަވަ އަކީ ވިޝާލް-ޝޭކަރުގެ މިއުޒިކަށް ކޭކޭ އާއި ޝާން ކިޔާފައިވާ ލަވަ އެކެވެ. ނަމަވެސް "ދަސް ބަހާނޭ ކަރްކޭ" ގެ އާ ލަވަ ކިޔާފައި ވަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

"ބާގީ 3" އަކީ އަންނަ އަހަރުގެ މާޗް 6 ގައި ރިލީޒްކުރާ ފިލްމެކެވެ.

ސޮނީގެ އާ ޑާންސް ޝޯގެ ޕްރޮމޯއެއް

ސޮނީ ޓީވީން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ އާ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ޕްރޮމޯތަކެއް ދައްކާލައިފި އެވެ.

އުމުރުން 15 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ޝޯ ގެ ތިން ޖަޖުންގެ ތެރެއިން ދެ ޖަޖުންނަކީ ކޮބައިކަން ޕްރޮމޯއިން ވަނީ ޔަގީންކޮށް ދީފަ އެވެ. އެއީ އެތައް ޝޯއެއް ޖަޖް ކޮށްފައިވާ ގީތާ ކަޕޫރާއި ޓެރެންސް ލެވިސް އެވެ. ތިން ވަނަ ޖަޖަކީ މަލައިކާ އަރޯރާ ކަމަށް ވެ އެވެ.

"އިންޑިއާސް ބެސްޓް ޑާންސާ" ހޯސްޓް ކުރަނީ ކައިވެނި ކޮށްގެން އުޅޭ ދެ ކޮމީޑިއަނުން ކަމަށްވާ ބާރުތީ ސިންގް އާއި ހާޝް ލިމްބާޗިއާ އެވެ.

ޝޯ ދައްކަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަކަށް އޮޑިޝަންތައް ފަށާނެ އެވެ.