ހިމަ ބިހި ޖެހިފައި ވަނިކޮށް ދާދި ފަހުން ފެނުނީ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިން ކަމަށާއި ފަރުވާ ދިނުމަށް ފަހު، އެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
11 ޖެނުއަރީ 2020
ހިމަ ބިހި ޖެހިފައި ވަނިކޮށް ދާދި ފަހުން ފެނުނީ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިން ކަމަށާއި ފަރުވާ ދިނުމަށް ފަހު، އެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކުރިން އިއުލާން ކޮށްފައި ވަނިކޮށް އަނެއްކާވެސް ހިމަބިހި ފެނިފައިވާ ކަމަށް ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފަ އެވެ. ރާއްޖެ އިން އަނެއްކާ ވެސް ހިމަބިހި ފެނުނުއިރު، އެ ބަލި ނައްތާލާފައިވާ ކަމުގެ އެވޯޑް، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ސެޕްޓެމްބަރު 6، 2017 ގައި ދީފަ އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ، އުމުރުން ތިން އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ނުދީ ހުރި ކުއްޖެއް ކަމަށެވެ. އެކަމަކު، އައިޖީއެމްއެޗްގައި ފަރުވާދީ އެ ކުއްޖާ ރަނގަޅު ވުމުން އަދި އެ ކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވުމުން އެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ރާއްޖެއިން ހިމަބިހި ފެނުމާއި ބެހޭ ޕްރެސް ރިލީސް@MoHmv @raajjemv @Mihaarunews @VaguthuOnline @avasmv @psmnewsmv @Ch13official @Sangu_tv @VTVvmedia @cnm_mv pic.twitter.com/lVH0H5voVe
— HPA Maldives (@HPA_MV) January 11, 2020
އެޗްޕީއޭގެ ނޫސްބަޔާން
އެޗްޕީއޭ އިން ބުނިގޮތުގައި، އެ ކުއްޖާގެ ފަރާތުން ބަލި ފެެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްތަކުގައި އެ ކުއްޖާއާ އެކު އުޅުނު މީހުން ހޯދައި، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، މިމަސް ފެށުނު ފަހުން އެ ކުއްޖާ ޒިޔާރަތްކުރި ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ ބަޔާނުގައި އެދިފައިވެ އެވެ.
ބަޔާނުގައިވާ ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގައިި ހުރި ކެފޭތަކަށް ހަވީރުގެ ވަގުތުތަކުގައި ދިޔަ ފަރާތްތަކާއި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 8 އިން ފެށިގެން 11 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ ފަރާތްތަކުން ސަމާލުވާން ޖެހެ އެވެ.
އަދި، މި މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން ރޭގަނޑު 9 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުންގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 7 އިން ފެށިގެން 10 އާ ހަމައަށް ސެނަހިޔާއަށް ޒިޔާރަތްކުރި މީހުންނާއި މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 7 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުންނާއި މި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް ޓްރީޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުން ވެސް އެކަމަށް ސަމާލުވާން ޖެހޭނެ އެވެ.
އެ ދުވަސްތަކުގެ އެ ވަގުތުތަކުގައި އެ ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ވެކްސިން ޖެހުމަށާއި 21 ދުވަސް ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ، ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އެދެ އެވެ.
އެ އިދާރާ އިން ބުނީ، ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރުު އިއުލާން ކުރިޔަސް، އެ ބަލި އުޅޭ އެހެން ގައުމުތަކުން ރާއްޖެ އަށް މީހުން ޒިޔާރަތް ކުރާތީ އެފަދަ ބައްޔެއް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް ރާއްޖެ އިން ބޭރުގައި ދިވެއްސަކަށް އެ ބަލި ޖެހުނު ކަމަށާއި އެހެންވެ، ހުރިހާ ފަރާތްތަކުން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން އެދޭ ކަމަށް އެޗްޕީއޭ އިން އެދެ އެވެ.
ރާއްޖެ އިން ހިމަބިހި ނައްްތާލާފައިވާ ކަން ޖޫން 13، 2017 ގައި ހެލްތު މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތަށް އިއުލާން ކުރީ އެ ބަލި ނައްތައިލުމަށް ހިންގި ގައުމީ ފެންވަރުގެ ކެމްޕެއިނަކަށް ފަހު އެވެ. ހިމަބިހިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ 1983 ގަ އެވެ. އަދި އެ ބަލި ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ރާއްޖޭން ފެނުނީ 2009 ގަ އެވެ.
ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކު ފެނިއްޖެ
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި
ވެކްސިން ޖަހާ ސެންޓަރުތައް ހުހަށް!
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ
ވެކްސިން ޖަހަން 20،000 މީހުން ރަޖިސްޓަރީކޮށްފި
40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން
ދެ ދުވަހުގެ ޓެސްޓުތަކުގައި ހިމަބިހި ޖެހުނު މީހަކު ނެތް
18 އަހަރުން ދަށުގެ ކުދިންގެ ވެކްސިނާ ބެހޭ ދަފްތަރެއް
ތިންވަނަ މީހަކަށް ހިމަބިހި ޖެހިއްޖެ
ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު