Roadha Mihaaru
ހެލްމެޓް ނާޅައި ދުއްވުމުގެ އަދަބަކަށް މަޒުމޫނު ލިޔުން

ހެލްމެޓް ނާޅައި ދުއްވުމުގެ އަދަބަކަށް މަޒުމޫނު ލިޔުއްވައިފި

18 ޖެނުއަރީ 2020

އިންޑިއާގެ ބޯޕާލްގައި ހެލްމެޓް ނާޅައި ދުއްވުމުގެ އަދަބެއްގެ ގޮތުން މަޒުމޫނު ލިޔުއްވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބޯޕާލްގައި ހެލްމެޓް ނާޅައި ދުއްވުމުގެ އަދަބެއްގެ ގޮތުން މަޒުމޫނު ލިޔުއްވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ހަ ދުވަގެ މުއްދަތަކަށް ކުރިއަށް ގެންގޮސް ހުކުރު ދުވަހު ނިންމައިލި "ރޯޑް ސޭފްޓީ ވީކް" ޕްރޮގްރާމްގެ ތެރޭގައި ވަނީ ހެލްމެޓް ނާޅައި ސައިކަލް ދުއްވި 150 މީހަކު ލައްވައި އަދަބެއްގެ ގޮތުން މަޒުމޫނު ލިޔުއްވައިފަ އެވެ. ސަތޭކަ ލަފުޒަށް ވުރެ ކުރު ނުވާ ގޮތަށް މަޒުމޫނު ލިޔުއްވީ ހެލްމެޓް ނާޅައި ދުއްވަން ޖެހުނު ސަބަބު ހާމަކޮށްދިނުމަށެވެ.

އަދި އެންމެ ރަނގަޅު މަޒުމޫނުތައް ހޮވައި އިނާމެއްގެ ގޮތުގައި ހެލްމެޓް ވެސް ދީފައިވެ އެވެ.

ހެލްމެޓަަކީ ސައިކަލް ދުއްވާ އިރު، ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެޅުން މަޖުބޫރު އެއްޗެކެވެ. އެގޮތުން ދުއްވާ މީހާގެ އިތުރުން ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އަޅަން ޖެހެ އެވެ.

ބޯޕާލް ފުލުހުންގެ އެޑިޝަނަލް ސުޕްރިންޑެންޓް ޕްރަދީޕް ޗޯހަން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވީ ސައިކަލް ދުއްވާ އިރު ހެލްމެޓް ނާޅާ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ހެލްމެޓް އެޅުމަކީ ގާނޫނީ ގޮތުން ލާޒިމުކުރާ ކަމަކަށްވާތީ، ގަވައިދާ އެއްގޮތަށް އަމަލުނުކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އެ މީހެއްގެ އަމިއްލަ ސަލާމަތަށްޓަކައި ކުރަން ޖެހޭ ކަމެއް. އެހެންވީމަ ގާނޫނަށް ވެސް ތަބާނުވެ، ހެމްލެޓް ނާޅާ ކަމަށް ވަންޏާ އެ ނާޅައި ސަބަބު ޖެހޭނެ ސާފުކޮށްދޭން." ޕްރަދީޕް ވިދާޅުވި އެވެ. "އެހެންވީމަ ފުލުހުން ފިޔަވަޅު ނާޅައި ފަސޭހައިން ދޫކޮށްލާނެ ކަމެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި "ރޯޑް ސޭފްޓީ ވީކް" ގެ ބޭނުމަކީ ވެސް މިފަދަ މައްސަލަތަކަށް މީހުން ހޭލުންތެރިކޮށް، ގާނޫނުތަކަށް އަހުލުވެރިކުރުމެވެ. މި ޕްރޮގްރާމްގެ ތެރޭގައި ލީފްލެޓްތައް ބެހުމުގެ އިތުރަށް ދުއްވާ މީހުންގެ ލޮލުހެ ހާލަތު ދެނެގުމަށް ޗެކަޕް ހެދުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.