Roadha Mihaaru
ސައުތުގޭޓަށް މިއީ ރަނުގެ ފުރުސަތެއް: ރޫނީ

ސައުތުގޭޓަށް މިއީ ރަނުގެ ފުރުސަތެއް: ރޫނީ

05 އޮކްޓޯބަރ 2016

ލަންޑަން (އޮކްޓޫބަރު 5) - މިއީ އިންގްލެންޑުގެ ވަގުތީ ކޯޗު ގަރެތު ސައުތުގޭޓަށް އިންގްލެންޑް ދާއިމީ ކޯޗުކަން ހޯދަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 5) - މިއީ އިންގްލެންޑުގެ ވަގުތީ ކޯޗު ގަރެތު ސައުތުގޭޓަށް އިންގްލެންޑް ދާއިމީ ކޯޗުކަން ހޯދަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

އިންގްލެންޑުގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސައުތުގޭޓާ، ވަގުތީ ގޮތުން ޓީމު ހަވާލުކުރީ ކުރީގެ ކޯޗު ސޭމް އެލަޑީސް ވަކިކުރުމަށް ފަހު އެވެ. ސައުތުގޭޓާ ޓީމު ހަވާލުކުރީ މި އަހަރުގެ ނިޔަލަށެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ހަތަރު މެޗެއް ކުޅޭނެ އެވެ. ސައުތުގޭޓް ވަނީ އޭނާގެ ކޯޗުކަމުގައި ވެސް ޓީމުގެ ކެޕްޓަންކަން ކުރާނީ ރޫނީ ކަމަށް ބުނެފަ އެވެ.

ރޫނީ ބުނީ މި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިއްޖެނަމަ އިންގްލެންޑުން ސައުތުގޭޓަށް ދާއީމީ ކޮންޓްރެކްޓެއް ދޭން ޖެހޭނެ ކަމަށެވެ.

"އެލަޑައިސް ވަކިކުރުމަކީ ލަދެއް. އެކަމަކު އެ ފަދަ ހާލަތެއްގައި އޮތް ޓީމަކާ ހަވާލުވާ ކޯޗަކީ ވަރަށް ކެރޭ މީހެއް. ސައުތުގޭޓަށް މިއޮތީ ރަނުގު ފުރުސަތެއް. އެއީ މި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެގެން ދާއިމީ ކޮންޓްރެކްޓެއް އޭނާ އަށް ހޯދިދާނެ،" ރޫނީ ބުންޏެވެ.

އޭނާ ބުނީ ސައުތުގޭޓް އަންނަނީ އިންގްލެންޑުގެ ޒުވާން ކުޅުންތެރިންނާ އެކު ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން ކަމަށާއި ސީނިއާ ޓީމާ އެކު ވެސް އެކަން ތަކުރާރުކުރެވިދާނެ ކަމަށެވެ.

އިންގްލެންޑާ އެންމެ ފަހުން ހަވާލުވި ދެ ކޯޗުން ވެސް ރޫނީ ކުޅުވާފައިވަނީ ތަފާތު މަގާމުތަކަށެވެ. ރޫނީ ބުނީ ޓީމަށް ފައިދާވާގޮތަށް ކޮންމެ މަގާމަކަށް ވެސް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ.

"ހޮޖްސަން އާއި އެލަޑައިސް އަހަރެން ކުޅުވީ ތަފާތު މަގާމުތަކަަށް. އެލަޑައިސް އަހަރެން ކުޅުވީ 4-3-3 ފޯމޭޝަނުގައި ވާތް ފަޅިން މިޑްފީލްޑަރަކަށް. އެއީ އަހަންނަށް މުޅިން އާ މަގާމެއް. އެ މެޗުގައި އަހަރެންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު. އަހަންނަކީ ކުޅުވާ މަގާމާ މެދު ޝަކުވާކުރާ ކުޅުންތެރިއެއް ނޫން. އެކަމަކު ފާޑުކިއުންތަކަށް ޖަވާބެއް ދޭން ބޭނުން،" ރޫނީ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ވެމްބްލީގައި މޯލްޓާއާ ދެކޮޅަށެވެ.