Roadha Mihaaru
ރޫނީ ބެންޗަށް، ކެޕްޓަންކަން ހެންޑަސަން އަށް

ރޫނީ ބެންޗަށް، ކެޕްޓަންކަން ހެންޑަސަން އަށް

11 އޮކްޓޯބަރ 2016

ލަންޑަން (އޮކްޓޫބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީ ފުރަތަމަ އެގާރައިގައި ނުހިމެނޭއިރު، ޓީމުގެ ކެޕްޓަންކަން ކުރާނީ ޖޯޑަން ހެންޑަސަން ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީ ފުރަތަމަ އެގާރައިގައި ނުހިމެނޭއިރު، ޓީމުގެ ކެޕްޓަންކަން ކުރާނީ ޖޯޑަން ހެންޑަސަން ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ފޯމު ދަށްވުމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ވެސް ރޫނީ އަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި މޯލްޓާއާ ދެކޮޅަށް ރޫނީގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ސައުތުގޭޓް ބުނީ މި މެޗުގެ ފުރަތަމަ އެގާރައިން ރޫނީ އަށް ޖާގަނުދިނީ އޭނާގެ ފޯމު ދަށްވުމުން ނޫން ކަމަށާއި އެއީ ޓެކްޓިކަލް ބަދަލެއް ކަމަށެވެ.

"ސްލޮވީނިއާ އަކީ ފަސޭހަ ޓީމެއް ނޫން. އެ ޓީމާ ދެކޮޅަށް ކުޅޭއިރު ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ. ރޫނީ ދަށްވެގެން ކުރި ބަދަލެއް ނޫން މިއީ. މިމެޗަށް ގެނައި ޓެކްޓިކަލް ބަދަލެއް އެއީ. ރޫނީ އަކީ އަދިވެސް ޓީމުގެ ކެޕްޓަން،" ސައުތުގޭޓް ބުންޏެވެ.

ރޫނީ އަކީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އަދި މިހާރު އޮތް އިންގްލެންޑް ޓީމަށް ބަލާއިރު އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ވެސް ރޫނީ އެވެ. ރޫނީ ބުނީ މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރު އެންމެ އުނދަގޫ ވަގުތުކޮޅު ކަމަށެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި އުނދަގޫ ދުވަސްތަކެއް. އެކަމާ އަހަރެން ދެބަހެއް ނުވަން. ޔުނައިޓެޑްގައި ވެސް އަހަރެން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އިނީ ބެންޗުގައި،" ރޫނީ ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅައިގައި އުނދަގޫ ދުވަސްތައް ވެސް އަންނާނެ ކަމަށާއި ބޭނުންވަނީ ކުޅުން ރަނގަޅުކޮށް ކުރީގެ މަގާމަށް ވާސިލްވުމަށް ކަމަށެވެ.

"ފުޓްބޯޅަ އަކީ މި ކަހަލަ ކަމެއް. ދަށްކޮށް ކުޅެވޭ ދުވަސްތައް އަންނާނެ. އަހަރެން ދެކެނީ އެއީ ހިތްވަރެއްގެ ގޮތުގައި. މަސައްކަތް ކޮށްފިނަމަ ކުރީގެ ކުޅުން އަލުން ތަކުރާރުކުރެވޭނެ،" ރޫނީ ބުންޏެވެ.

ސްލޮވީނިއާ އާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45ގަ އެވެ.