Roadha Mihaaru
"ބަމްބީ" ގެ ލައިވް-އެކްޝަން ފިލްމެއް

ޑިޒްނީގެ "ބަމްބީ" ގެ ލައިވް-އެކްޝަން ފިލްމެއް

27 ޖެނުއަރީ 2020

މީގެ 78 އަހަރު ކުރިން ޑިޒްނީން ގެނެސްދިން ކާމިޔާބު އެނިމޭޓެޑް ފިލްމު "ބަމްބީ" ގެ ލައިވް-އެކްޝަން ފިލްމެއް ވެސް ގެނެސްދޭން ނިންމައި، އޭގެ ތައްޔާރީތައްވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 78 އަހަރު ކުރިން ޑިޒްނީން ގެނެސްދިން ކާމިޔާބު އެނިމޭޓެޑް ފިލްމު "ބަމްބީ" ގެ ލައިވް-އެކްޝަން ފިލްމެއް ވެސް ގެނެސްދޭން ނިންމައި، އޭގެ ތައްޔާރީތައްވާން ފަށައިފި އެވެ.

ޑިޒްނީން ކުރިން ހަދާފައިވާ އެނިމޭޓެޑް ފިލްމުތައް މި ފަހުން ލައިވް-އެކްޝަން ފިލްމުތަކުގެ ގޮތުގައި ގެނެސްދޭން އަރާފައިވާ ފޯރީގެ ތެރޭގައި ބައެއް ފިލްމުތައް ގެނެސްދީގެން ވަނީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި "ޑަމްބޯ" އާއި "ލަޔަން ކިންގް" އަދި "އަލައްދިން" ހިމެނެ އެވެ.

އޭގެ ކުރިން ގެނެސްދީފައިވާ މި ޒާތުގެ ފިލްމުތަކުގެ ތެރޭގައި "އެލީސް އިން ވޮންޑަލޭންޑް" އާއި "ޖަންގަލް ބުކް" ގެ އިތުރުން "ބިއުޓީ އެންޑް ދަ ބީސްޓް" ހިމެނެ އެވެ.

ވެރައިޓީން ބުނިގޮތުގައި 1942 ގައި ގެނެސްދިން އަދި އޮސްކާ އެވޯޑްސް ގެ ތިން ނޮމިޝޭޝަން ވެސް ލިބުނު "ބަމްބީ" ގެ ލައިވް-އެކްޝަން ރިމެކްގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ކެޕްޓަން މާވެލް" ގެ ރައިޓަރު ޖެނެވާ ރޮބަޓްސަން-ޑިވޮރެޓާއި "ސިއެރާ ބުރްގެސް އިޒް އަ ލޫޒާ" ގެ ރައިޓަރު ލިންޒީ ބިއާ އެވެ.

"ބަމްބީ" ހަދަން ނިންމާފައި ވަނީ "ލަޔަން ކިންގް" ވެސް ގެނެސްދިން ގޮތަށް ކޮމްޕިއުޓަ ޖެނެރޭޓެޑް-އިމޭޖަރީ (ސީޖީއައި) ގެ އެހީގަ އެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ.

ޑިޒްނީން މި އަހަރު ގެނެސްދޭން ތާވަލުކޮށްފައި ހުރި ލައިވް-އެކްޝަން ފިލްމުތަކުގެ ތެރޭގައި "މުލާން" ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން 1961 ގައި ގެނެސްދިން "101 ޑަމްލޭޝިއަންސް" ޕްރިކްއެލްއެއް ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި "ކްރުއެލާ" ގެ ނަމުގައި އަންނަ އަހަރު ގެނެސްދޭނެ އެވެ.

މިހާރު މަސައްކަތުގެ މަރުހަލާގައި ހުރި އިތުރު ލައިވް-އެކްޝަން ފިލްމުތަކުގެ ތެރޭގައި "ދަ ލިޓްލް މާމެއިޑް" އާއި "ޕިނޯކިއޯ" އަދި "ސްނޯވައިޓް އެންޑް ދަ ސެވެން ޑްވާފްސް" ހިމެނެ އެވެ.