Roadha Mihaaru
ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރަކަށް އާތިފް

ކުޅުދުއްފުށީ މޭޔަރުކަމަށް ވާދަކުރައްވާ އާތިފަށް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރުކަން

29 ޖެނުއަރީ 2020

ހދ. ކުޅުދުއްފުށީ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު އާތިފަށް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ.

ހދ. ކުޅުދުއްފުށީ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު އާތިފަށް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ޓޫރިޒަމްގެ ނައިބަކަށް ހދ. ކުޅުދުއްފުށީ، މާވިނަ، އަހުމަދު އާތިފް އައްޔަންކުރައްވާފައިވާ ކަމަށެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފަ އެވެ.

ނަމަވެސް އެ ޕްރައިމަރީން ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެ ގޮނޑި ހޯއްދެވީ ޖަމްޝީދު މުހައްމަދެވެ.

އާތިފްގެ އިތުރުން ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ކަމަށް ދެން ވާދަކުރައްވަނީ އެ ރަށު، ހިލްމަން، މުހައްމަދު އާތިފެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އާތިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާ ވެސް ހާސިލުކުރައްވާފައިވެ އެވެ. އާތިފާ އެކު އެ މިނިސްޓްރީގައި މިވަގުތު ތިން ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.