Roadha Mihaaru
ރައީސްގެ ކާރުކޮޅަށް އެޅުނީ ގަހަށް ޖެހި ފެން

ރައީސްގެ ކާރުކޮޅަށް ގަސްދުގައި ފެން އެޅީއެއް ނޫން، އެއީ ގަހަށް ޖެހި ފެން

17 ފެބުރުއަރީ 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުން އިފްތިތާހު ކުރެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށް، އެމަނިކުފާނުގެ ކާރުކޮޅަށް ބަޔަކު ގަސްދުގައި ފެން ޖެހީ ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ހެނދުނު އެ ހާދިސާ ހިނގީ ގެއެއްގެ ޓެރަސްމަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށެވެ.

"..އަދި އެއީ ގަސްދުގައި މީހަކު ކުރި ކަމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގުރޫޕްގައި އިޒްމިއާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގީ، ހެންވޭރު ހީނާމާގޭ ސަރަހައްދުގަ އެވެ.

ގެއެއްގެ ޓެރަސްމަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ރައީސްގެ ކާރުކޮޅަށް ފެން ބަންޑުންވި އިރު އޭގައި އެ ވަގުތު އިނީ އެމަނިކުފާނުގެ ޑްރައިވަރު އެކަންޏެވެ.

މި ހާދިސާ އަށް ފަހު، އެ ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމީ އަދި އެމްޑީޕީގެ ހަރަކާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން، އެމަނިކުފާނުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން، ކުރިއަށް ވުރެ ގިނަ ސެކިއުރިޓީން ހުޅުމާލޭގައި އެ ދުވަހު ހަރަކާތްތެރިވި ކަން ފާހަގަކުރެވުނެވެ.