Roadha Mihaaru
އެމްޑީޕީ 877، ޕީޕީއެމް 673 ގޮނޑިއަށް ވާދަކުރަނީ

އެމްޑީޕީން ވާދަކުރަނީ 877، ޕީޕީއެމުން 673 ގޮނޑިއަށް

24 ފެބުރުއަރީ 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެ ވާދަވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެ ވާދަވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލައިފި އެވެ.

އެޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.

އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި، އެމްޑީޕީން ހުށަހެޅި ފޯމުތަކުގެ ތެެރެއިން 877 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާކަން އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ. ޕީޕީއެމުން ހުށަހެޅި ފޯމުތަކުގެ ތެރެއިން 673 ފޯމު ބަލައިގެންފައި ވާއިރު، ޖުމްހޫރީ ޕާޓީން ވާދަކުރަނީ އެނގިފައިވާ ގޮތުގައި 118 ކެންޑިޑޭޓެކެވެ. އަދާލަތު ޕާޓީން ކުރިމަތިލީ 30 ގޮނޑިއަކަށެވެ.

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ބާއްވާ ފުރަތަމަ އިންތިޚާބުގައި ޖުމްލަ 1،900 މީހުން އިންތިޚާބު ކުރާނެ އެވެ. އެއީ، ކައުންސިލްތަކަށް 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުންނެވެ.

އިންތިޚާބުގައި 540 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ. ވޯޓު އޮފިޝަލުންގެ ގޮތުގައި 6،500 އާއި 7،000 އާ ދެމެދުގެ އަދަދަކަށް މީހުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސުން ވަނީ ލަފާކޮށްފަ އެވެ.