އަންނަ މަހު 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
27 ފެބުރުއަރީ 2020
އަންނަ މަހު 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ކުންފުންޏަށް ބޭނުންވާ ޓެކްނިކަލް މަގާމުތަކަށާއި ނޮން-ސްކިލްޑް މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މި މަގާމުތަކަށް މުވައްޒަފުން ހޮވުމުގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީން ހަވާލުވެފައިވާ މަޝްރޫއުތައް ހިންގަން ކުރިމަތިވާ ގޮންޖެހުން ތެރޭގައި އެކަށީގެންވާ އިކުއިޕްމަންޓާއި މުވައްޒަފުން ނެތުން ހިމެނޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ގިނަ ވަޒީފާތަކަށް ހުޅުވާލީ، އެ މައްސަލައަށް ހައްލެއް ހޯދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ 37 ރަށެއްގައި އެ ކުންފުނީގެ އެކި މަޝްރޫއުތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އިތުރު 10 ރަށެއްގައި މަޝްރޫއުތައް ފަށާނެ ކަމަށާއި އެއިން ކޮންމެ ރަށަކަށް، މަދުވެގެން 10 މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ވެލްޑަރުންނާއި އެކްސްކަވޭޓަރު ޑްރައިވަރުން ފަދަ ޓެކްނިކަލް މަގާމުތަކާއި ސުޕަވައިޒަރުންނާއި އެޑްމިން މަގާމުތަކާއި ކައްކާ އިން ފަދަ މަގާމްތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް ޓެކްނިކަލް ތަމްރީން ދީގެން ނަމަވެސް ވަޒީފާތަކަށް ދިވެހިން ނަގަން ބޭނުން ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ސިޓީއަކުން، އެކަން އެ ކުންފުންޏަށް އެންގުމުން ތަމްރީންގެ ކަންތައް ހަމަޖައްސަދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީފާ އަށް ޝައުގުވެރިކަން ހުންނަ ކަމުގައި ވަނީ ނަމަ، އަޅުގަނޑުމެންނަށް އެޕްލައިކުރީމައި، އަޅުގަނޑުމެން މި ބުނާ މިިނިމަމް ކްރައިޓީރިއާތަކެއް ހަމަވާ ކަމުގައި ވަނީ ނަމަ، އަޅުގަނޑުމެން އެ ބޭފުޅުންނަށް އިތުރު ޓްރެއިނިންތަކެއް ދީފައި އެ މީހުންނަކީ މި ލެވެލްއަށް ގެންދެވޭނެ ބަޔަކަށް ހަދަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އާޒިމް ވިދާޅުވި އެވެ.
އަންނަ މަހުގެ ތެރޭގައި މަޝްރޫއުތަށް ފަށަން ނިންމާފައި ވަނީ ހއ. އިހަވަންދޫ އާއި ހދ. ނެއްލައިދޫ އާއި ހދ. ހަނިމާދޫ އާއި ނ. މިލަންދޫ އާއި ކ.ގުރައިދޫ އާއި އއ. ރަސްދޫގެ އިތުރުން ވ. ރަކީދޫ އާއި ލ. މާވަށް އަދި ގދ. ތިނަދޫގަ އެވެ.
މީގެ ތެރެއިން ބައެއް މަގާމުތަކަށް މިހާރު ވެސް އިއުލާންކޮށްފައި ވާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި ދެން ހުރި މަގާމުތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ހަ މަސް ތެރޭގައި އެ ކުންފުނިން ފަށަން ނިންމާފައިވާ އިތުރު 49 މަޝްރޫއަކަށް އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެ މަޝްރޫއުތަކަށް އިތުރު 150 މުވައްޒަފުން ނަގަން ވިސްނާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަގާމުތަކަށް އެކަށީގެންވާ ދިވެހިން ނުލިބިއްޖެ ނަމަ، ބިދޭސީން ނަގަންޖެހޭނެ ކަމަށެވެ.
އެމްޓީސީސީގައި 1،800 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އިރު ދިވެހި މުވައްޒަފުންގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ގިނަ އެވެ.
"އިގްތިސާދުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓުނު"
އެމްޓީސީސީން 93 މަޝްރޫއު ނިންމައިފި
އެމްޓީސީސީގައި ތަމްރީންވުމަށް ހާއްސަ ފުރުސަތުތަކެއް
އެމްޓީސީސީން 250 ވަޒީފާ، ކުޑަ މުސާރަ 10،000
ހެވީ ވެހިކަލް ދުއްވަން ދިވެހިން ތަމްރީިން ކުރަނީ
ޓެކްނިކަލް ދާއިރާތަކަށް މުވައްޒަފުން ލިބުން ދަތި
މާވަރުލު އެއާޕޯޓުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެ
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ