Roadha Mihaaru
ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ އިދާރާ އުފައްދައިިފި

ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ އިދާރާ އުފައްދައިިފި

01 މާޗް 2020

ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ އޮތޯރިޓީއެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ އޮތޯރިޓީއެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

މިއީ މިިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި އޮތޯރިޓީއެކެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" އުފައްދަންޖެހެ އެވެ.

ރައީސް އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އާ އޮތޯރިޓީއެއް އުފައްދައި، އެ ތަނަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެ އޮތޯރިޓީއާއެކު ޖެންޑާ މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނެސްފައި ވެ އެވެ. މީގެ ކުރިން އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނުނު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، އަލަށް އުފެއްދި އިދާރާއިން ކުރާގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފާސްކުރި ގާނޫނުން ވަރަށް ފުޅާ ދާއިރާއެއްގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުވެގެންދެ އެވެ. އެ ގާނޫނާއެކު، އުމުރުން 18 ނުފުރޭ ކުދިންނާ ކައިވެނިކުރުން ކުށަކަށް ހަދައި ވެކްސިން މަޖުބޫރުކޮށްފައި ވެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ވެސް އުފައްދަން ޖެހެ އެވެ. އެ ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި އުފައްދާ ކައުންސިލަށް މެމްބަރުން އައްޔަންކުރުމުގެ ބާރު އޮތީ ރައީސަށެވެ. ޖެންޑާ މިނިސްޓްރީން އިދާރީ ކަންކަން ބަލަހައްޓާ މި ކައުންސިލް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށެވެ.