Roadha Mihaaru
އައްޑޫގެ މަޝްރޫއުތައް ބަލަން އިންޑިއާގެ އިސް ވަފުދެއް

އައްޑޫގައި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލަން އިންޑިއާގެ އިސް ވަފުދެއް

06 މާޗް 2020

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް އެ ގައުމުގެ އިސް ވަފުދަކުން ބަލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް އެ ގައުމުގެ އިސް ވަފުދަކުން ބަލައިފި އެވެ.

ބުރާސްފަތި ދުވަހު އައްޑު އަށް ފެށި ދަތުރުގައި އިސްކޮށް ތިއްބެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނަރަންގާއި އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ މިޝްރާ އެވެ.

އެ ބޭފުޅުންގެ ދަތުރުގައި، އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ ފުލުހުންގެ އެކެޑެމީގެ މަސައްކަތްތަައް ކުރިއަށްދާ ގޮތް ވެސް ބެލި އެވެ. މިދިޔަ އަހަރު ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އެ އެކެޑެމީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ އެވެ.

އަށާރަ މިލިއަން ޑޮލަރު ހަރަދުކޮށްގެން، ހަދާ އެ އެކެޑަމީގެ އަމަލީ މަސައްކަތް ފެށީ 2017 ގަ އެވެ.

އެކެޑެމީގެ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރަށް އިންޑިއާގެ ވަފުދުން ވަނީ އެ ގައުމުގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގު ހެދުމާއި ބިން ހިއްކުމާއި މަސްވެރިކަމާއި އިކޯ-ޓޫރިޒަމްގެ މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ވެސް އައްޑޫ ސިޓީ ކައުންސިލުން ހޯއްދަވައިފަ އެވެ.

އިންޑިއާގެ އެހީގައި އައްޑޫގެ ފަސް ސަރަހައްދެއްގައި އީކޯ ޓޫރިޒަމް ތަރައްގީކުރަން ހަމަޖެހިފައިވާ އިރު، މި މަޝްރޫއަށް 38 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި އައްޑޫގެ އަވަށްތަކުގައި ގޭދޮށު މަސް ފެކްޓްރީތަކެއް ވެސް ގާއިމުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން އެ މަޝްރޫއުތައް ޑިޒައިންކޮށް، އޮޕަރޭޓްކުރާނެ ބަޔަކު ހޯދަން ކައުންސިލުން މިހާރު ވަނީ ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ދެ ކުންފުންޏަކާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކޮށްފައިވާ އިރު، އެ މަސައްކަތް ފެށުމުގެ ކުރުން ހަދަން ޖެހޭ ސާވޭގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި، އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހަދައި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރާއި ހުޅުމީދޫން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީކުރަން ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.