Roadha Mihaaru
ކޮވިޑްގެ އަލާމާތް ހުރިނަމަ މިސްކިތަށް ނުދާން އެދެފި

ކޮވިޑް-19ގެ އަލާމާތެއް ހުރި ނަމަ މިސްކިތުގެ ޖަމާއަތަށް ނުދާން އިލްތިމާސްކޮށްފި

08 މާޗް 2020

ކޮވިޑް-19 އަށް ޕޮޒިޓިވް ބަޔަކު ރާއްޖޭން ވެސް ފެނިފައި ވުމާ އެކު، މި ދުވަސްވަރު މި ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާން އިސްލާމިކް މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް ޕޮޒިޓިވް ބަޔަކު ރާއްޖޭން ވެސް ފެނިފައި ވުމާ އެކު، މި ދުވަސްވަރު މި ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާން އިސްލާމިކް މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޯގާ ޖެހި ކެއްސައި ކިނބިހި އަޅާ މީހުންނާއި ކަރަންޓީނުކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން އާންމުން އެއްވެ އުޅޭ ޖަމާއަތްތަކަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި މިމަގަށް ބާރު އަޅާފައިވާ ކަންކަމެވެ.

ފިޔާ، ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީހުންނަށް އުނދަގޫވާނެތީ އެފަދަ ތަކެތި ކައިގެން ތިބެ މިސްކިތަށް ދިއުން އިސްލާމް ދީނުގައި މަނާކުރެވިފައިވާކަން ފާހަގަކުރަމުން، މިނިސްޓްރީގެ ބަޔާނުގައި ބުނީ ކޮވިޑް-19 ފަދަ "ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ނަމަ މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު، މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަހިނދު، ތިބާ މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ހުރެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ސިއްހަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފަދަ ފުރިހަމަ ސަވާބު ލިބިގެންދާނެ އެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ވަނީ މިފަދަ ވަގުތުތަކުގައި، ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައިގެން ތިބެ ﷲ އަށް ވަކީލުކޮށް ދުއާކުރުން އިތުރުކުރުމަށް އެދިފަ އެވެ. އަދި އިލްމުވެރިންގެ ލަފައާ އިރުޝާދުގެ ދަށުން އެއިރަކަށް ބޭނުންވާ ދީނީ މައުލޫމާތު ފޯރުކޮށްދޭނެކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ނުރައްކާތެރި ވައިރަހުން ސަލާމަތްވާން ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ވެސް އަންގައިފަ އެވެ.

ސައޫދީ އަރަބިއްޔާ އިން ވަނީ ކޮވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް، އުމްރާގެ އަޅުކަން މެދުކަނޑާލައި، އުމްރާ އަށް ދާން ވިސާ ދޫކުރުން ވެސް ހުއްޓާލައިފަ އެވެ. އަދި ހަރަމްފުޅު އެކި ވަގުތުތަކުގައި ބަންދުކޮށް މުޅި ސަރަހައްދު ހުސްކޮށް ތަން ސާފުކޮށް ސްޓެރެލައިޒް ކުރުމުގެ މަސައްކަތް ވެސް ގަވައިދުން އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާނުން ފެނުނު ކޮރޯނާވައިރަހުގެ އާ ވައްތަރަކުން ޖެހޭ މި ބަލި 102 ގައުމަކުން މިއަދާ ހަމަޔަށް ވަނީ ފެނިފަ އެވެ. އެ ގައުމުތަކުން 106،166 މީހަކަށް ބަލި ޖެހި 3،598 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެހެން މައްސަލައެއް ކުރިން ވެސް ހުރި މީހުންނެވެ. ބަލި ޖެހި ރަނގަޅުވި މީހުންނާއި އޭގެ ތެރެއިން މަރުވި މީހުން އުނިކުރުމުން، މިހާރު ތިބި ބަލި މީހުންގެ އަދަދަކީ 42،389 އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.