Roadha Mihaaru
މެލޭޝިއާ އިން ސިންގަޕޫރު ބޯޑަރު ބަންދުކޮށްފި

ކޮވިޑް-19: މެލޭޝިއާ އިން ސިންގަޕޫރު ބޯޑަރު ބަންދުކޮށްފި

18 މާޗް 2020

ކުއާލަ ލަމްޕޫރު (މާޗް 18) - މެލޭޝިއާ އިން ސިންގަޕޫރުގެ ބޯޑަރު މިއަދު ބަންދުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (މާޗް 18) - މެލޭޝިއާ އިން ސިންގަޕޫރުގެ ބޯޑަރު މިއަދު ބަންދުކޮށްފި އެވެ.

ސިންގަޕޫރުގެ ބޯޑަރު 14 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި މި ވަނީ ރޭ 12 އިން ފެށިގެން މެލޭޝިއާ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ. މެލޭޝިއާގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ "މޫވްމަންޓް ކޮންޓްރޯލް އޯޑާ" މި މަހުގެ 31 ގެ ނިޔަލަށް ދެމި އޮންނާނެ ކަމަށެވެ.

މެލޭޝިއާ ބަންދުކޮށްފައި އޮންނަ މުއްދަތުގައި އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތަކެއް ވެސް ބަންދުވާނެ އެވެ.

ބޭރު ގައުމުތަކުގައި އުޅެފައި އަންނަ މެލޭޝިއާގެ އެންމެންގެ ހެލްތު ޗެކް ހަދައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ޓޫރިސްޓުން އެތެރެވުމުގައި ވެސް މެލޭޝިއާ އިން ވަނީ ހަރުކަށިކޮށްފަ އެވެ. މެލޭޝިއާ މީހުން މިދުވަސްވަރު ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

މެލޭޝިއާގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށީ ފެބްރުއަރީ 27 އިން މާޗް 1 އަށް ސްރި ޕެޓަލިން މިސްކިތުގައި ބޭއްވި ބައްދަލުވުމަށް ދިޔަ މީހުންގެ ފަރާތުންނެވެ. އެ ބައްދަލުވުމުގައި 20،000 މީހުން ބައިވެރިވި އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެލޭޝިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު 790 މީހުންގެ ތެރޭން 514 މީހުންނަކީ މިސްކިތަށް ދިޔަ މީހުންނެވެ.

ސިންގަޕޫރުން ކޮވިޑް-19 ވަނީ 266 މީހުންނަށް ޖެހިފަ އެވެ.