Roadha Mihaaru
ސިންގަޕޫރާއި މެލޭޝިއާ އިން ބޯޑަރު ހުޅުވާލައިފި

ސިންގަޕޫރާއި މެލޭޝިއާ އިން އެއްގަމު ބޯޑަރު ހުޅުވާލައިފި

17 އޯގަސްޓް 2020

ސިންގަޕޫރު (އޮގަސްޓް 17) - މެލޭޝިއާ އާއި ސިންގަޕޫރުގެ ބޯޑަރު، ފަސް މަސް ދުވަހަށް ފަހު، އެއްގަމު މަގުން މިއަދު ހުޅުވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (އޮގަސްޓް 17) - މެލޭޝިއާ އާއި ސިންގަޕޫރުގެ ބޯޑަރު، ފަސް މަސް ދުވަހަށް ފަހު، އެއްގަމު މަގުން މިއަދު ހުޅުވާލައިފި އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ އަވަށްޓެރި ދެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެއް ގައުމު އަނެއް ގައުމުގެ މީހުން ވިޔަފާރި ދަތުރުތަކުގައި 14 ދުވަހަށް ދަތުރު ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ. އަދި ސިންގަޕޫރުގައި ވަޒީފާ އަދާކުރާ މެލޭޝިއާ މީހުންނަށް އެ ގައުމަށް މިހާރު ދަތުރު ކުރެވޭނެ އެވެ.

ލޮކްޑައުންގެ ކުރިން ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 300،000 މީހުން ދަތުރު ކުރެ އެވެ. މެލޭޝިއާ ލޮކްޑައުން ކުރީ މާޗް 18 ގަ އެވެ. ސިންގަޕޫރު ލޮކްޑައުންކޮށްފައި ވަނީ އެޕްރީލް 7 ގަ އެވެ. ދެ ގައުމުން ވެސް ފަހަކަށް އައިސް ލުއިތައް ދޭން ފެށި ނަމަވެސް ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލައިފައެއް ނުވެ އެވެ.

މެލޭޝިއާ އިން މިހާތަނަށް ކޮރޯނާވައިރަހަށް 9،212 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ގައުމުން ވަނީ 125 މީހުން މަރުވެފަ އެވެ. މެލޭޝިއާ އިން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 12 މީހުންނެވެ. އެކްޓިވް ކޭސްގެ އަދަދަކީ 211 އެވެ.

ސިންގަޕޫރުން ވަނީ 55،838 މީހުން ޕޮޒިޓިވްވެ 27 މީހުން މަރުވެފަ އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 91 މީހުންނެވެ. ސިންގަޕޫރުގެ އެކްޓިވް ކޭސްގެ އަދަދަކީ 3،858 އެވެ.