Roadha Mihaaru
އެކްތާގެ "ނާގިން" ފިލްމު ކުޅޭނީ ޕްރިޔަންކާ؟

އެކްތާ ކަޕޫރްގެ "ނާގިން" ފިލްމު ކުޅޭނީ ޕްރިޔަންކާ؟

24 މާޗް 2020

އަންހެން ހަރުފަތަކެއްގެ ސޫރަ އަށް ބަދަލުވާ ބައެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާތަކެއް ގެނެސްދޭ އެކްތާ ކަޕޫރް "ނާގިން" ގެ ނަމުގައި ގެނެސްދެމުން އަންނަ އިރު، ހަމަ އެ ނަމުގައި އޭނާ ހަދަން ނިންމާފައިވާ ޓްރިލޮޖީގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްރާ ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެން ހަރުފަތަކެއްގެ ސޫރަ އަށް ބަދަލުވާ ބައެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާތަކެއް ގެނެސްދޭ އެކްތާ ކަޕޫރް "ނާގިން" ގެ ނަމުގައި ގެނެސްދެމުން އަންނަ އިރު، ހަމަ އެ ނަމުގައި އޭނާ ހަދަން ނިންމާފައިވާ ޓްރިލޮޖީގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްރާ ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އެކްތާ ބުނީ ފިލްމެއްގައި އޭނާ ހަރުފައަކަށް ބަދަލުކޮށްލަން އެންމެ ފުރަތަމަ ބޭނުންވި ބަތަލާ އަކީ ކެޓްރީނާ ކެއިފް ކަމަށެވެ. ނަމަވެސް އެ ވާހަކަ ހިއްސާކުރުމުން އޭނާގެ ފަރާތުން މާ ބޮޑު ޝައުގުވެރިކަމެއް ނުލިބުނު ކަމަށް ބުންޏެވެ.

"ދެން ފަހުން އަހަރެން މި ފިލްމު ޕްރިޔަންކާ އަށް ހުށަހެޅީމަ އޭނަ އެބައޮތް ކުޅޭނަމޭ ބުނެފައި. އެހެންވީމަ އަހަރެން ވަރަށް އުފަލުން މި ހުންނަނީ." އެކްތާ ބުންޏެވެ. "އެކަމަކު އަހަރެން ކަންބޮޑުވަނީ މި ފިލްމުގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހެދި ނުފެށި ލަސްވަމުންދާތީ. އެހެންވިޔަސް އުންމީދު ގެއްލުވައެއް ނުލަން."

އޭނާ ބުނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ އާއި ކެޓްރީނާއާ އެކު އަދި މިހާތަނަށް މަސައްކަތްކުރެވިފައި ނުވާތީ އެ މީހުންނާ އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ. މިހާރު ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑް އިސްކުރާ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

"އަދި އަހަރެން ވަރަށް ލޯބިވާ ދެ ބަތަލާއިން އެއީ. ހަމައެކަނި ބަތަލާއިންގެ ގޮތުގައެއް ނޫން ޕްރިޔަންކާ އާއި ކެޓރީނާ އަކީ އަހަރެން ގަބޫލުކުރާ ގޮތުގައި ވަރަށް ވަރުގަދަ ދެ އަންހެނުން." އެކްތާ ބުންޏެވެ.

ތިން ބަޔަކަށް "ނާގިން" ގެ ޓްރިލޮޖީއެއް ހަދަން ނިންމާފައި ވަނީ 2018 ގައި އެކްތާއާ ގުޅިގެން "ވީރޭ ދީ ވެޑިން" ގެނެސްދިން ޕްރޮޑިއުސަރު/އެކްޓަރު ނިކިލް ދިވެދީ ގުޅިގެންނެވެ. އަދި އޭގެ ސްކްރީންޕްލޭގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.

ބޮލީވުޑްގައި ހަރުފައިންގެ ވާހަކަ ކިޔައިދިން ފިލްމުތަކުގެ ތެރެއިން ސްރީދޭވީގެ ނާގިނާ (1986) އާއި އޭގެ ދެވަނަ ބައި ނިގާހޭ (1989) ގެ އިތުރުން އެކްތާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ޖީތެންދުރާ އާއި ރީނާ ރޯއިގެ ނާގިން (1976) އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމުތަކެވެ.

ކަލާޒް ޗެނެލުން މިހާރު ދައްކަމުން އަންނަނީ އެކްތާގެ "ނާގިން" ސިލްސިލާގެ ހަތަރު ވަނަ ސީޒަނެވެ. އަދި މިއީ ވަރަށް މަގުބޫލު ސިލްސިލާއެކެވެ.