Roadha Mihaaru
ދެބެން ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ދެބެން ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދައިފި!

26 މާޗް 2020

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ. އެންމެ ފަހުން އާންމުކުރި ރޭންކިންގައި ނަބީ އާއި ނަބާ އޮތީ އަންހެން ޑަބަލްސް ބައިން ދުނިޔޭގެ 93 ވަނައިގަ އެވެ. މިއީ އޭގެ ކުރިން ނެރުނު ރޭންކިންއާ އަޅާބަލާއިރު 10 ދަރަޖައިގެ ކުރިއެރުމެކެވެ. މި ހިސާބަށް މި ދެބެންނަށް ވާސިލްވެވުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް މި ދެ ކުޅުންތެރިން މި ބައިން ހޯދާފައިވާ ކުރިއެރުމުގެ ސަބަބުންނެވެ.

ރާއްޖޭގެ އެއް ވަނަ ޑަބަލްސް ޕެއާ ކަމަށްވާ ނަބީ އާއި ނަބާ ވަނީ ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ މި ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ ވަނަ މެޑަލް ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ.

ބެޑްމިންޓަނުން ރާއްޖެ އަށް ހޯދި ތިން ރަން މެޑަލްގައި ވެސް ދެބެންގެ ހިއްސާ ހިމެނެ އެވެ. ބެޑްމިންޓަނުން ރާއްޖެ އަށް ގެނައި ފުރަތަމަ ރަން މެޑަލް ހޯދީ މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް ބައިން ނަބީ އެވެ. އޭގެ ފަހުން ބީޑަބްލިއުއެފްގެ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލް ހޯދީ ޕާކިސްތާން މުބާރާތުގައި ނަބާ އާއި ޒަޔާން ޒަކީ އެވެ. އަދި ހަަމަ އެ މުބާރާތުގައި ނަބީ އާއި ނަބާ ވަނީ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދައިފަ އެވެ.

ދެބެންގެ އަމާޒު އޮލިމްޕިކްސް އަށް

ޖަޕާންގެ ޓޯކިޔޯގައި މި އަހަރު ބާއްވަން ރޭވި (މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ) އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ނަބީ އާއި ނަބާ މަސައްކަތް ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ގޮތުން ޖަޕާންގައި ނަބީ އާއި ނަބާގެ ޓްރެއިނިން ކުރިއަށްގެންދިޔައީ "ސްޕޯޓްސް ފޯ ޓުމޯރޯ"، އަލްޕާ ބެޑްމިންޓަން ނެޓްވޯކާ ގުޅިގެންނެވެ. މިއީ ޖަޕާން ސަރުކާރުގެ އެހީއާ އެކު ރާއްޖޭގެ ބެޑްމިންޓަން ދެ ކުޅުންތެރިޔަކަށް ލިބުނު ފުރުސަތެއްގަ އެވެ.

ނަބާ އިއްޔެ ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭންކިންގައި މި ލިބުނު ކުރިއެރުމާ އެކު އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އެ ހިސާބަށް ވާސިލްވުމަށް ކަމަށެވެ.

އޮލިމްޕިކްސްގެ ކޮލިފައިން ކްރިއިޓީރިއާ މިހާރު އިންގޮތަށް ބަލާއިރު ކޮންމެ އިވެންޓެއްގެ ގަދަ 16 އަށް ޖާގަ ޔަގީންވާނެ އެވެ. އަދި އެހެން ކްރައިޓީރިއާތަކުގެ ތެރެއިން ވެސް އެހެން ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތްތަކެއް އޮވެ އެވެ. އެ ގޮތުން އެކި ބައްރުތަކަށް ދޭ ފުރުސަތުތަކަށް ބަލާއިރު އޭޝިއާ އަކީ ބެޑްމިންޓަނުގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާއިރު، މި ސަރަހަައްދުން ފުރުސަތު ލިބޭ ކުޅުންތެރިން އިތުރުވާނެ އެވެ. އެހެންވުމުން އޭގެ ތެރެއިން ނަބީ އާއި ނަބާ އަށް ވެސް މަސައްކަތްކުރެވޭނެ އެވެ.

އަންނަ އަހަރަށް އޮލިމްޕިކްސް ފަސްކޮށްފައިވާއިރު، ދެން މިހާރު އޮތް ރޭންކިންއާ މެދު އަމަލުކުރާނެ ގޮތަކާ މެދު ދުނިޔޭގެ ފެޑެރޭޝަނުން އަންނަނީ މަޝްވަރާކުރަމުންނެވެ. ބެލެވޭގޮތުގައި އިތުރު އެއް އަހަރަށް ކޮލިފިކޭޝަން މުއްދަތު އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖޭގައި މި ވަގުތު އިންޑިވިޖުއަލް ކުޅިވަރުތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަނީ ނަބީ އާއި ނަބާ އެވެ. ނަބާ ވަނީ "މިހާރު އެވޯޑްސް" ގެ ރާއްޖޭގެ އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. ނަބީ ވަނީ "މިހާރު އެވޯޑްސް" ގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.