Roadha Mihaaru
ދެން އޮތް ހާލަތަށް ތައްޔާރުވާން ގޮންޖެހުންބޮޑު: އަމީން

ކޮވިޑް-19: ދެން އޮތް ހާލަތަށް ތައްޔާރުވާއިރު ގޮންޖެހުމަކީ ވަސީލަތްތައް ނެތުން: އަމީން

09 އެޕްރީލް 2020

ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރޭ ހާލަތެއް އަތުވެދާނެތީ ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރޭ ހާލަތެއް އަތުވެދާނެތީ ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހެލްތު މިނިސްޓަރުން މިއަދު ބޭއްވި އިމަޖެންސީ ވާޗުއަލް މީޓިންގައި އަމީން ވިދާޅުވީ ރާއްޖޭގައި ވަސީލަތްތައް މަދުވުމުގެ އިތުރުން، ބަލިފެތުރުން ހުއްޓުވުމަށާއި ބަލިވާ މީހުންނަށް ފަރުވާ ކުރަން ބޭނުންވާ މެޑިކަލް ސަޕްލައި ހޯދުމުގައި ހުރި ދަތިތަކަކީ ވެސްް ރާއްޖެއަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

"އާއްމުންގެ ތެރޭގައި [ކޮވިޑް-19]ފެތުރޭ ހާލަތެއްގައި ކަންތައްތައް ހަމަޖައްސަން ބޭނުންވާ ޕާސަނަަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓާއި ވެެންޓިލޭޓަރު ވެސް އޭގެ ތެރޭގައި ހިމެނޭ. ފަރުވާދޭ ތަންތަން ވެސް،" އެއްފަހަރާ ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހިއްޖެ ނަމަ ރާއްޖެ އަށް ހުރި ގޮންޖެހުންތައް ތަފްސީލް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމުންގެ ތެރޭގައި ބަލި ފެތުރޭ ހާލަަތަކަށް ހިނގައްޖެ ނަމަ ރާއްޖެއިން އިތުރު ފިޔަވަޅުތައް އަޅާނެ އެވެ. އެގޮތުން ދަތުރުފަތުރު ކުރުން މަދުކުރުމުގެ ފިޔަވަޅުތައް މިހާރަށް ވުރެ ވަރުގަދަކޮށް، މީހުން ހަރަކާތްތެރިވެ އުޅުން މަދުކުރަން ވެސް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އާއްމުންގެ ތެރޭގައި ބަލި ފެތުރޭ ހާލަތެއް އަތުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކުގެ އިތުރުން، އެ ހާލަތަށް ނުގޮސްފި ނަަމަ އަޅާނެ ފިޔަވަޅުތަކުގެ ވާހަކަ ވެސް އަމީން ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބަލީގެ އާ ކޭސްއެއް ނުފެނި ކުރިއަށްދާ ނަމަ އަދި އާއްމުންގެ ތެރޭގައި ފެތުރޭ ހާލަތެއް ނާންނަ ނަމަ ބޯޑަރު މުޅިންހެން ބަންދުކޮށް، އެތެރޭގެ ފިޔަވަޅުތައް ލުއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާލަތަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރުވާ އިރު، އެހެން ގައުމުތަކުން އެޅި އިފެކްްޓިވް ފިޔަވަޅުތަކުގެ ފިލާވަޅު އަޅުގަނޑުމެން ހަމަ އެކަނި ދަސްކުރަނީއެއް ނޫން. އެކުވެރި ގައުމުތަކުގެ ޓެކްނިކަލް އަދި މާލީ އެހީތެރިކަން ލިބޭތޯ ވެސް އެބަ ބަލަން،" އަމީން ވިދާޅުވި އެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި އޮތް އުޚުއްވަތްތެރިކަމުގެ ގުޅުމުގެ ތެރެއިން އެގައުމުތަކުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަ ރާއްޖެއަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށުމާއި އެކު ރާއްޖޭން ފިޔަވަޅުތަ އެޅި ގޮތް ބައްދަލުވުމުގައި އޯއައިސީގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންނަށް އަމީން ވިދާޅުވެދެއްވި އެވެ. އެގޮތުން ޖެނުއަރީމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެޅި ބައެއް ފިޔަވަޅުތަކަކީ ޓޫރިޒަމަށް ބަރޯސާކުރާ އިގުތިސާދެއް އޮންނަ، އަދި ހުރިހާ އެއްޗެއް އިމްޕޯޓްކުރަން ޖެހޭ ގައުމަކަށް ވަރަށް އުނދަގޫ ފިޔަވަޅުތައް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.