Roadha Mihaaru
މެލޭރިއާ ބޭސް 13 ގައުމަކަށް އިންޑިއާއިން ފޮނުވައިދެނީ

ކޮވިޑް-19: މެލޭރިއާ ބޭސް 13 ގައުމަކަށް އިންޑިއާ އިން ފޮނުވައިދެނީ

11 އެޕްރީލް 2020

ނިއު ދިއްލީ (އެޕްރީލް 11) - މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން 13 ގައުމަކަށް އެކްސްޕޯޓް ކުރަން އިންޑިއާ އިން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 11) - މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން 13 ގައުމަކަށް އެކްސްޕޯޓް ކުރަން އިންޑިއާ އިން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުމުން ކާމިޔާބުވެފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި މެލޭރިއާ ބޭހަކީ އިތުބާރު ހުރި ބޭހެއް ކަމަށް މެޑިކަލް ތަޖްރިބާކާރުން ބުނެފައެއް ނުވެ އެވެ.

ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިޔު) އެކްސްޕޯޓްކުރުން އިންޑިއާ އިން މަނާކުރި ނަމަވެސް ފަހުން ހުއްދަ ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެދިވަޑައިގަތުމަކަށެވެ. ޓްރަމްޕް ވަނީ ކޮރޯނާވައިރަހަށް ފަރުވާ ދޭން ހައިޑްރޮކްސީކްލޮރޯކްއީން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރައްވައި، އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އެ ބޭހަށް ހުއްދަ ދީފި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެފްޑީއޭ އިން އެފަދަ ހުއްދައެއް ދީފައެއް ނުވެ އެވެ.

އިންޑިއާ އިން ހުއްދަ ދިން ގައުމުތައް

1. އެމެރިކާ

2. ސްޕޭން

3. ޖާމަނީ

4. ބަހްރޭން

5. ބްރެޒިލް

6. ނޭޕާލް

7. ބޫޓާން

8. ސްރީ ލަންކާ

9. އަފްޣާނިސްތާން

10. ދިވެހި ރާއްޖެ

11. ބަންގްލަދޭޝް

12. ސީޝެލްސް

13. ޑޮމިނިކަލް ރިޕަބްލިކް

އެމެރިކާ އިން ވަނީ ހައިޑްރޮކްސީކްލޮރޯކްއީންގެ 4.8 މިލިއަން ގުޅަ ފޮނުވައިދޭން އެދިފަ އެވެ. ޖަރުމަނާއި ބްރެޒިލަށް ފަސް މިލިއަން ގުޅަ ފޮނުވައިދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. ބަންގްލަދޭޝް އަށް ދެ މިލިއަން ގުޅަ ދޭ އިރު ލަންކާ އަދި ނޭޕާލަށް އެކްސްޕޯޓް ކުރާނީ ކޮންމެ ގައުމަކަށް އެއް މިލިއަން ގުޅަ އެވެ. އަފްޣާނިސްތާނަށް 500،000 ގުޅަ އަދި ރާއްޖެ އާއި ބޫޓާނަށް، ކޮންމެ ގައުމަކަށް 200،000 ގުޅަ ދިނުމަށް ވަނީ ނިންމައިފަ އެވެ.