Roadha Mihaaru
އަގުއޭރޯ އަށް މިއީ އުނދަގޫ ވަގުތެއް: ގާޑިއޯލާ

އަގުއޭރޯ އަށް މިއީ އުނދަގޫ ވަގުތެއް: ގާޑިއޯލާ

15 އޮކްޓޯބަރ 2016

މެންޗެސްޓާ (އޮކްޓޯބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީގެ އެއް ނަންބަރު ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް މިއީ އުނދަގޫ ވަގުތުކޮޅެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮކްޓޯބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީގެ އެއް ނަންބަރު ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް މިއީ އުނދަގޫ ވަގުތުކޮޅެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ވިންސްޓަން ރީޑަށް ހަމަލާދިނުމުން އަގުއޭރޯ ވަނީ ތިން މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ސަސްޕެންޝަނުން އެނބުރި އައިސް އަގުއޭރޯ އަށް އަދި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލިއިރު، ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އަގުއޭރޯ ފެނުނީ އާދައިގެ ގޮތަކަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާގައި ވެސް އަގުއޭރޯގެ ކުޅުން ދަށެވެ. މިދިޔަ އަންގާރަ ދުވަހު ޕެރަގުއޭ އަތުން އާޖެންޓީނާ 1-0 އިން ބަލިވިއިރު، އަގުއޭރޯ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ.

މި ސީޒަނުގައި މިހާތަނަށް އަގުއޭރޯ ވަނީ ސިޓީ އަށް 11 ލަނޑު ޖަހައިފަ އެވެ. ގާޑިއޯލާ ބުނީ ކުރީގެ ކުޅުން ތަކުރާރުކުރަން އަގުއޭރޯ ހިތްވަރުގަދަކުރަން ޖެހޭ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ފާޑުކިއުމާއި މީޑިއާ ޕްރެޝަރު އޮންނާނެ. އިންގްލެންޑްގައި އިންގްލެންޑުގެ ކުޅުންތެރިންނަށް ފާޑުކިޔާ ގޮތަށް އާޖެންޓީނާގައި އާޖެންޓީނާ ކުޅުންތެރިންނަށް ވެސް ފާޑުކިޔާނެ. މިއީ އަގުއޭރޯ ހިތްވަރުގަދަކޮށް ފެންވަރު ސާބިތުކޮށްދޭންވީ ވަގުތު،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ސިޓީ ވަނީ ޓޮޓެންހަމްއާ ވާދަކޮށް ބަލިވެފަ އެވެ. މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ނޫން އެހެން ނަތީޖާއަކުން ފަރުޖައްސާލެވެން ނެތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މިރޭގެ މެޗުން ސިޓީ އަށް މޮޅުނުވެވިއްޖެނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ސިޓީ ލީގުގެ އެއް ވަނައިގައި ހަތް މެޗުން 18 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި ޓޮޓެންހަމް އޮތީ މެޗަކުން ބަލިނުވެ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީ އާއި އެވަޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.