Roadha Mihaaru
މެލޭޝިއާ ވިޔަފާރިވެރިޔަކު 60،000 މާސްކް ރާއްޖެއަށް

މެލޭޝިއާގެ ވިޔަފާރިވެރިޔަކު 60،000 މާސްކް ރާއްޖެ އަށް ހަދިޔާކޮޮށްފި

05 މެއި 2020

މެލޭޝިއާގެ ވިޔަފާރިއަކު ރާއްޖެއަށް 60،000 ފޭސް މާސްކް މިއަދު ހަދިޔާކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެލޭޝިއާގެ ވިޔަފާރިއަކު ރާއްޖެއަށް 60،000 ފޭސް މާސްކް މިއަދު ހަދިޔާކުރައްވައިފި އެވެ.

މެލޭޝިއާގެ ލިންބާގް ހޮލްޑިންގެ ވެރިޔާ ވިރާ ލިން ކަޗޮކްގެ ފަރާތުން ހަދިޔާކުރެއްވި މާސްކް ސަރުކާރާ ހަވާލުކޮށްދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން އެވެ.

އިމާރާތްކުރުމާއި އިންޖިނިއަރިން އާއި ތައުލީމީ ދާއިރާ ފަދަ ކަންކަމުގައި އިންވެސްޓްކޮށްފައިވާ ލިންބާގް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އޮތް ހާލަތުން އަރައިގަތުމަށް އޭނާގެ ފަރާތުން އެހީއެއް ފޯރުކޮށް ދިނުމުގެެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުން މި ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ލިންބާގްގެ އިތުރުން ވިރާ ލިން އާއި ނާޒިމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްރޭންޑާ އިންޓަނޭޝަނަލް އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވިރާ ލިން އެވެ. ނާޒިމަކީ އޭގެ ޑައިރެކްޓަރެކެވެ.

އެ ކުންފުނިން އަންނަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުން ކަމަށް ވެސް، އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ވިޔަފާރިވެރިން ރާއްޖެ އަށް އަންނަނީ އެހީތެރިވަމުންނެވެ. އެގޮތުން އެންމެ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށް ވާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ހިއްސާދާރުން ފަސް ވެންޓިލޭޓަރާއި 100،000 މާސްކާއި އެހެން ވެސް ބައެއް ސާމާނު ހަދިޔާކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެންގް ސެންގް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކުރައްވައިފަ އެވެ.