Roadha Mihaaru
އެސްޓީއޯއިން ކާޑު ނުނެރެވި އޮޕަރޭޝަން ހުއްޓުމަކަށް!

އެސްޓީއޯ އިން ކާޑު ނުނެރެވި އޮޕަރޭޝަން ހުއްޓުމަކަށް!

06 މެއި 2020

އެސްޓީއޯ ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު، އެ ގުދަނުގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު، އެ ގުދަނުގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު (އަބޯ) މިއަދު ވިދާޅުވީ، ކާޑު ގުދަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން މި ވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ. އަދި ކާޑު ގުދަން މިހާރު އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ތަނުގެ އެހެން ބައެއް މުވައްޒަފުންގެ ޝަކުވާތަކެއް ވެސް އެބަހުއްޓެވެ. އެއް ކަމަކީ ކާޑު ގުދަން ޑިސްއިންފެކްޓް ކުރުން ލަސްވުމެވެ. އަނެއް ކަމަކީ މުވައްޒަފުން މި ދުވަސްވަރު ގެއަށް ދިއުމުގެ ބަދަލުގައި އެ މީހުންނަށް ޚާއްސަ ތަނެއް ހަމަނުޖެހި އޮތުމެވެ.

އެސްޓީއޯ އިން މިހާރު ވަނީ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަން ޑިސްއިންފެކްޓް ކޮށްފަ އެވެ.

އަބްދުﷲ ވިދާޅުވީ، ކާޑު ގުދަނުން މުދާ އުފުލުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން އެސްޓީއޯ އިން އެޗްޕީއޭއާ ގުޅިގެން ރާވަމުން އަންނަ ކަމަށެވެ.

އެސްޓީއޯ ސުޕަމާކެޓްގެ މުދާ އުފުލުމުގައި އުޅުނު މުވައްޒަފަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އީ-ސްޓޯރުގެ ހިދުމަތް ވެސް ވަނީ މި ވަގުތަށް މެދުކަނޑާލައިފަ އެވެ.

ކާޑު ގުދަނުން ކޮންމެ ދުވަހަކު ވެސް އެކި ރަށްރަށަށާއި އެކި ފިހާރަތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ކާޑު އުފުލަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް 40،000 ބަސްތާގެ ކާޑު އަތޮޅު ތެރެއަށް ފޮނުވާފައިވެ އެވެ. ކޮވިޑް-19 ހާލަތު އޮތް ނަމަވެސް ރޯދަ މަހާ ގުޅިގެން ކާޑުގެ ބާވަތްތަކަށް ޑިމާންޑް އިތުރުވުމުން އެ ތަކެތި ފޯރުކޮށްދޭން އެސްޓީއޯ އިން ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް ރާއްޖެ ގެނައުމާއި މެޑިކަލް ސާމާނާއި ބޭސް ރާއްޖެ ގެނެސް، އެ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ވެެސް އެސްޓީއޯ ކުރެ އެވެ.