Roadha Mihaaru
އިންޑިއާގެ ކޯޗު އެދުމުން މުހިއްމު ބަދަލެއް ގެންނަނީ

އިންޑިއާގެ ކޯޗު އެދުމުން މުހިއްމު ބަދަލެއް ގެންނަނީ

09 މެއި 2020

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކްގެ އިސްނެގުމާ އެކު އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޓެކްނިކަލް ކޮމިޓީން އިންޑިއާގެ މުބާރާތްތަކުގައި ބިދޭސީ ކުޅުންތެރިން ބޭނުންކުރާ އުސޫލަށް ބަދަލެއް ގެންނަން ހުށަހަޅައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކްގެ އިސްނެގުމާ އެކު އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޓެކްނިކަލް ކޮމިޓީން އިންޑިއާގެ މުބާރާތްތަކުގައި ބިދޭސީ ކުޅުންތެރިން ބޭނުންކުރާ އުސޫލަށް ބަދަލެއް ގެންނަން ހުށަހަޅައިފި އެވެ.

މިދިޔަ މާޗް މަހު ސްޓިމަކް ވަނީ އިންޑިއަން ސުޕަ ލީގާއި އައި ލީގުގައި ބިދޭސީ ކުޅުންތެރިން ބޭނުންކުރަން އޮންނަ ފުރުސަތުތަކަކީ އިންޑިއާ ފުޓްބޯޅަ އަށް ރަނގަޅު އުސޫލެއް ނޫން ކަމަށް ބުނެފަ އެވެ. އެ ގޮތުން ސްޓިމަކް ފާހަގަކުރީ ލީގުގައި ބިދޭސީ ފަސް ކުޅުންތެރިންނަށް އެއް ފަހަރާ ކުޅެވޭ އުސޫލުގެ ސަބަބުން އިންޑިއާ އަށް އުފަން ކުޅުންތެރިން ކުރިއެރުމުގައި ހުރަސްތަކެއް ހުރި ކަމަށެވެ.

"މި ގޮތަށް މަސައްކަތް ކޮށްގެން ދެ ވަނަ ޗެތުރީއެއް ނޫނީ އެ ފަދަ ހުނަރުވެރި ކުޅުންތެރިންތަކެއް އިންޑިއާ އަށް ނުލިބިދާނެ. ގަވާއިދަށް ބަދަލު ގެންނަން ޖެހޭ،" ކްރޮއޭޝިއާގެ ގައުމީ ޓީމަށް މީގެ ކުރިން ކޯޗުކޮށްދިން ސްޓިމަކް ބުންޏެވެ.

ސްޓިމަކް ބުނީ އެންމެ ރަނގަޅު ގޮތަކީ އިންޑިއާގެ ލީގުތަކުގައި ވެސް ބިދޭސީ ކުޅުންތެރިން ބޭނުންކުރުމުގައި އޭއެފްސީގެ މިންގަނޑަށް އަމަލުކުރުން ކަމަށެވެ. އެ ގޮތުން އޭއެފްސީގެ މުބާރާތްތަކުގައި ހުއްދަ ދީފައިވާ ގޮތަށް މެޗެއްގައި ހަތަރު ބިދޭސީ ކުޅުންތެރިން (އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނޭ ގޮތަށް) ބޭނުންކުރާ ގަވާއިދަށް އިންޑިއާގައި ވެސް އަމަލުކުރަން ޖެހޭ ގޮތަށް ހަދަން ސްޓީމަކް ގޮވާލި އެވެ.

އޭއައިއެފްއެފް އަށް ސްޓިމަކް ރަސްމީކޮށް މި ކަން ކޮށްދިނުމަށް ހުށަހެޅުމުން އެކަން ކުރަން ޓެކްނިކަލް ކޮމިޓީން މަސައްކަތް ފެށި އެވެ. ވީޑިއޯ ކޮންފަރެންސްކޮށް ޓެކްނިކަލް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ ސީޒަނުން ފެށިގެން ސްޓިމަކްގެ ހުށަހެޅުމާ އެއްގޮތަށް އޭއެފްސީ ގަވާއިދަށް ބިދޭސީ ކުޅުންތެރިން ބޭނުންކުރަން ނިންމައިފަ އެވެ. ޓެކްނިކަލް ކޮމިޓީގެ މި ނިންމުން ރަސްމީކޮށް އޭއައިއެފްއެފްގެ ހިންގާ ބޯޑަށް ވަނީ މިހާރު ހުށަހަޅައިފަ އެވެ. ބެލެވޭ ގޮތުގައި އަންނަ ސީޒަނުން ފެށިގެން ބިދޭސީ ކުޅުންތެރިން ބޭނުންކުރުމުގެ އާ އުސޫލަށް އަމަލުކުރަން ފަށާނެ އެވެ.

ސުޕަ ލީގުގައި ބިދޭސީ ކުޅުންތެރިންގެ ނުފޫޒު ބޮޑުވުމަކީ އިންޑިއާ ފުޓްބޯޅަ އަށް ގޯސް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް މީގެ ކުރިން އިންޑިއާގެ ގިނަ ފުޓްބޯޅަ ކޯޗުން ވެސް ވަނީ ބުނެފަ އެވެ. އަދި އިންޑިއާގެ ކުރީގެ ފުޓްބޯޅަ ތަރިން ވެސް ވަނީ އިންޑިއާ ފުޓްބޯޅައިގައި ޒުވާން ކުޅުންތެރިންނަށް ގައުމުގެ ބޮޑެތި މުބާރާތްތަކުގައި ފުރުސަތު ލިބުން އިތުރުކުރަން ގޮވާލައިފަ އެވެ.