Roadha Mihaaru
އިންޑިއާ ސެންޓްރަލް އޭޝިއާ އަށް، ޓާގެޓަކީ އާސިއާން

ހާއްސަ ދައުވަތުގައި އިންޑިއާ ސެންޓްރަލް އޭޝިއާ އަށް، ޓާގެޓަކީ އާސިއާން

04 ސެޕްޓެމްބަރ 2021

ނިއު ދިއްލީ (ސެޕްޓެމްބަރު 4) - ހާއްސަ ދައުވަތެއްގައި، ސެންޓްރަލް އޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އިންޑިއާ އަށް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނިއު ދިއްލީ (ސެޕްޓެމްބަރު 4) - ހާއްސަ ދައުވަތެއްގައި، ސެންޓްރަލް އޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އިންޑިއާ އަށް ދީފި އެވެ.

އޭޝިއަން ފުޓްބޯޅަ ކޮންފެޑްރޭޝަންގެ ސަބް އެސޯސިއޭޝަނެއްގެ ގޮތުގައި ސެންޓްރަލް އޭޝިއާ ފުޓްބޯލް އެސޯސިއޭޝަން (ސީއޭއެފްއޭ) އުފެއްދީ 2014 ގަ އެވެ. ކުރިން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަން (ސާފް) ގެ މެންބަރެއްގެ ގޮތުގައި އޮތް އަފްގާނިސްތާނަކީ، ސީއޭއެފްއޭގެ ދާއިމީ މެންބަރެކެވެ. ސެންޓްރަލް އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ މުބާރާތްތަކުގައި އިންޑިއާ ވާދަކުރި ނަމަވެސް، އެ ގައުމު އޮންނާނީ ސާފްގެ މެންބަރެއްގެ ގޮތުގަ އެވެ.

"އިންޑިއާއަކީ ސާފްގެ މުހިންމު މެންބަރެއް. ސާފް އިން ދުރަށް ދާކަށް އަހަރެމެން މަސައްކަތެއް ނުކުރަން،" އިންޑިއާގެ ފެޑެރޭޝަންގެ ޖެނަރަލް ސެކްރެޓަރީ ކުޝާލް ޑަސް، ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވި އެވެ.

"ސީއޭއެފްއޭގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އަންނަ އަހަރު ބާއްވާ އެ އެސޯސިއޭޝަންގެ މުބާރާތުގައި އަހަރެމެން ބައިވެރި ކުރުވަން. ސީއޭއެފްއޭ އާ އަހަރެމެން ގުޅެނީކީ ނޫން. މަސައްކަތް މި ކުރަނީ މި އަހަރު ބާއްވާ ޔޫތު މުބާރާތްތަތަކުގައި ވާދަ ކުރެވޭތޯ."

ސީއޭއެފްއޭގެ މެންބަރުންގެ ގޮތުގައި ހިމެނެނީ، އަފްގާނިސްތާންގެ އިތުރުން އިރާން، އުޒްބެކިސްތާން، ތަޖިކިސްތާން، ތުރުކްމެނިސްތާން އަދި ކިރިގިސްތާން އެވެ.

އިންޑިއާ އިން މިދިޔަ އަހަރު ވަނީ އާސިއާން ސަރަހައްދުގެ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމަށް ވެސް މަސައްކަތްކޮށްފަ އެވެ. އިންޑިއާގެ ފެޑެރޭޝަންގެ އޮފިޝަލަކު ބުނީ، އާސިއާން ސަރަހައްދުގެ ފުޓްބޯޅަ އެސޯސިއޭޝަން އޭއެފްއޭ އިން އޮތީ ޕޮޒިޓިވްކޮށް ކަމަށެވެ.

"އޭއެފްއޭ އިން އޮތީ ވަރަށް ޕޮޒިޓިވްކޮށް. އެކަން މަޑު ޖެހުނީ ކޮވިޑް-19 އާ ގުޅިގެން،" އޮފިޝަލް ވިދާޅުވި އެވެ. "އަހަރެމެން މަސައްކަތް މި ކުރަނީ އިންޑިއާގެ ސީނިއާ ޓީމާ އަދި އުމުރު ފުރާތަކުގެ ޓީމުތަކުގެ އިތުރުން އަންހެން ޓީމަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭން."

އަންނަ މަހު ރާއްޖޭގައި ބާއްވާ، ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާގެ ސީނިއާ ޓީމު ވާދަކުރާނެ ކަމަށް ބެލެވެ އެވެ. މުބާރާތުގެ ޝެޑިއުލް އަށް މިހާރު ގެނެސްފައިވާ ބަދަލުގައިވާ ގޮތުން މެޗުތައް ކުޅޭނީ ފީފާގެ ކަލަންޑަރު ޕީރިއަޑްގަ އެވެ. އެ ގޮތަށް މެޗުތައް ކުޅުމުން މެޗުތަކުން ހޯދާ ޕޮއިންޓާ އެކު ފީފާގެ ރޭންކު މަތިވާނެ އެވެ. އިންޑިއާ އިން ވަނީ މިދިޔަ ދެތިން އަހަރުތެރޭ އެ ގައުމުގެ ރޭންކް މަތި ކުރުމަށް އިސްކަން ދީފަ އެވެ. މި ވަގުތު އެ ޓީމު އޮތީ ފީފާ ރޭންކިންގެ 105 ވަނައިގަ އެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އިން ވާދަކުރީ 23 އަހަރުން ދަށުގެ ޓީމެވެ. އެ ޓީމު ފައިނަލްގައި ބަލިވީ ރާއްޖެ އަތުންނެވެ. އިންޑިއާ އިން ވަނީ ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ.