Roadha Mihaaru
ޔާމީނަށް ތައުރީފުކުރި ޓްވީޓުތައް ނަޝީދު ރީޓްވީޓްކޮށްފި

ޔާމީނަށް ތައުރީފު ކުރި ޓްވީޓުތައް ނަޝީދު ރީޓްވީޓް ކުރައްވައިފި

22 މެއި 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި ކުރެއްވި ޓްވީޓުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރީޓްވީޓް ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި ކުރެއްވި ޓްވީޓުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރީޓްވީޓް ކުރައްވައިފި އެވެ.

ޓްވިޓާގައި ދެ ލައްކައަށް ވުރެ ގިނަ ފޮލޯވަރުން ތިއްބެވި ނަޝީދު ރީޓްވީޓް ކުރެއްވި އެއް ޓްވީޓަކީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ޓްވީޓެވެ. މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓެއް ވެސް ނަޝީދު ރީޓްވީޓް ކުރައްވާފައި ވެ އެވެ.

ޔާމީނާއެކު ހުންނެވި ފޮޓޯއެއް ޓްވީޓު ކުރައްވައި ޝިޔާމް ލިޔުއްވާފައި ވަނީ ޅެން ބައިތެކެވެ. އޭގައި ވިދާޅުވެފައިވަނީ ދިވެހިންގެ ވެރިކަން ދިވެހިންނަށް ކުރެވޭނެކަން ދައްކުވައިދިން ވެރިއެއްގެ މަތިން ހަނދާންވާ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ރައީސަށް އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށެވެ.

"ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަންއަކުރުން ފަވާނެ ހިދުމަތްތެރި ރައީސަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަން،" ސައީދުގެ ޓްވީޓުގައި ވެ އެވެ.

ނަޝީދަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ބޭފުޅުންނާ ޚިލާފަށް ސީދާ ޔާމީނަށް އަމާޒު ކުރައްވައި، ކެމްޕެއިންތަކުގައި ފިޔަވައި މާ ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އެންމެ ފަހުން ބޯޑު ހިފައިގެން ކުރެއްވި އިހުތިޖާޖަށް ވެސް ނަޝީދު ޖާގަ ދެއްވި އެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދެނީ ނުހައްގު އަދަބެކެވެ.

ޔާމީންގެ އުފަން ދުވަސް ފާހަގަކޮށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ އުފަން ދުވަހު ގައުމު އެދި ގޮވަނީ އެ މަނިކުފާނުގެ ހިދުމަތަށް ކަމަށެވެ.