Roadha Mihaaru
އަދި އެއް ފަހަރު ކައިވެނިކުރަން ބޭނުން: ޕަމެލާ

އަދި އެއް ފަހަރު ކައިވެނިކުރަން ބޭނުން: ޕަމެލާ އެންޑަސަން

02 ޖޫން 2020

މި އަހަރުގެ ކުރީކޮޅު ކުރި ކައިވެނި އެންމެ 12 ދުވަހުގެ ތެރޭގައި ރޫޅުނު ކަމަށް މީޑިއާތަކުން ބުނި ހޮލީވުޑްގެ ބަތަލާ ޕަމެލާ އެންޑަސަން، އަދި އެއް ފަހަރު ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނެ، އެންމެ ފަހުން ކުރި ކަމަށް ބުނާ ކައިވެންޏާ އިންކާރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު ކުރި ކައިވެނި އެންމެ 12 ދުވަހުގެ ތެރޭގައި ރޫޅުނު ކަމަށް މީޑިއާތަކުން ބުނި ހޮލީވުޑްގެ ބަތަލާ ޕަމެލާ އެންޑަސަން، އަދި އެއް ފަހަރު ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނެ، އެންމެ ފަހުން ކުރި ކަމަށް ބުނާ ކައިވެންޏާ އިންކާރުކޮށްފި އެވެ.

ނިއު ޔޯކް ޓައިމްސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި، 52 އަހަރުގެ ބަތަލާ ބުނީ ޕްރޮޑިއުސަރު ޖޮން ޕީޓާޒްއާ ކައިވެނިކުރި ކަމަށް ބުނާ ވާހަކަ އާއި 12 ދުވަހުގެ ތެރޭގައި އެ ކައިވެނި ރޫޅުނު ކަމަށް މީޑިއާތަކުގައި ފެތުރި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އޭނާގެ ކައިވެނި ކުރި އަދަދާ ގުޅޭ ގޮތުން ވެސް މީޑިއާ އިން ފަތުރާ ޚަބަރުތައް ރަނގަޅު ނޫން ކަމަށް ބުންޏެވެ.

ޓީވީ ސިލްސިލާ "ބޭވޮޗް" އިން ބޮޑު މަޝްހޫރުކަމެއް ހޯދި ޕަމެލާ އާއި ޖޮން ކައިވެނިކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.

"އަދި ބޭނުން ކައިވެނިކުރަން. އެކަމަކު ހަމަ އެންމެ ފަހަރަކު."

އެކަމަކު އެ ވާހަކަ ދޮގުކުރަމުން ބުނީ ލޯބީގެ ގޮތުން ޖޮންއާ ގުޅުމެއް ބޭއްވި ނަމަވެސް އެ ގުޅުން ކައިވެންޏަކާ ހިސާބަށް ނުދާ ކަމަށެވެ.

"އެއީ ހަމަ ހަޔާތުގައި އައި ހިނދުކޮޅެއް. އޭގެ ތެރެއަކުން ކައިވެންޏެއްނުކުރަން،" ޕަމެލާ ބުންޏެވެ.

ޕަމެލާ ބުނީ އޭނާ އަކީ އަބަދު ވެސް ވަރަށް "ރޮމޭންޓިކް" މީހެއް ކަމަށާއި ކައިވެންޏެއްކުރާ އުމުރު އަދިވެސް ފާއިތުނުވާ ކަމަށެވެ.

"އެހެންވެ އަދި ބޭނުން ކައިވެނިކުރަން. އެކަމަކު ހަމަ އެންމެ ފަހަރަކު." އޭނާ ބުންޏެވެ.

ޕަމެލާ ބުނިގޮތުގައި އޭނާ މިހާތަނަށް ކުރީ ތިން ކައިވެންޏެވެ. އެކަމަކު މީޑިއާތަކުން އޭނާ ފަސް ކައިވެނިކުރި ކަމަށް ބުނާ ކަމަށް ބުންޏެވެ.

"އަހަރެން ކައިވެނިކުރީ ތިން ފަހަރު. އެކަމަކު ފަސް ކައިވެންޏެއް ކުރި ކަމަށް ވާހަކަ ދައްކާ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ،" ޕަމެލާ ބުންޏެވެ. "ޔަގީނުން ވެސް އަހަރެން ކުރި ކައިވެނީގެ އަދަދު ފަހަކަށް ވުރެ މަދުވާނެ."

އޭނާ އަށް ދެ ކުދިން ލިބުނީ ޓޮމީ ލީއާ ކުރި ކައިވެންޏަށެވެ. ދެ ކުދިން ލިބިފައި ވަނިކޮށް 1995 ގައި ކުރި ކައިވެނި ރޫޅުނީ 1998 ގަ އެވެ. ޕަމެލާގެ ކުދިންނަކީ ބްރޭންޑަން ތޯމަސް ލީ، 23، އާއި ޑައިލަން ޖެގާ ލީ، 22، އެވެ.

ޕަމެލާ ދެން ކައިވެނިކުރީ ކިޑް ރޮކާ އެވެ. އެގޮތުން 2006 ގައި ކުރި ކައިވެނި 2007 ގައި ވަނީ ރޫޅިފަ އެވެ. ދެން ދެ ފަހަރެއްގެ މަތިން ރިކް ސެލަމަންއާ ކައިވެނިކުރި އެވެ. އެއީ 2007 އާއި 2013 ގަ އެވެ.

ޕަމެލާ ފަސް ކައިވެންޏެއްކުރި ކަމަށް ބުނަނީ ރިކްއާ ދެ ފަހަރަށް ކުރި ކައިވެންޏާއި ޖޮންއާ ކުރި ކަމަށް ބުނާ ކައިވެނި ވެސް ހިމަނައިގެންނެވެ.