Roadha Mihaaru
ފްލޮއިޑްގެ މަރުން ދުނިޔެ ގުޑައިފި، ހުސް މުޒާހަރާ

ފްލޮއިޑްގެ މަރުން ދުނިޔެ ގުޑައިފި، ހުސް މުޒާހަރާ

07 ޖޫން 2020

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ އަނިޔާގައި މަރުވި މަރުވުމުން، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ނުކުމެ، ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކަތައް، އެކި ސަރަހައްދުތަކުން އިއްވަން ފަށައިފި އެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ އަނިޔާގައި މަރުވި މަރުވުމުން، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ނުކުމެ، ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކަތައް، އެކި ސަރަހައްދުތަކުން އިއްވަން ފަށައިފި އެވެ.

އެމެރިކާގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސްގައި ފްލޮއިޑް ހައްޔަރުކުރުމުގެ ތެރޭގައި އޭނާ ގަދަނުދެއްކިޔަސް، ފުލުހުންގެ މީހަކު އޭނާ ވައްޓާލައި، ކަރަށް ފައިން އަރައިގެން އިންދާ ނޭވާ ހާސްވެގެން މަރުވުމުން، އެ ސިޓީގައި ފެށި ހަމަނުޖެހުންތަކާއި މުޒާހަރާތައް މުޅި އެމެރިކާ އަށް ފެތުރުނެވެ. ވެރިރަށް ވޮޝިންޓަނާއި ނިއު ޔޯކް ފަދަ ސިޓީތަކުގައި، ރޭގަނޑު ކާފިއު ހިންގި ނަމަވެސް، އެއަށް ވެސް ބެލުމެއް ނެތި، އެކި ނަސްލުތަކުގެ މީހުން އެކުވެގެން ގޮވަމުން އަންނަނީ، ފުލުހުންގެ އަނިޔާވެރިކަން ނައްތާލައި، ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.

އެމެރިކާގެ ފުލުހުންގެ އަތުން ކަޅު ނަސްލުގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އެހެންކަމުން މިހާރުގެ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، ފުލުހުންގެ އިދާރާތައް ހަރުދަނާކޮށް، އަނިޔާވެރި ފުލުހުންނާ ދެކޮޅަށް ދައުވާކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖައްސަން ވެސް ވަނީ ފަށައިފަ އެވެ.

ފްލޮއިޑްގެ ކަރަށް އަރައިގެން އިން ފުލުސް މީހާ އާއި އެތަނުގައި އޭރު ތިބި އެހެން ތިން ފުލުހަކާ ދެކޮޅަށް މިހާރު ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. ކުރިން ނަމަ މިއީ އެހާ އަވަހަށް ފެންނާނެ މަންޒަރެއް ނޫނެވެ.

އެކަމަކު ފްލޮއިޑްގެ މަރުން، ދުނިޔޭގެ ބައެއް ގައުމުތަކުގެ ރައްޔިތުން ވެސް ގެންދަނީ އަޑު އުފުލަމުންނެވެ. އެގޮތުން އޮސްޓްރޭލިޔާގައި، ކޮރޯނާވައިރަސްއާ ހެދި މުޒާހަރާކުރުން މަނާކޮށްފައި އޮތަސް އެތައް ހާސް ބަޔަކު ނުކުމެ، ފުލުހުންނާ ދެކޮޅަށް އަޑުއުފުލި އެވެ. އެ ގައުމުގެ ދޮން މީހުން ފިޔަވައި އެހެން ބައެއް ނަސްލުތަކުގެ މީހުން، ފުލުހުންގެ ބަންދުގައި ތިއްބައި މަރުވާ ނިސްބަތް މައްޗަށެވެ. އަދި އެކަށީގެންނުވާ ބާރު ވެސް އެ މީހުންނާ ދެކޮޅަށް ބޭނުންކުރާކަމުގެ ޝަކުވާ ބޮޑެވެ.

އިނގިރޭސި ވިލާތުގައި ވެސް އިއްޔެ މުޒާހަރާ އޮތެވެ. މެކްސިކޯގައި އޮތް އެއްވުންތަކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުތައް ހިނގި އެވެ. މެކްސިކޯގެ ފުލުހުންގެ ހައްޔަރުގައި ތިއްބާ މަރުވި މީހުންނަށް ހައްގު ހޯދައިދިނުމަށް އެދި ވެސް އަޑުއުފުލި އެވެ. އޭގެ ތެރޭގައި އެންމެ 13 އަހަރުގެ ޒުވާނަކު، މި ފަހުން ފުލުހުން ހައްޔަރުކުރި ހަރުކަށި ގޮތާއި ފަހުން އޭނާ މަރުވި މަރުވުމާ ގުޅިގެން، ރުޅިއައިސް ތިބި މީހުންނަށް ވެސް، މި އެއްވުމަކީ އަޑު އިއްވަން ލިބުނު ފުރުސަތަކަށް ވި އެވެ.

ލަންޑަންގައި އޮތް އެއްވުމުގައި ބައިވެރިން ކަކޫ މައްޗަށް ތިރިވެ، ގޮވަމުން ދިޔައީ "އިންސާފު ނެތި، ސުލްހަވެރިކަން ވެސް ނޯންނާނެ" ކަމަށެވެ.

ކޮރޯނާވައިރަސްގެ ސަބަބުން އެއްވުންތައް ނުބާއްވަން، އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އާންމުންގެ ރައްދަކީ "ކޮވިޑް-19 އަށް ވުރެ މާ ނުރައްކާތެރި ވައިރަސްއެއް އެބަ އުޅޭ ކަމާއި އޭގެ ނަމަކީ ނަސްލީ ތަފާތުކުރުން" ކަމެވެ.

"އަހަރެން ތަޖުރިބާކުރާ ކަންކަން ކުރިމަގުގެ ކުދިން ތަޖުރިބާކުރާކަށް ބޭނުމެއް ނުވޭ،" ލަންޑަންގެ މުޒާހަރާގައި ބައިވެރިވި އުމުރުން 27 އަހަރުގެ ސާރާ ލޯ ބުންޏެވެ.

"އެއްވެސް މީހެއްގެ ނަސްލަށް ބެލުމެއް ނެތި އަހަރެމެން އެންމެން ގުޅިގެން ރަނގަޅު މަގުސަދެއްގައި އަޑުއުފުލަން ޖެހޭ ވަގުތަކީ މިއީ."

އެހެން ބައިވެރިއެއް ކަމަށްވާ އޯނީލް ރޯވަލް ބުނީ "ދެ ވަނަ ދަރަޖައިގެ ރައްޔިތެއްގެ ގޮތުގައި އޭނާއާ މެދު ދެކޭ ގޮތުގެ ސަބަބުން މިހާރު ވަރުބަލިވެއްޖެ" ކަމަށެވެ. އެހެންކަމުން މި މުޒާހަރާތަކުގެ ސަބަބުން ކޮންމެވެސް ކަމެއް ރަނގަޅުވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

އޮސްޓްރޭލިޔާގައި އޮތް މުޒާހަރާތަކުގައި އާންމުން ގޮވަމުން ދިޔައީ "އަހަރެން ހާސްވަނީ،"އޭ އެވެ. މިއީ ފުލުސް މީހާގެ ފައި ދަށުގައި ނުވަ މިނިޓް ވަންދެން ފްލޮއިޑް އޮތް އިރު، ނޭވާ ނުލެވިގެން އާދޭސްކުރަމުން ބުނި ޖުމްލައެކެވެ.

އެ މީހުން ބުނާ ގޮތުގައި އޮސްޓްރޭލިޔާގެ ފުލުހުންގެ ބަންދުގައި ތިއްބާ މަރުވި އެތައް ބައެއް ސަބަބުން "އޮސްޓްރޭލިޔާއަކީ ވެސް ކުށެއް ނެތް" ތަނެއްގެ ގޮތުގައެއް ނުބެލެވޭނެ އެވެ.

މިއީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އޮސްޓްރޭލިޔާގައި މި ފަހުން ބޭއްވި އެންމެ ބޮޑު އެއްވުންތަކެވެ.

ފްރާންސާއި ޖަރުމަނުގައި ވެސް ބޮޑެތި އެއްވުންތައް ބޭއްވި އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާންމުންގެ އެއްވުންތަކެއް ނެތި، އާންމުންގެ އަޑުއިއްވުމެއް ނެތި ސަމާލުކަމަށް ނުގެނެވޭނެ ގޮތަކަށް ނަސްލީ ތަފާތުކުރުންތަކާއި ފުލުހުންގެ އަނިޔާވެރިކަން ދެމިގެން ދަނިކޮށް، ފްލޮއިޑްގެ މަރަކީ އެންމެން ހޭލައްވުލާލި ހާދިސާއެކެވެ. އެހެން ގޮތަށް ބުނާ ނަމަ ދުނިޔެ ގުޑުން ކަހަލަ ކަމެކެވެ.