Roadha Mihaaru
ކޮންމެ ވަގުތެއްގައި ވެސް މިހާރު ވިސާ އަށް ހުށަހެޅޭނެ

ކޮންމެ ވަގުތެއްގައި ވެސް މިހާރު ވާކް ވިސާ އަށް ހުށަހެޅޭނެ

08 ޖޫން 2020

ކޮންމެ ވަގުތެއްގައި ވެސް ވާކް ވިސާ އަށް އެދި ހުށަހެޅޭނެ ގޮތް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮންމެ ވަގުތެއްގައި ވެސް ވާކް ވިސާ އަށް އެދި ހުށަހެޅޭނެ ގޮތް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގައި މިދިޔަ މާޗު މަހު ސަރުކާރު އޮފީސްތައް ބަންދުކުރުމުން، ވާކް ވިސާ އަށް އެދެވޭނެ ފަސޭހަ ގޮތްތައް އިމިގްރޭޝަނުން އައީ ހަމަޖައްސަމުންނެވެ.

އިމިގްރޭޝަންގެ މީޑިއާ އިން "މިހާރު" އަށް ވާހަކަދެއްކި އިމިގްރޭޝަން އޮފިސަރު މުހައްމަދު މިފްތާހު ވިދާޅުވީ، ވޯކް ވިސާ އަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް މިދިޔަ އަހަރު ހަމަޖެއްސި އޭރު އެކަމަށް އެދި ހުށަހެޅޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން މެންދުރު 2:00 އަށް ކަމަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލާ އެކު ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. ވިސާ ފީތައް ވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން މިއަދު ކުރި ޓްވީޓެއް

މިފްތާހު ވިދާޅުވީ، ވިސާ އަށް އެދި ލިޔެކިޔުންތައް އޮންލައިންކޮށް މީގެ ކުރިން ވެސް ހުށަހެޅޭނެ ކަމަށެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި، އިމިގްރޭޝަނުން މަސައްކަތްކުރަމުން އަންނާނީ އެ ލިޔެކިޔުންތައް ސައްހަކަށް ކަށަވަރުކުރަމުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވިސާ ދޫކުރަން އެޕޮއިންޓްމެންޓެއް މި ދުވަސްވަރު ހަމަނުޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ފަށާނީ ސަރުކާރު އޮފީސްތައް އަލުން ހުލުވުމުންނެވެ.

"މި ބަދަލު މި ގެނައުމުން ބައިވަރު ބިދޭސީން ގެންނަ ކުންފުނިތަކަށް ފަސޭހަ ވެގެން ދާނެ. އޮފީސްތައް ހުޅުވުމުން ހުރިހާ ޕާސްޕޯޓުތައް ހިފައިގެން އެއްފަހަރާ ދެވޭނެ، ވަކި ވަކިން ދިއުމުގެ ބަދަލުގައި،" މިފްތާހު ވިދާޅުވި އެވެ.

ފޮޓޯ ހުށަހެޅުމުގައި ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިފްތާހު ވިދާޅުވި އެވެ. މިދުވަސްވަރު އާ ފޮޓޯ ނަގަން ދަތިވާނެތީ، އާ ފޮޓޯ އެއް ހުށަހެޅުމުގެ ބަދަލުގައި ވިސާ ނަގަން އެންމެ ފަހުން ހުށަހެޅި ފޮޓޯ އަލުން ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ލުއި ގޮތްތަކެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ. މީގެ ކުރިން، އަލަށް އަންނަ ބިދޭސީ މަސައްކަތްތެރިން އެންމެ ފުރަތަމަ ފަހަރު ވިސާ ފީ ދައްކަން ދާން ޖެހޭނީ މީރާ އަށް ނަމަވެސް މިހާރު މި ހިދުމަތް ވެސް އޮންލައިންކޮށް ލިބޭނެ އެވެ.

މީގެ އިތުރުން މެޑިކަލް ހުށަނާޅާ ވެސް ވިސާ ހޯދަން ހުށަހެޅޭނެ ގޮތް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އަދި މިދިޔަ މާޗު މަހުގެ 15 އިން ފެށިގެން މި މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ މީހުން، ޖޫރިމަނާ ނުކުރަން ވެސް ވަނީ ނިންމައިފަ އެވެ.