Roadha Mihaaru
ބިލްތަކުގެ މަޝްވަރާ އަތޮޅުތަކުގައި ބާއްވަނީ

ބިލްތަކުގެ މަޝްވަރާ އަތޮޅުތަކުގައި ބާއްވަނީ

16 ޖޫން 2020

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް އާއްމުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމަށާއި އެގޮތުން ހިޔާލު ހޯދުމުގެ ބައްދަލުވުންތައް އަތޮޅުތަކުގައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެމްބަރުންނަށް އިރުޝާދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް އާއްމުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމަށާއި އެގޮތުން ހިޔާލު ހޯދުމުގެ ބައްދަލުވުންތައް އަތޮޅުތަކުގައި ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެމްބަރުންނަށް އިރުޝާދު ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނުގެ ސަޔަށް މެދުކަނޑައިލުމުގެ ކުރިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގައި މިހާރު އޮތް މުހިއްމު ފަސްބިލަކަށް އާއްމުންގެ ހިޔާލު ހޯދުުން ވަރަށް މުހިއްމު ކަމަށެވެ. ފުލުހުންގެ ހިދުމަތުގެ ބިލާއިި އިންތިގާލީ އިންސާފުގެ ބިލަކީ އެެގޮތުން ހިޔާލު ހޯދަން މުހިއްމު ބިލްތައް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާއި މަތީ ތައުލީމުގެ ބިލަކީ ވެސް ހިޔާލު ހޯދަން ޖެހޭ ބިލެއްް ކަމަށާއި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މަޖީލީހުން ކުރާ މަސަައްކަތަށް ވެސް އާއްމުންގެ މަޝްވަރާ ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލީހުގައި މިހާރު ހުރި ބިލްތަކުގެ ތެރެއިން މުޅި ރާއްޖޭގައި މަޝްވަރާ ކުރަން ނަޝީދު އެދިވަޑައިގެންނެވީ އިންތިގާލީ އިންސާފުގެ ބިލަށެވެ. އެ ބިލަށް މުޅި ރާއްޖޭގައި ކުރާ މަޝްވަރާ ވާނީ "ކޮންމެހެން ދޭން ޖެހޭ ފަރުވާއެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިންތިގާލީ އިންސާފުގެ މަޝްވަރާ މުޅި ރާއްޖޭގައި ކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ދޭން ޖެހޭ ފަރުވާއެއް ހަމަ ގައިމު ވެސް އަޅުގަނޑު މިހާރު އެބަ ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބޭއްވި މީޑިއާ ބްރީފިން ގައި ވާހަކަފުޅު ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބޭއްވި މީޑިއާ ބްރީފިން ގައި ވާހަކަފުޅު ދައްކަވަނީ.

"މަޖިލީހުގެ ގަވައިދު ވަރަށް ބޮޑަށް އެބަ ބުނޭ އާއްްމުންނާ މަޝްވަރާ ކުރުމަށް. އަޅުގަނޑުމެންނަށް އާ އިމާރާތް ލިބުމާއި ދެން މި މަޝްވަރާ ހިންގާނެ ގޮތްތައް އަޅުގަނޑުމެެންގެ އާ އިމާރާތުގައި އިތުރުވެފައި ވުމާ، އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ދެ ބާވަތެއްގެ ތިން ބާވަތެއްގެ މަޝްވަރާ ހިންގޭނެ،" ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އިންތިގާލީ އިންސާފުގެ މަޝްވަރާ މުޅި ރާއްޖޭގައި ކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ދޭން ޖެހޭ ފަރުވާއެއް ހަމަ ގައިމު ވެސް އަޅުގަނޑު މިހާރު އެބަ ދެކެން -- ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިލްތަކަށް އާއްމުންގެ މަޝްވަރާ ހޯދޭނެ އެއް ގޮތަކީ މަޖިލީހުގެ އިދާރާގައި ޕެނަލް ޑިސްކަޝަންތައް ބޭއްވުމެވެ. އަނެއް ގޮތަކީ ކަމާ ބެހޭ މާހިރުންގެ ހިޔާލާއި އާއްމުންގެ ހިޔާލު އެކުއެކީގައި ލިބޭ ގޮތަށް ހިޔާލުފާޅުކުރުމުގެ ބައްދަލުވުންތައް ބޭއްވުމާއި ކަމާ ބެހޭ މާހިރުންގެ މަޖިލީހަށް ގެނެސް އެބޭފުޅުން ލައްވައި ތަގުރީރު ކުރުވުން ކަމަށެވެ. ތިން ވަނަ ގޮތަކީ ރަށް ރަށުގައި (މެމްބަރުންގެ ދާއިރާތަކުގައި) މަޝްވަރާތައް ބޭއްވުމެވެ.

"އެހެންވީމާ އެ މަސަައްކަތްތަައް ފަށާ އިރުގައި ފުލުހުންގެ ބިލު އަޅުގަނޑު މިދެކެނީ ވަރަށް މުހިއްމު ބިލެއްގެ ގޮތުގައި، ވީ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން،" ނަޝީދު ވިދާޅުވި އެވެ.

އެ ބިލަށްް މަޝްވަރާ ހޯދަން ބާއްވާ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުލުހުންގެ ކުރީގެ ވެރިންނާއި އާއްމުން ބައިވެރިކޮށް ތަފާތު ހިޔާލު ނުކުންނާނެ ގޮތަކަށް ކުރިއަށް ގެންދެވިދާނެ އެވެ.

އާއްމުންގެ ހިޔާލު ހޯދަން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސަރުކާރުން ކުރިން ބޭއްވި ބައްދަލުވުމެއް.

އާއްމުންގެ ހިޔާލު ހޯދަން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސަރުކާރުން ކުރިން ބޭއްވި ބައްދަލުވުމެއް.

ނަޝީދު ވިދާޅުވީ ބިލްތަކާ ގުޅޭ ގޮތުން ކަމާ ބެހޭ މާހިރުން ތަގުރީރު ކުރައްްވާ ގޮތަށް ބާއްވާ ބައްދަލުވުންތަކުގައި ވެސް އާއްމުން ބައިވެރި ކުރެވިދާނެ ކަމަށާއި އެެހެން ނަމަވެސް އެއީ ހާއްސަކޮށް މެމްބަރުން ހޭލުންތެރިކުރުމަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހެދުމާއި އެހެން ބައެއް ކަންކަމުގައި ވެސް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިން ވެސް ކޮންމެެވެސް ވަރަކަށް ރާއްޖޭގައި ކުރެ އެވެ. އެކަމަކު ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދުމުގެ މަސައްކަތް ކުރަނީ މަދުންނެވެ. ހިޔާލު ހޯދަން އާއްމުކޮށް ކުރާ އެއް ކަމަކީ ގާނޫނެއް ނުވަތަ ގަވައިދެއްގެ ދެލިކޮޕީ އޮންލައިންކޮށް ބެލޭ ގޮތް ހަދައި، އޮންލައިންކޮށް ހިޔާލު ހުށަހަޅަން ހުޅުވައިލުމެވެ.

ރައްޔިތުންގެ ހިޔާލު ހޯދަން "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ސަރުކާރުން ކުރިން ބައްދަލުވުންތަކެއް ބޭއްވި އެވެ.