Roadha Mihaaru
މާފަރުގައި ކޮވިޑަށް ޓެސްޓްކުރެވޭ ލެބެއް ހަދަނީ

ސޮނެވާ އިން މާފަރުގައި ކޮވިޑް-19 ޓެސްޓްކުރެވޭ ލެބެއް ހަދަނީ

17 ޖޫން 2020

ރާއްޖޭގައި ރިސޯޓްތައް ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ލެބޯޓްރީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަނުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ރިސޯޓްތައް ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ލެބޯޓްރީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަނުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) އިން ބޭއްވި ބައްދަލުވުމެއްގައި އައިލެންޑް އޭވިއޭޝަން ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ސޮނެވާ އިން މާފަރުގައި ހަދާ ޕީސީއާރު ލެބްގެ މަސަައްކަތް މި މަހު 25 އަށް ނިމޭނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ކޮވިޑް-19 ފެތުރޭތީ ރާއްޖެ އަށް މީހުން އައުން މަނާކުރުމުން ޓޫރިޒަމް ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު އަންނަ މަހު ރާއްޖެ ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ތައްޔާރުވާ މާފަރު އެއާޕޯޓަކީ އައިލެންޑް އޭވިއޭޝަނުން މެނޭޖްކުރާ ތަނެކެވެ.

"ސޮނެވާ ގްރޫޕުން އަޅުގަނޑުމެންނަށް ޕީީސީއާރު ލެބެއް އެބަ ހަދައިދޭ އެ މީހުންގެ ހަރަދުގައި. އެއީ އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓްކޮށްފައި ނުކުންނަން. އެއީ އެ ބޭފުޅުން ކޮށްްދޭ ކަމެއް އަޅުގަނޑުމެންނަށް،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީސީއާރް ޓެސްޓްކުރެވޭ އެ ލެބް ހިންގަން ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު މިނިސްޓްރީން ހޯދާނީ ވެސް ސޮނެވާ ގްރޫޕުން ކަަމަށެވެެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ހަމަ އިތުރު އެޑްވާންޓޭޖެއް ސެލްކުރަން ވެސް މިލިބުނީ،" ރިޒްވީ ވިދާޅުވި އެވެ.

ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވައިލާއިރު އައިލެންޑް އޭވިއޭޝަނުން އެކަމަށް ތައްޔާރުވެފައިވާ މިންވަރާ ބެހޭ ގޮތުން ކޮމިޓީގެ މުގައްްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސްް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޒްވީ ވިދާޅުވީ މިމަހުގެ 22 ވަނަ ދުވާ ހަމައަށް ހުރިހާ ތައްޔާރީތަކެއް ނިމޭނެ ކަމަށެވެެ. އޭނާ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓްގެ މަސައްކަތްތައް ވެސް އެ ތާރީހަށް ނިމޭނެ އެވެ.

މާފަރު އެއާޕޯޓަށް ބައެއް ބަދަލުތައް ގެންނަން ޖެހޭތީ އެކަމަށް ހޯދަން ޖެހޭ ހުއްދަތައް މިހާރު ލިބިފައިވާ ކަމަށާއި ކުރަމުން އަންނަނީ އެ މަސައްކަތްތައް ކަމަށް ރިޒްވީ ވިދާޅުވި އެވެ. ނަމަވެސް ބޭރުން އަންނަ ބޯޓުތައް ޖައްސަން ޖެހިއްޖެއްޔާ މިހާރު ވެސް ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ރިޒްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ރިޒްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.

"އަޅުގަނޑުމެން މާފަރު އެއާޕޯޓާ ހަވާލުކުރި އިރު ވެސް އިންޓަނޭޝަނަލް އެއާކްރާފްޓްތަކަށް ކޭޓާ ކުރެވޭ ގޮތަށް މިއޮތީ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތަަކަކީ ފަސިންޖަރުންނާއި ސްޓާފުން އަދި ކަސްޓަމްސްގެ މަސައްކަތަށް ފަސޭހަކުރުމަށް ގެންނަން ޖެހޭ ބަދަލުތަކެކެވެ. އެގޮތުން ޓާމިނަލްގެ އޭރިއާ ބޮޑުކޮށް ކަސްޓަމްސްގެ މެޝިނަރީ ބެހެއްޓޭނެ އިންތިޒާމް ވެސް ހަމަޖައްސަން ޖެހެ އެވެ. އައިއޭއެސް އިން މިދިޔަ ޑިސެމްބަރު މަހު މާފަރު އެއާޕޯޓާ ހަވާލުވުމަށް ފަހު އެ މަަސައްކަތްތައް ފެށި ކަމަށާއި ނަމަވެސް ކޮވިޑް-19 އާ ހެދި އެޅި ފިޔަވަޅުތަކާ އެކު މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"އެކަމަކު ބޯޑާސް ހުޅުވާލާއިރު ރެޑީވާން ވެގެން މިދިޔަ ހަފުތާ ތެރޭގައި އަޅުގަނޑުމެން ހުރިހާ މަސަައްކަތެއް ފަށައިފިން. އެވެސް މި ބަލަނީ ހޯމަ ދުވަހަށް ނިމޭނެ ކަމަށް،" ރިޒްވީ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ޓޫރިޒަމް އަލުން ފަށާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ސަރަހައްދީ އެހެން ބައެއް އެއާޕޯޓްތަކަށް ވެސް ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތް ހެދޭތޯ މަސަައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އެހެން އެއާޕޯޓްތަކަށް ޕްރައިވެޓް ޖެޓް ޖައްސަން ހުއްދަ ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުވާ ތަންތަނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.