Roadha Mihaaru
މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް

މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް

18 ޖޫން 2020

މިދިޔަ މޭ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މޭ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ އިމްޕޯޓު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 57 ޕަސެންޓު ދަށްވެފަ އެވެ. އެކްސްޕޯޓުން ދަށްވެފައި ވަނީ 73 ޕަސެންޓެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެ ކޮށްފައި ވަނީ އިންޑިއާ އިންނެވެ. އެއީ އިމްޕޯޓު ކުރި މުދަލުގެ 17 ޕަސެންޓެވެ. އިންޑިއާގެ އިތުރުން ރާއްޖެ އަށް މުދާ އެތެރެކޮށްފައި ވަނީ ޗައިނާ އާއި ސިންގަޕޫރާއި ޔޫއޭއީ އަދި ސްރީ ލަންކާ އިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފޭަސް މާސްކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއަހަރު މާސްކު އެތެރެ ކުރި މިންވަރު ވަނީ 6714 ޕަސެންޓު އިތުރުވެފަ އެވެ. މިއީ ކޮވިޑް-19އާ ގުޅިގެން އައި ބަދަލެއް ކަމަށް ބެލެވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ވެސް ވަނީ 26 ޕަސެެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ.