މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، މިހާރު އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލަލިފި އެވެ.
23 ޖޫން 2020
މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، މިހާރު އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލަލިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށް އެކަމާ ހާއްސަ ގާނޫނެއް ހަދައި ގާނޫނުއަސާސީ އަށް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ބަދަލު ގެނެސްފަ އެވެ. މި ބަދަލާ އެކު، އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އީސީ އިން ބުނި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުޞަތު ހުޅުވާލުންhttps://t.co/iUg9czCph8
— Elections Commission (@ElectionsMv) June 23, 2020
އިލެކްޝަންސް ކޮމިޝަންގެ ޓްވީޓް
މި ކަމާ ގުޅޭ ގޮތުން މިއަދު ގެޒެޓުކޮށްފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ އުސޫލު" ގައި ބުނެފައި ވަނީ، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ފުރައި އީސީ އަށް ހުށަހެޅުމުން ކަމަށެވެ. އަދި ނަން އަނބުރާ ގެންދިޔަ ކަމަށް ބަލާނީ، ހުށަހެޅި ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، އީސީ އިން އެ ހުށަހެޅުން ގަބޫލުކުރުމުން ކަމަށް އުސޫލުގައިވެ އެވެ.
އީސީ އިން ވަނީ އެ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ. ކޮވިޑް-19 ފެތުރޭތީ މި ދުވަސްވަރު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފައި ވުމުން، އެ ފޯމު އީސީ އަށް ހުށަހަޅަން ހަމަޖައްސާފައިވަނީ ތަނަށް ހާޒިރުވުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައި ވަނީ، ފޯމު ހުށަހަޅާ އިރު ކެންޑިޑޭޓުންގެ އައިޑީ ކާޑުގެ ކޮޕީ އީސީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ފޯމުގެ ސައްހަކަން ކަށަވަރު ކުރަން އީސީ އިން ކެންޑިޑޭޓުންނަށް ގުޅާނެ ކަމަށެވެ.
ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމަށް ވަކި މުއްދަތެއް އީސީ އިން ކަނޑައަޅަން ޖެހޭތީ، ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހުން ތާރީހު ކަމަށް ހަމަޖައްސާފައި ވަނީ އިންތިހާބު ފަށާ ދުވަހުގެ 30 ދުވަހުގެ ކުރި އެވެ.
އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އެ ދެ އިންތިހާބު ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނެތުމުން، ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ދުވަސް ވެސް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
"އެކަމަކު އެ މުއްދަތު ހަމަވާ ދުވަހުގެ 10 ދުވަސް ކުރިން އަޅުގަނޑުމެން އެކަން އާންމު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން ހޮވާނެ އެވެ. މި އިންތިހާބަށް އެމްޑީޕީން 877 ގޮނޑި އަށް، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް އެ ދާއިރާއަކަށް އިތުރު މީހަކަށް ނަން ހުށަނޭޅޭނެ ކަމަށް އީސީ އިން ބުނެފައި ވެ އެވެ. އެހެންކަމުން، ބައެއް ކައުންސިލްތަކުގައި އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މެމްބަރުން މަދުވުން އެކަށީގެންވެ އެވެ. އަދި ކެނޑިޑޭޓުންނަށް މިހާރު ދީފައިވާ ނަންބަރުތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެ އެވެ.
އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް އަކްރަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ އެވެ. ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ފާސްކޮށްފައިވާ އިރު، ކައުންސިލްތަކަށް މިހާރު ދީފައިވާ ގާނޫނީ ބޮޑެތި ބައެއް ބާރުތައް އެ ބިލުން ވަނީ ހަނިކޮށްފަ އެވެ.
އަންހެނުންނަށް ހާއްސަ ދާއިރާ ބަދަލުނުކުރުމުން ޝަކުވާ
ކައުންސިލް އިންތިހާބު: ކުށުގެ ރެކޯޑު ސާފުކުރަނީ
"އެޗްޕީއޭ އުސޫލަށް އިންތިހާބު ބާއްވާނެ ބަޖެޓެއް ނެތް"
ދޮޅުއަހަރުން ވެސް ކަންތައްތަކެއް ކޮށްދެވިއްޖެ: އާޒިމް
އިންތިހާބުގެ މަސައްކަތަށް 172 ވަޒީފާއަށް ހުޅުވާލައިފި
އިންތިހާބީ ދާއިރާގެ ވަގުތީ ލިސްޓް ނެރެފި
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން މާދަމާ ހުޅުވާލަނީ
ލޯކަލް އިންތިހާބުގައި ޕީއެންސީގެ މެނޭޖަރަކީ ފަލާހު
ކައުންސިލް އިންތިހާބަށް 7،000 އޮފިޝަލުން ހޯދަނީ