Roadha Mihaaru
ޓްވީޓެއްގައި ފިލްމުގެ އެންމެން ޓެގް ނުކުރީތީ ނުރުހިއްޖެ

އަޖޭގެ ޓްވީޓެއްގައި ފިލްމުގެ އެންމެން ޓެގް ނުކުރުމުން މައްސަލައަކަށް

08 ޖުލައި 2020

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ބޯލް ބައްޗަން" ރިލީޒްކުރިތާ އަށް އަހަރުވުމާ ގުޅިގެން އެކަން ފާހަގަކުރަން އަޖޭ ދޭވްގަން ކުރި ޓްވީޓަކާ ގުޅިގެން، ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ޕްރަޗީ ދެސާއީ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ބޯލް ބައްޗަން" ރިލީޒްކުރިތާ އަށް އަހަރުވުމާ ގުޅިގެން އެކަން ފާހަގަކުރަން އަޖޭ ދޭވްގަން ކުރި ޓްވީޓަކާ ގުޅިގެން، ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ޕްރަޗީ ދެސާއީ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ކުރިން ޓީވީ ސިލްސިލާތައް ވެސް ކުޅުނު ބަތަލާ އަށް މައްސަލައަކަށްވީ އަޖޭގެ ޓްވީޓްގައި ފިލްމުގެ ކާސްޓްގައި ހިމެނޭ އަބީޝެކާއި އޭގެ ލަވައެއްގައި ހިއްސާވި އަމީތާބް ބައްޗަންގެ އިތުރުން ޑައިރެކްޓަރު ރޯހިތު ޝެޓީ ޓެގްކުރި އިރު ފިލްމުގެ އިތުރު އެއްވެސް ކާސްޓެއްގެ ނަން ފާހަގަކޮށްފައި ނުވާތީ އެވެ.

އެގޮތުން ޕްރަޗީގެ ޓްވީޓްގައި ވަނީ ބަތަލާ އާސިން އާއި ކުރުޝްނާ އަބީޝެކާއި ނީރަޖް ވޯރާ އާއި އާސްރާނީ އާއި އަރްޗަނާ ޕުރާން ސިންގްގެ އިތުރުން ޖީތޫ ވަރުމާގެ ނަން ޓްވީޓްގައި ހިމަނަން އަޖޭ ހަނދާން ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު އެ ހުރިހާ މީހުންނަކީ "ބޯލް ބައްޗަން" ވަރަށް މުހިއްމު ބައެއް ކަމަށް ބުންޏެވެ.

އަޖޭގެ ޓްވީޓްގައި ހިމަނާފައި ވަނީ ވެސް އަބީޝެކާއި އަމީތާބާއި ރޯހިތާ އެކު ފިލްމުގެ ސެޓުން ނަގާފައި ހުރި ފޮޓޯތަކެކެވެ.

ޕްރަޗީގެ ޓްވީޓާ އެކު އަޖޭ އަށް ބައެއް މީހުން ފާޑުކިޔައި، ޕްރަޗީ ފާހަގަކުރި ޕޮއިންޓަށް ތާއީދުކޮށްފައިވެ އެވެެ. އެގޮތުން ބޮލީވުޑްގެ "ބީރައްޓެހިން" ގެ ވާހަކަ ނުފޫޒު ގަދަ މީހުނނ ފާހަގަކުރަންވީ ކީއްވެތޯ ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުން ބޮލީވުޑަކީ އަބަދު ވެސް ރައްޓެހިންނާއި އާއިލާގެ މީސްމީހުންނަށް ކްރެޑިޓްދީ އެ މީހުން ކުރިއަރުވަން އުޅޭ ބައެކެވެ. އެހެންވެ އެހެން ފަންނާނުންނަކީ މާ ހާއްސަ ބަޔަކަށް ނުވާތީ އަޖޭމެން ފަދަ ތަރިންނަށް ޕްރަޗީ ފަދަ ބަތަލާއިންގެ ވާހަކަ މުހިއްމު ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ދެހާސް ބާރައިގައި ރިލީޒްކުރި "ބޯލް ބައްޗަން" ގައި ޕްރަޗީ ކުޅުނީ އަޖޭގެ ކޮއްކޮ އަދި އަބީޝެކްގެ ލޯބިވެރިޔާގެ ރޯލެވެ. އާސިން އަކީ އެ ފިލްމުގައި އަޖޭގެ ލޯބިވެރިޔާ އެވެ.

މީގެ އިތުރުން އާސްރަނީ އާއި ކުރުޝްނާ އާއި އަރްޗަނާ އާއި ނީރަޖަކީ "ބޯލް ބައްޗަން" ފުރިހަމަކޮށް ދިނުމުގައި ވަރަށް ބޮޑު ހިއްސާއެއްވި ފަންނާނުންނެވެ.