Roadha Mihaaru
އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ: އަމީން

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ: އަމީން

16 ޖުލައި 2020

ކޮވިޑް-19 އިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ކުރިއަށް ދެވޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ކުރިއަށް ދެވޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅެއްޖެ އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމު ކުރި ހަތް ފެސިލިޓީގެ ތެރެއިން ށ. ފުނަދު ދާއި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީ ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެ ބަލީގެ ނުރައްކަލަށް އަދި ބަދަލެއް ނާންނަ ކަމަށާއި އެ ބައްޔަށް ފަރުވާއެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއް ނެތި އަޅަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

"ފަހަތަށް ދިޔަ ދުވަސްތަކަކީ ލުއި ދުވަސްތަކެއް ނޫން. އަދި ކުރިއަށް އޮތް ދުވަސް ތަކަކީ އެއަށް ވުރެ މާ ބުރަ ދުވަސްތަކެއް. ވަކިން ހާއްސަ ގޮތެއްގައި ސިއްހީ ހިދުމަތްތެރީންނަށް ބުރަ ދުވަސްތަކެއް،" އަމީން ވިދާޅުވި އެވެ.

"އެއީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެގެން އެބަދޭ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެގެން އެބަ ދޭ. ހޮސްޕިޓަލްގައި އެޑްމިޓް ކުރެވޭ މީހުންގެ އަދަދު އިތުރު ވެގެން އެބަދޭ."

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާ ހިސާބަށް އާދެވުނުއިރު ދަސްވި ކަންކަމަށް ބަލާއިރު މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ އެވެ.

"ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ދުނިޔެ ކޮށްފައިވާ ތަޖުރިބާ އަށް ބަލާއިރުގައި އަޅުގަނޑުމެންނަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކުރިއަށް ދެވޭނެ ކަމަށް ފަންނީ މާހިރުން ގަބޫލު ކުރައްވާތީ އަޅުގަނޑުމެން މިހާރު މިހިރަ ގޮތަށް ކުރިއަށް މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ށ. ފުނަދު ދާއި ބ. އޭދަފުށީ ފެސިލިޓީގެ ކޮވިޑް ފެސލިޓީ ހުޅުވުމުގެ ހަފުލާގައި ހެލްތު މިނިސްޓަރު އަމީނާއި އެހެން ބައެއް ބޭފުޅުން އޮންލައިންކޮށް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ށ. ފުނަދު ދާއި ބ. އޭދަފުށީ ފެސިލިޓީގެ ކޮވިޑް ފެސލިޓީ ހުޅުވުމުގެ ހަފުލާގައި ހެލްތު މިނިސްޓަރު އަމީނާއި އެހެން ބައެއް ބޭފުޅުން އޮންލައިންކޮށް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

އަމީން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އަޅާނީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން، އިގްތިސާދަށް ދިރުން އަންނަ ގޮތަށާއި ދިރިއުޅުމަށް ވެސް ލުއިވާ ގޮތަށް ކަމަށެވެ. ނަމަވެސް ކޭސްތައް އިންތިހާ އަށް އިތުރުވެ، ފަހަތަށް ޖެހެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ބިނާވާނީ މިއަދު އަޅުގަނޑުމެން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުގެ މައްޗަށް،" އަމީން ވިދާޅުވި އެވެ.

ކޮވިޑް-19އާ ދޭތެރޭ ކަންފަސޭހަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ރާއްޖޭގައި އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު، އެކަމަށް ކަންފަސޭހަ ކުރެވިއްޖެ ނަމަ ކުރިއަށް އޮތީ ނުރައްކާތެރި ދުވަސް ތަކެއް ކަމަށް ވިދާޅުވި އެވެ.

ށ. ފުނަދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ށ. ފުނަދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"މިހާރު އަޅުގަނޑުމެންގެ ބޯޑަރު ހުޅުވިއްޖެ. އަދި އެއްތަނުން އަނެއް ތަނަށް ދިއުމުގެ އިހަށް ވުރެ ފަސޭހަތައް ދެވިއްޖެ. ގޭގައި ބަންދުވެފައި ތިބުން ވީއްލިއްޖެ. މިހާ ހިސާބުން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އަމިއްލަ އަށް ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމު މަސައްކަތްތައް ކަމަށް ދެކިގެން މަސައްކަތް ކުރުން،" އަމީން ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ފަރުދީ ޒިންމާގެ މައްޗަށް ކޮވިޑުން ރައްކާތެރިވުމުގެ ކަންކަން ބިނާވެގެން ވަނީ."

އަތޮޅުތެރޭގައި ކޮވިޑް-19ގެ ފަރުވާ ދޭން ފެށުމީ އެކަމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ލޮކްޑައުން އަށް ލުއިދިނުމާއެކު، ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެގޮތަށް ދިމާވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އުޅުމުގެ ސަބަބުން ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.