Roadha Mihaaru
ސުޝްމިތާ ސެންގެ ކޮއްކޮ ބޮލީވުޑަށް

ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ބޮލީވުޑަށް

21 ޖުލައި 2020

ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ސެން ބޮލީވުޑަށް ނުކުންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ސެން ބޮލީވުޑަށް ނުކުންނަން ނިންމައިފި އެވެ.

އޭނާގެ އަލަތު ފިލްމަކީ ދާދި ފަހުން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށް، ފިލްމު ޕްރޮޑަކްޝަނަށް ނުކުތް އެކްޓަރު ވިވެކް އޮބެރޯއީގެ ފިލްމު ކުންފުނި އޮބެރޯއީ އޮމެގާ އެންޓަޓައިންމަންޓުން ހަދާ ފުރަތަމަ ފިލްމު "އިތީ: ކޭން ޔޫ ސޯލްވް އޯން މާޑާ؟" އެވެ.

މި ފިލްމުން ރަޖީވް، 36، ފެންނާނީ ރޯހިތު ވަރްދާން ކިޔާ ކެރެކްޓާއަކުންނެވެ. ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އިތީ" ގައި ވިވެކް ކުޅޭނީ ޕްރަބޫ ސިންގް ކިޔާ ކެރެކްޓާއެކެވެ. އަންނަ މަހުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވާ އިރު، މި ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ ވިޝާލް މިޝްރާ އެވެ.

ރަޖީވް ބުނީ "އިތީ" އިން ލިބުނު ކެރެކްޓާ އަކީ ވަރަށް ޝައުގުވެރި ރޯލެއް ކަމަށާއި އޭނާގެ މެކްސިމަމް ފިލްމަށް ދޭނެ ކަމަށެވެ. އަދި އެކްޓިން އަށް ނުކުންނަ އިރު، ދައްތަގެ އިރުޝާދުތަކާއި ނަސޭހަތާއި ތަޖުރިބާގެ ބޭނުން ވެސް އަމިއްލަ ކެރިއަރުގައި ހިފާނެ ކަމަށް ބުންޏެވެ.

ރަޖީވަކީ ޓީވީ ބަތަލާ ޗާރޫ އަސޯޕާގެ ފިރިމީހާ އެވެ. އެ ދެ މީހުން ކައިވެނުކުރީ މިދިޔަ އަހަރު އެވެ. އެކަމަކު ކައިވެނީގައި ކުނިޖެހި އެ ދެ މީހުން މިހާރު ދިރިއުޅެމުން އަންނަނީ ވެސް ވަކިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރަޖީވް ބޮލީވުޑަށް ނުކުންނަ އިރު، މިސް ޔުނިވާސްގެ ތާޖް ވެސް ހާސިލުކޮށްފައިވާ ސުޝްމިތާ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އެކްޓިން އަށް ނުކުތީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރި ވެބް ސީރީޒް "އާރިއާ" އިންނެނެވެ.