Roadha Mihaaru
ސުޝްމިތާގެ ލޯބިވެރިޔާ ވީޑިއޯ ލަވައަކުން

ސުޝްމިތާ ސެންގެ ލޯބިވެރިޔާ ވީޑިއޯ ލަވައަކުން

24 ޑިސެމްބަރ 2020

ބަތަލާ ސުޝްމިތާ ސެންގެ ލޯބިވެރިޔާ ރަހްމާން ޝޯލް ވީޑިއޯ ލަވައަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ސުޝްމިތާ ސެންގެ ލޯބިވެރިޔާ ރަހްމާން ޝޯލް ވީޑިއޯ ލަވައަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މިހާރު ޓީޒާ ވެސް އާންމުކޮށްފައިވާ "މޯލާ" ގެ ނަން ދީފައިވާ ވީޑިއޯ ލަވައިން ރަހްމާން ފެންނާނީ ސްޓާ ޕްލަސް މި އަހަރު ނިންމައިލި ސިލްސިލާ "ކަސޯޓީ" ގައި ޕްރޭނާގެ ރޯލް ކުޅުނު އެރިކާ ފެނަންޑޭޒާ އެކީގަ އެވެ.

ލަވައިގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ރަހްމާން ބުނީ އެ ލަވައިގެ މިއުޒިކް ހަދައި ލަވަ ކިޔާފައިވާ ޕެޕޯން އަކީ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާގެ ލަވައަކުން ބެލުންތެރިންނާ ބައްދަލުކުރަން ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ރަހްމާން ބުނިގޮތުގައި ވީޑިއޯ ލަވައެއް ކުޅުނު އިރު އެކަމަށް އެންމެ ބޮޑަށް ހިތްވަރު ދިނީ ސުޝްމިތާ އެވެ. އެގޮތުން ކެމެރާގެ ކުރިމަތީގައި އުޅޭނެ ގޮތް ދަސްކޮށް ދިނީ ވެސް 1994 ގެ މިސް ޔުނިވާސް ކަމަށް ބުންޏެވެ. ލަވައިގެ ޝުކުރުގެ ލިސްޓްގައި ސުޝްމިތާގެ އެޑޮޕްޓް ދެ ދަރިން ކަމަށްވާ ރެނީ އާއި އަލީސާ ސެންގެ ވާހަކަ ފާހަގަކޮށް ރަހްމާން ބުނީ ލޯބީގެ ލަވައެއް ކުޅެން ހުއްދަ ދިނީ އެ ދެ ކުދިން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ ހާއްސަކުރާނީ އާއިލާގެ މީހުންނަށެވެ.

"މޯލާ" ލަވައިގެ ޓީޒާ އަށް ކޮމެންޓްކޮށް ސުޝްމިތާ ވަނީ ބުނީ އޭނާގެ "ޖާންއާ މެދު ފަހުރުވެރިވާ" ކަމަށެވެ.

ރަހްމާން ވީޑިއޯ ލަވައަކުން އެކްޓިން ހުނަރު ދައްކައިލާ އިރު 10 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ސުޝްމިތާ އެނބުރި އެކްޓިން އަށް ނުކުތް ވެބް ސީރީޒް "އާރިއާ" އިން މި ހަފުތާގައި ވަނީ ފިލްމުފެއާގެ އޯޓީޓީ އެވޯޑްގައި ޑްރާމާ ކެޓަގަރީން އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިފަ އެވެ.

އަނެއްކޮޅުން އޭނާގެ އާއިލާގެ އިތުރު ދެ މީހަކު ވަނީ އެކްޓިން އަށް ނުކުމެފަ އެވެ. އެއީ ކޮއްކޮ ރަޖީވް ސެން އާއި ރެނީ އެވެ. ރެނީގެ އަލަތު ފިލްމަކީ "ސުއްޓަބާޒީ" ކިޔާ ކުރު ފިލްމެކެވެ. މީގެ ޓްރެއިލާ ވެސް ދާދި ފަހުން އާންމުކޮށްފައިވެ އެވެ.

ރަޖީވް ބޮލީވުޑަށް ތައާރަފު ވާނީ ވިވެކް އޮބެރޯއީގެ ސަސްޕެންސް ތުރިލާ "އިތީ" އިންނެވެ.