Roadha Mihaaru
ޝާހްރުކާއި ދީޕިކާގެ އާ ފިލްމަކީ "ޕަތާން"

ޝާހްރުކާއި ދީޕިކާގެ އާ ފިލްމަކީ "ޕަތާން"

08 އޯގަސްޓް 2020

ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންއާ އެކު ޑައިރެކްޓަރު ސިދާތު އާނަންދު ހަދަން ނިންމާފައިވާ ފިލްމަކީ "ޕަތާން" ކިޔާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންއާ އެކު ޑައިރެކްޓަރު ސިދާތު އާނަންދު ހަދަން ނިންމާފައިވާ ފިލްމަކީ "ޕަތާން" ކިޔާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމަށް ޝާހްރުކާއި ދީޕިކާއި ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނީ "ޕަތާން" ގެ ނަން ދީފައިވާ ފިލްމުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ އެވެ. އަދި މި ފިލްމަކީ ވައިއާރްއެފަށް މި އަހަރު 50 ފުރިފައިވާތީ އެކަމަށް ހާއްސަކޮށްގެން އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ކަންކަމުގެ ތެރޭގައި ހިމެނޭނެ އެންމެ ހާއްސަ އެއް ފިލްމު ކަމަށް ބުންޏެވެ. މި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ ވައިއާރްއެފްގެ ބާނީ އަދި 2012 ގައި މަރުވެފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޗާޝް ޗޯޕްޅާގެ އުފަން ދުވަހާ ދިމާކޮށް އަންނަ މަހުގެ 27 ގައި ކަމަށްވެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކާއި ދީޕިކާގެ ފިލްމަށް "ޕަތާން" ގެ ނަން ދީފައި ވަނީ އެއީ ޝާހްރުކް ކުޅޭ ކެރެކްޓާގެ ނަމަށް ވެސް ވުމެވެ. އަދި މިއީ މާސް އޯޑިއަންސް ގަޔާވާނެ ހުރިހާ ރަހަތަކެއް އެކުލެވޭ ގޮތަށް ގެނެސްދޭނެ އެކްޝަން މަސާލާ ފިލްމެއް ކަމަށް ބުންޏެވެ. ހަންގާމާ އިން ބުނިގޮތުގައި "ޕަތާން" އަކީ ބޮޑު ބަޖެޓަކުން ހަދާނެ ފިލްމެކެވެ.

ދީޕިކާ، ސިދާތު އަދި ޝާހްރުކް.

ދީޕިކާ، ސިދާތު އަދި ޝާހްރުކް.

މި ވާހަކަ ތެދަކަށްވެއްޖެ ނަމަ "ޕަތާން" ވެގެންދާނީ ސިދާތާ އެކު، ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ދީޕިކާ ވަނީ ސިދާތު 2009 ގައި ރަންބީރް ކަޕޫރާ އެކު ގެނެސްދިން "ބަޗްނާ އޭ ހަސީނޯ" ގައި މަސައްކަތްކޮށްފަ އެވެ. އެއީ ވެސް ވައިއާރްއެފްގެ ފިލްމެކެވެ.

ރިޕޯޓައް ބުނާގޮތުން ޝާހްރުކް ސޮއިކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމުގެ މަސައްކަތް ފަށާނީ "ޕަތާން" ނިންމާލައިފަ އެވެ.

ޝާހްރުކާއި ދީޕިކާ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2007 ގެ "އޯމް ޝާންތީ އޯމް" އާއި 2013 ގެ "ޗެންނައި އެކްސްޕްރެސް" އަދި 2014 ގެ "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.