Roadha Mihaaru
ކެނދިކުޅުދޫ ކުޅީގައި ޕާކެއް، އަޖައިބެއްހާ ރީތި!

ކެނދިކުޅުދޫ ކުޅީގައި ޕާކެއް، އަޖައިބެއްހާ ރީތި!

08 އޯގަސްޓް 2020

ގިނަ، ބޮޑެތި ކުޅިތަކެއް އޮންނަ ނ. ކެނދިކުޅުދޫގައި ހަދަމުން އަންނަ މި ޕާކު އަދި ނުވެސް ނިމެ އެވެ. އެކަމަކު ގުދުރަތީ ރީތިކަން ފެންނަ މިތަނުގެ ހިތްގައިމުކަމުގެ ވާހަކަ އެންމެން ދައްކަން ފަށައިފި އެވެ. އެ ރަށުގެ ކުޅިއެއްގައި ހަދަމުން އަންނަ މި ޕާކަކީ، ގިނަ ބައެއްގެ ނަޒަރުގައި އަޖައިބެއް ފަދަ ރީތި ތަނެކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގިނަ، ބޮޑެތި ކުޅިތަކެއް އޮންނަ ނ. ކެނދިކުޅުދޫގައި ހަދަމުން އަންނަ މި ޕާކު އަދި ނުވެސް ނިމެ އެވެ. އެކަމަކު ގުދުރަތީ ރީތިކަން ފެންނަ މިތަނުގެ ހިތްގައިމުކަމުގެ ވާހަކަ އެންމެން ދައްކަން ފަށައިފި އެވެ. އެ ރަށުގެ ކުޅިއެއްގައި ހަދަމުން އަންނަ މި ޕާކަކީ، ގިނަ ބައެއްގެ ނަޒަރުގައި އަޖައިބެއް ފަދަ ރީތި ތަނެކެވެ.

ވަށައިގެން ފެހިކަން އޮންނަ، ބޮޑު މި ކުޅި ފުރިފައި ވަނީ ރީތި މަސްތަކުންނެވެ. ދޫނީގެ އަޑު އެތަނުން އިވޭއިރު، ފެންގަނޑު އޮންނަނީ މަޑުމަޑުން ދުވެލަ ދުވެލަ އެވެ. ކުޅީގެ މެދާ ހަމައަށް ދަނޑި އާއި ލަކުޑި ބޭނުންކޮށްގެން ރީތި ފާލަމެއް ހަދާފައި އޮންނައިރު މެދުގައި ހުންނަނީ ބޮޑު ހަޓެކެވެ. ފަނުން އެތަން ހިޔާ ކުރުމުގެ މަސައްކަތް ދެ ހަފުތާއެއްގެ ތެރޭގައި ނިމޭނެ އެވެ.

ޖުމްލަ ނުވަ ކުޅި އޮންނަ ކެނދިކުޅުދޫގެ ކުޅިއެއްގައި ހެދި މި ޕާކުން ގުދުރަތީ ރީތިކަން، ވަރަށް ފުރިހަމައަށް ފެނެ އެވެ. މުޅިން ނުނިމުނު ނަމަވެސް، ޕާކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ގިނަ ބައެއްގެ ސަމާލުކަން އެ ތަނަށް އަންނަނީ ލިބެމުންނެވެ.

މިއީ އެ ރަށުގެ 30 ހަކަށް ޒުވާނުން ތަރައްގީ ކުރަމުން އަންނަ ޕާކެކެވެ. ގިނައީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ކޮވިޑް-19އާ އެކު ވަޒީފާ ގެއްލިގެން އެނބުރި ރަށަށް ދާން ޖެހުނު މީހުންނެވެ. އެކަމަކު ކޮފީ މޭޒުމަތިން އުފަންވި މި ހިޔާލުގައި ކުލަ ޖައްސަން، އެ ރަށުގައި އެކި މަސައްކަތް ކުރާ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.

ކުޅިއަށް ދިޔުމަށް ދަނޑިން ހަދާފައިވާ ފާލަމަކުން ކުޑަކުއްޖަކު ދުވެފައި ދަނީ: ދެ ހަފުތާ ފަހުން މި ތަން އާއްމުންނަށް ހުޅުވާލާނެ

ކުޅިއަށް ދިޔުމަށް ދަނޑިން ހަދާފައިވާ ފާލަމަކުން ކުޑަކުއްޖަކު ދުވެފައި ދަނީ: ދެ ހަފުތާ ފަހުން މި ތަން އާއްމުންނަށް ހުޅުވާލާނެ

"މިއީ އެންމެ ކުރީއްސުރެ ވަރަށް ރީތި ކުޅިތަކެއް އޮންނަ ރަށެއް. އެކަމަކު މީގެ ބޭނުމެއް އެއްވެސް ގޮތަކަށް ނުހިފޭ. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ކުޅިތައް ތަރައްގީކޮށްގެން އީކޯ ޓޫރިޒަމް ތައާރަފް ކުރަން،" މި މަސައްކަތުގައި އިސްކޮށް އުޅެމުން އަންނަ ހުސެން އިރުޝާދު ބުންޏެވެ.

"ކުޅީގައި ރޫމް އަޅައިގެން ނަމަވެސް މިތަނުގެ ރީތިކަން ދައްކާލަން."

މިއީ އެ ޒުވާނުންގެ އަމިއްލަ ހަރަދުގައި ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މީހުންނަށް ހެދިފައި ހުރީ ކުޅީގެ މެދުގައި ހަޓަކާއި އިތުރު ޕްލެޓްފޯމަކާއި އެތަނާ ގުޅޭ ފާލަމެވެ. ހަޓުގެ ފުރާޅުގައި ފަން ޖެހި ނަމަވެސް އެ މީހުން ނިންމާފައިވަނީ ޕްލެޓްފޯމް އޯޕަން އެއާކޮށް ބާއްވާށެވެ. އަދި އެތަނުގައި އުނދޯއްޔަކާއި ޖޯލިފައްޗެއް ބަހައްޓާށެވެ. ބޮއްކުރައެއްގައި ކުޅީގައި ދުއްވާލުމުގެ އިންތިޒާމް ހަމަޖައްސާއިރު، ކެއިންބުއިމަށް، ފެންމަތީގައި ހުންނަ "ފްލޯޓިން ޓޭބަލް"އެއް ހެދުމުގެ ވިސްނުން ވެސް އެބަ ހުއްޓެވެ. ކުޅީގައި އެކި ކުލަކުލައިގެ ގިނަ މަސް އުޅޭއިރު، އެއަށް ކާންދާން ހާއްސަ ތަނެއް ހަދަން ވެސް ވަނީ ނިންމާފަ އެވެ.

ކެނދިކުޅުދޫ ޒުވާނުންގެ ބަޔަކު މި ހާއްސަ މަސައްކަތަށް ނުކުތީ ރަށުގެ ރީތިކަން ދައްކާލުމުގެ މަގުސަދުގައި

ކެނދިކުޅުދޫ ޒުވާނުންގެ ބަޔަކު މި ހާއްސަ މަސައްކަތަށް ނުކުތީ ރަށުގެ ރީތިކަން ދައްކާލުމުގެ މަގުސަދުގައި

މި ހުރިހާ މަސައްކަތެއް ވެސް އެ ޒުވާނުން ކުރަމުން އަންނަނީ އެ މީހުންގެ އަމިއްލަ ހަރަދުގަ އެވެ. ބަލިމަޑުކަމާ ގުޅިގެން ގިނަ ޒުވާނުންގެ ވަޒީފާ ގެއްލުމުން، މާ ބޮޑު ހަރަދެއް ކުރެވޭކަށް ވެސް ނެތެވެ. އެކަމަކު އިރުޝާދު ބުނި ގޮތުގައި "އެ މީހަކަށް ދެވެން އޮތް އެއްޗެއް ދީގެން" އެކަން ކުރަނީ އެވެ.

"އަޅުގަނޑުމެން މިކަން ކުރާތަން ފެނުނީމައި ރަށުގެ ވަރަށް ގިނަ މީހުން، އެ މީހުންނަށް ދެވެން އޮންނަ އެއްޗެއް ދޭ. ފަންގިކޮޅެއް، ސަތަރިކޮޅެއް ނަމަވެސް،" އޭނާ ބުންޏެވެ.

"ތަކެތި ލިބެމުންދާ ވަރަކަށް ތަން މި ހެދެނީ ވެސް."

ކެނދިކުޅުދޫގެ ޒުވާނުން އެ ރަށުގެ ކުޅިއެއްގައި ހަދަމުން އަންނަ ޕާކު: ކުޅީގެ ރީތިކަން އެ ޕާކުން ފެނޭ

ކެނދިކުޅުދޫގެ ޒުވާނުން އެ ރަށުގެ ކުޅިއެއްގައި ހަދަމުން އަންނަ ޕާކު: ކުޅީގެ ރީތިކަން އެ ޕާކުން ފެނޭ

އިރުޝާދު ބުނީ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި އެކަމަކު މާލީ ގޮތުން ކޮންމެވެސް ބަޔަކު އެހީއެއް ދީފި ނަމަ، ވަރަށް އަވަހަށް ނިންމޭނެ ކަމަށެވެ. އެ މީހުންގެ އުއްމީދަކީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހަޓާއި ޕްލެޓްފޯމުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލުމެވެ.

"ހަގީގަތުގައި މިއީ ވަރަށް، ވަރަށް ރީތި ތަނެއް. ވަރަށް މުއްސަނދި ކަނޑޫފަލެއް. އަޅުގަނޑުމެންނަށް އަބަދު ފެންނައިރު ވެސް ކޮންމެ ދުވަހަކު ވެސް އަންނަހިތްވޭ،" އޭނާ ބުންޏެވެ.

ކުޅީގައި ހަދާފައި ހުރި ހަޓްގެ މަތިވަޑާންގަނޑު ރާވަނީ: މިއީ ޒުވާނުންގެ ބޮޑު މަސައްކަތެއް

ކުޅީގައި ހަދާފައި ހުރި ހަޓްގެ މަތިވަޑާންގަނޑު ރާވަނީ: މިއީ ޒުވާނުންގެ ބޮޑު މަސައްކަތެއް

އިރުޝާދު ބުނީ މާލީ އެހީއެއް ލިބިއްޖެ ނަމަ، މުޅި ކުޅީގެ ރީތިކަން ފެންނަ ގޮތަށް "ޓްރީހައުސް" އެއް ނުވަތަ ޓަވަރެއް ހަދާނެ ކަމަށެވެ. އަދި އެތަނަށް ކަރަންޓު ދޭނީ އަވިން ކަރަންޓު އުފައްދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ޒުވާނުންގެ މި މަޝްރޫއުގައި ތަނުގެ ވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ކުޅި އާއި ކަނޑޫފާތެރެ ވެސް ތަރައްގީ ކުރާނެ އެވެ. ކުޅީގައި މަދިރި ނޫޅުނު ނަމަވެސް، އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް މަދިރި އުޅޭތީ އެތަން ތަރައްގީ ކުރަނީ މަދިރި ނައްތާލެވޭނެ ވަސީލަތްތައް ހިމަނައިގެންނެވެ. އެ ހުރިހާ ކަމެއް ވެސް އެ މީހުން ކުރަނީ ވެއްޓަށް ގެއްލުން ނުދިނުމަށް ބާރު އަޅާ މެސެޖްތައް ހިމަނައިގެންނެވެ.

ކުޅީގައި ފާލަން އެޅުމުގެ މަސައްކަތް ޒުވާނުން ކުރަނީ

ކުޅީގައި ފާލަން އެޅުމުގެ މަސައްކަތް ޒުވާނުން ކުރަނީ

ކެނދިކުޅުދޫގެ ގުދުރަތީ ރީތިކަން ކިތައްމެ މުއްސަނދި ނަމަވެސް، ބީރައްޓެހިންގެ މާ ބޮޑު ސަމާލުކަމެއް އަދި ނުހޯދެ އެވެ. ރަށުގައި ހުންނަ ހަމައެކަނި ގެސްޓްހައުސް ވެސް މިހާރަކު ނުހިންގަ އެވެ. އެކަމަކު ރަށުގެ ކުޅިތަކަށް އަބަދުވެސް މީހުންގެ ޝައުގުވެރިކަން އޮންނަ ކަމަށް އިރުޝާދު ބުންޏެވެ.

ކުޅި ހުރަސް ކުރުމަށް ދަނޑިން ފާލަމެއް އަޅަނީ

ކުޅި ހުރަސް ކުރުމަށް ދަނޑިން ފާލަމެއް އަޅަނީ

ޒުވާނުންގެ މި މަޝްރޫއުގެ މަގްސަދަކީ ވެސް އެއީ އެވެ. ފުވައްމުލަކުގައި އޮންނަ ކުޅީގެ ކިސަޑު ފެންގަނޑުގެ ތެރެއަށް މީހުން އެރި ޖަހާ ސަކަރާތް އެތަނުގައި ވެސް ޖެހޭނެތީ، އެފަދަ ފުރުސަތެއް ފަހިކޮށްދިނުމެވެ. އަދި މަދު ރަށަކުން ފެންނަ މި ހިތްގައިމު މަންޒަރު ގިނަ ބަޔަކަށް ދައްކާލައި، އީކޯ ޓޫރިޒަމް ތައާރަފް ކުރުމެވެ.

ނ. ކެނދިކުޅުދޫ: މި ރަށުގައި ނުވަ ކުޅި އޮވޭ

ނ. ކެނދިކުޅުދޫ: މި ރަށުގައި ނުވަ ކުޅި އޮވޭ