Roadha Mihaaru
ރާއްޖެ އަތުން ކުރިހޯދޭނެ: ޔަމަން ކޯޗު

ރާއްޖެ އަތުން ކުރިހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ޔަމަން ކޯޗު

01 ޖޫން 2016

އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފް ބުރުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައި ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޔަމަންގެ ކޯޗު އަހުމަދު އަލީ ގާސިމް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފް ބުރުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައި ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޔަމަންގެ ކޯޗު އަހުމަދު އަލީ ގާސިމް ބުނެފި އެވެ.

ޔަމަނާ ރާއްޖެ ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މާދަމާރޭ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާސިމް ބުނީ އޭނާގެ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެމެންވާނީ މި މެޗަށް ތައްޔާރުވުމަށް އަމިއްލަ ގައުމުގައި އަދި ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފައި. މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެވިއްޖެ. ރާއްޖެ ބަލިކޮށް ދެން އޮތް ބުރަށް ދެވޭނެ. މާދަމާގެ މެޗުން އެއްވަރު ކޮށްލައިގެން ވެސް ގެއްލުމެއް ނެތް" ގާސިމް ބުންޏެވެ.

ހޯމް އެޑްވާންޓޭޖް ނުލިބުމަކީ އޮތް ގެއްލުމެއް

ޔަމަނާއި ރާއްޖެ ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތީ އަންނަ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދޯހާގަ އެވެ. ޔަމަންގެ ހޯމް މެޗުތައް 2012 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަނީ ޔޫއޭއީ އާއި ގަތަރުގަ އެވެ. އެއީ ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހު އެވެ. ގާސިމް ބުނީ ހޯމް އެޑްވާންޓޭޖް ނުނެގޭތީ ނަތީޖާ ނެރުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ. އޭގެ ސަބަބުން އަހަރެމެންގެ ކުޅުމަށް އަސަރުކޮށް ނަތީޖާ ނެރެން އުނދަގޫވާ ފަހަރު ވެސް އާދޭ. އެކަމަކު ނިއުޓްރަލް ދަނޑެއްގައި ކުޅޭ ވިސްނުމުގައި ނަތީޖާ ނެރެވިދާނެ،" ގާސިމް ބުންޏެވެ.

"ރާއްޖޭގެ ޓީމާ ބެހޭ މައުލޫމާތެއް ލިބިފައި އޮތްކަން މެޗުގެ ކުރިން ބުނަން ބޭނުމެއް ނޫން. އެކަން މެޗަށް ފަހު ފެނިގެންދާނެ،" - ގާސިމް

ޔަމަން އާއި ރާއްޖެ މީގެ ކުރިން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލުކޮށްފަ އެވެ. ގަލޮޅު ދަނޑުގައި 2007 ވަނަ އަހަރު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ލަނޑާ އެކު 2-0 އިންނެވެ. އެހެން ނަމަވެސް ޔަމަނުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފަ އެވެ.

ރާއްޖެއާ ދެކޮޅަށް ކުރިން ކުޅެފައިވާ ތިން ކުޅުންތެރިޔަކު ޔަމަން ޓީމުގައި ހިމެނެ އެވެ. ޔަމަންގެ ކޯޗު ގާސިމް ބުނީ ރާއްޖޭގެ ޓީމާ ބެހޭ މައުލޫމާތު ލިބިފައިވާކަން މެޗުގެ ކުރިން ހާމަކުރަން ބޭނުންނުވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް ކޮޅަށް ޔަމަންގެ އަލް ސަރޯރީ(މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް ކޮޅަށް ޔަމަންގެ އަލް ސަރޯރީ(މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

"ރާއްޖޭގެ ޓީމާ ބެހޭ މައުލޫމާތެއް ލިބިފައި އޮތްކަން މެޗުގެ ކުރިން ބުނަން ބޭނުމެއް ނޫން. އެކަން މެޗަށް ފަހު ފެނިގެންދާނެ،" ގާސިމް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޔަމަން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. މޮޅުވީ ރަށުން ބޭރުގައި ފިިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ އުމުރުން 17 އަހަރުގެ އަހުމަދު އަލް ސަރޯރީ އެވެ.

"އެއީ ވަރަށް ޒުވާން ކުޅުންތެރިޔެއް. ވަރަށް ގިނަ ތަމްރީންތަކަށް ފަހު އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ދިނީ. ޔަމަނު ފުޓްބޯޅައިގެ މުސްތަގުބަލަށް އޭނާ ވުން ގާތް،" އަލް ސަރޯރީއާ ބެހޭ ގޮތުން ޔަމަންގެ ކޯޗު ގާސިމް ބުންޏެވެ.

ޔަމަން ޓީމުގެ ކެޕްޓަން ކީޕަރު މުހައްމަދު އިބްރާހިމް އަޔާޝް ބުނީ އެ ޓީމު އޮތީ މި މެޗަށް ތައްޔާރުވެފައި ކަމަށާއި މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ފީފާއިން އެންމެ ފަހުން ނެރުނު ރޭންކިންގައި ޔަމަން އޮތީ ރާއްޖެ އަށް ވުރެ 17 ދަރަޖަ ފަހަތުގަ އެވެ. ޔަމަން ދުނިޔޭގެ 177 ވަނައިގައި އޮތްއިރު ރާއްޖެ އޮތީ 160 ވަނައިގަ އެވެ.

ޔަމަނާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ.