Roadha Mihaaru
ޓެރަރިޒަމް މައްސަލަތަކުގައި ފަހަތަށް ނުޖެހޭނަން: ރައީސް

ޓެރަރިޒަމްގެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ފަހަތަކަށް ނުޖެހޭނަން: ރައީސް

29 ޖޫން 2021

ޓެރަރިޒަމްގެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިޒަމްގެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީގެ "ކްލަބް ހައުސް ހަރުގެ" އިފުތިތާހު ކޮށްދެއްވުމަށް ފަހު، ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މި ވަގުތު ޖަރުމަނުގައި ހުންނެވި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމް ފަދަ ސީރިއަސް އަދި ބޮޑެތި މައްސަލަތަކުގައި ފަހަތު ފަޔަށް ބުރަވެވަޑައި ނުގަންނަވައި، ފިޔަވަޅުތައް އެޅުއްވުމަށާއި ރާއްޖެ ސަލާމަތް ކުރައްވަން ރައީސް ނުކުމެވަޑައިގަތުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އަދި އެ ފަދަ މައްސަލަތަކުގައި ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް އެ ކަންކަމުން އަރައިގަންނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކަމާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމްޑީޕީ އަބަދު ވެސް ގަބޫލުކުރަނީ އުސޫލެއްގެ ތެރެއިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވެސް މަސައްކަތް ކުރަނީ ހަމަ އެ އުސޫލުގެ ތެރެއިން ކަމަށް، ވާޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިން ބައިވެރިވެގެން ބޭރު ގައުމުތަކުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ދީފައި އެބަހުރި ކަމަށެވެ. އެފަދަ މީހުން ރާއްޖޭގައި ވެސް ތިބޭނެތީ، ހަމަލާއެއް ނުދެވޭނެ ގޮތަކަށް ފިޔަވަޅުތައް ހަރުދަނާކޮށް، އިންޓެލިޖެންސް ވަރުގަދަކުރުމުގެ ކަންކަން ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

ހަރުކަށި ފިކުރާއި ގޭންގުތަކާއި ޓެރަރިޒަމްގެ ކުށްތަކަކީ ރާއްޖޭގައި މީގެ ކުރިން ވެސް އޮތް ހިނގަމުންދިޔަ ކަންތަކަށް ވިޔަސް އެކަން ސާފުކޮށް އާއްމުކުރީ މި ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެ ފަދަ މައްސަލަތަލިގައި ފިޔަވަޅު އެޅުމަށް ތަހުގީގީ އިދާރާތަކުން ބޭނުންވާ ބަދަލުތައް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ތަހުގީގީ އިދާރާތަކުން އެދުމުން، އެ ގާނޫނަށް އިސްލާހު ގެންނަން ސެޕްޓެމްބަރު 19، 2019 ގައި މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ އިދާރާތަކުން ގެންނަން ބޭނުންވި ބައެއް ބަދަލުތައް އޭރު ނުގެނެވުނެވެ.

"..މިއިން ކޮންމެ ކަމެއް ރާއްޖޭގައި ގޭންގު ކުށްތަކާއި ހަރުކަށި ފިކުރުގެ ހަމަލާއެއް ނޫނީ ކަމެއް ވީމަ ތަހުގީގީ އިދާރާތަކާ ބައްދަލުކުރަން... އެ އިން ކޮންމެ ފަހަރަކު އަންނަ އެއް ކަމަކީ ގާނޫނުގައި އަދި ވެސް އެބަހުރި ކަމަށް އިސްލާހުކުރަންޖެހޭ ކަންކަން. ބަންދުކޮށް، މީހާ ބައިންދައި، ތަހުގީގު ކުރުމަށް އަދި އިތުރަށް ގާނޫނު އިސްލާހު ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ. އެ ބިލް ފާސްވުމުން އެމްޑީޕީ ގަބޫލުކުރާ ސިޔާސަތުގެ ތެރެއިން ހަރުކަށި ފިކުރާއި ޓެރަރިޒަމް މައްސަލަތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ތިބީ އެކަން ކުރަން ނުކުމެ. އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. މިކަމުގައި ހިމެނޭ ފަރާތްތަށް ބަންދުކުރަން ޖެހިއްޖެއްޔާ ބަންދުކޮށް ތަހުގީގުކޮށް ޝަރީއަތާ ހިސާބަށް ގެންދިއުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ. ޓެރަރިޒަމްގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ އެވެ. އޭގެ އިތުރުން، ޓެރަރިޒަމްގެ ތުހުމަތުވާ މީހުން، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވޭ ގޮތަށް ގާނޫނުގައި ހިމަނާއިރު އެ މީހަކު އެ ވަގުތު ހުރީ އަމިއްލަ ތަނެއްގައި ނަމަ، ކޯޓު އަމުރެއް ނެތި އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ވެސް ދީފައި ވެ އެވެ.