Roadha Mihaaru
އިމްތިހާނު ސެންޓަރު ހުރި ރަށަށް އަވަހަށް ދާން އެދިއްޖެ

އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް އަވަހަށް ދާން އިލްތިމާސްކޮށްފި

20 ސެޕްޓެމްބަރ 2020

އޭ ލެވެލް އިމްތިހާނު އަންނަ މަހު ފެށުމުގެ ކުރިން، އެ އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ދަރިވަރުން ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް އިމްތިހާނު އަންނަ މަހު ފެށުމުގެ ކުރިން، އެ އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ދަރިވަރުން ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޑެކްސެލް އިމްތިހާނު ބާއްވަން މީގެ ކުރިން ތާވަލުކޮށްފައި އޮތީ މެއި/ޖޫން މަހަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށް ދިގުލައިގެންދާތީ، އެ އިމްތިހާނު މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހަށް ފަސްކުރީ އެވެ.

މާލެ ސަރަހައްދުގެ ސްކޫލުތައް ވެސް ބަންދުކޮށްފައި ހުރުމުން އޭ ލެވެލްގައި ކިޔަވާ ގިނަ ދަރިވަރުންތަކެއް މިހާރު ވަނީ އެ ދަރިވަރުންގެ ރަށްރަށަށް ގޮސްފަ އެވެ.

ޑީޕީއީ އިން ކުރި އިއުލާނެއްގައި ވަނީ އަންނަ މަހު ފަށާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށްޓަކައި، އެ ދަރިވަރަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް އެދިފައި ވެ އެވެ.

ރާއްޖޭގައި މި އަހަރު އޭލެވެލް އިމްތިހާނު ހަދާނީ ގްރޭޑު 11ގެ ދަރިވަރުން އެކަންޏެވެ. މީގެ ކުރިން ގްރޭޑް 12ގެ ދަރިވަރުން ވެސް އެ އިމްތިހާނު ހަދަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރުގައި 12ގެ ދަރިވަރުން އެޑެކްސެލް އިމްތިހާނު ހެދުމުން، މި އަހަރު ގްރޭޑު 12 އޮތީ ޓްރާންސިޝަން މަރުހަލާގަ އެވެ

މި އަހަރުގެ އޮކްޓޯބަރު މަހަށް ތާވަލްކޮށްފައި އިން ކެމްބްރިޖް އޯ ލެވެލް އިމްތިހާނު ވެސް ވަނީ، ކޮވިޑާ ގުޅިގެން އަންނަ އަހަރުގެ މެއި/ޖޫން މަހަށް ފަސްކޮށްފަ އެވެ. އެ އިމްތިހާނު ހެދުމާ ހަމައަށް، އެ ދަރިވަރުން މިވަގުތު ތިބި ސްކޫލެއްގައި ދެމި ހުންނާނެ އެވެ.