Roadha Mihaaru
ޕްރީސްކޫލާ ގުޅޭ ކަންތައްތައް އޮތީ މަޑުޖައްސާލާފައި

ހުޅުމާލެ ޕްރީ ސްކޫލާ ގުޅޭ ކަންތައްތައް އޮތީ މަޑުޖައްސާލާފައި

21 ސެޕްޓެމްބަރ 2020

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހަދާފައިވާ ޕްރީ ސްކޫލާ ގުޅޭ ކަންތައްތައް މިވަގުތު މަޑުޖައްސާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހަދާފައިވާ ޕްރީ ސްކޫލާ ގުޅޭ ކަންތައްތައް މިވަގުތު މަޑުޖައްސާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މުހައްމަދު ގާސިމް ޕްރީ ސްކޫލާ ގުޅޭ ކަންކަން މަޑުޖައްސާލީ، ފްލޫ ކްލިނިކެއް ހިންގުމަށް އެތަން ހެލްތު މިނިސްޓްރީއަށް ދޫކޮށްފައިވާތީ ކަމަށެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުރި ޕްރީ ސްކޫލާ ގުޅޭ މަސައްކަތްތައް މަޑުޖައްސާލިއިރު، އެޑިއުކޭޝަނަށް މިހާތަށް ކުރެވުނު ކަމަކީ އެ ތަން ހިންގާނެ ބަޔަކު ހޯދަން ހަތަރު ފަހަރަށް އިއުލާނުކުރުމެވެ. ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެތަން ހިންގާނެ ބައެއް، މިނިސްޓްރީއަކަށް އަދި ކަނޑައެއް ނޭޅެ އެވެ.

އާބާދީ ބޮޑު ހުޅުމާލޭގައި މިވަގުތު ޕްރީ ސްކޫލަށް ކިޔަވައިދެނީ ލިޓްލް ޖެމްސް އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި އެކަންޏެވެ. ޖާގައިގެ ދަތިކަމާ ހެދި ބައެއް ކުދިން ކިޔަވަން މާލެއަށް ވެސް ދެ އެވެ.

ދިހަ ކްލާސްރޫމްގެ ޕްރީ ސްކޫލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެތަން ހިންގަން ވަކި ބަޔަކާ ހަވާލުކުރަން އުޅޭކަމުގެ ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަ ހުށަހެޅި އެވެ.

އެތަން ހިންގާނެ ބަޔަކު ހޯދަން ތިން ފަހަރަށް ކުރި އިއުލާނާއެކު ލިބުނު ޝަކުވާތަކަށްފަހު، އޭސީސީން ވަނީ ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށްފަހު އަލުން އިއުލާނުކުރުމަށް އެދިފަ އެވެ. އެ އެންގުމާ އެއްގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ވަނަ ފަހަރަށް މިދިޔަ އަހަރު އިއުލާނުކުރި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން ބިޑް ހުށަހެޅި އެވެ. އެއީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ. މީގެ ތެރެއިން އިލްމު އެޑިއުކޭޝަނަކީ އަލަށް އުފެއްދި ކުންފުންޏެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ޕްރީ ސްކޫލް ބޭނުންކުރީ ހުޅުމާލޭގައި ހުރި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ މައި ޖަގަހައިގެ ގޮތުގަ އެވެ. ނަމަވެސް އެއީ އާންމު މީހަކު، ސިޔާސީ އެއްވެސް ވިސްނުމެއް ނެތި ތައުލީމަށް ހަދިޔާކުރި ތަނެކެވެ.