Roadha Mihaaru
އަށް މަހަށް ފަހު، ޕްރީ ސްކޫލު ކުދިން ސްކޫލަށް

އަށް މަހަށް ފަހު، ރަށްރަށުގައި ޕްރީ ސްކޫލުގެ ކުދިންނަށް ކިޔަވައިދޭން ފަށައިފި

15 ނޮވެމްބަރ 2020

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އަށް މަހަށް ފަހު، ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އަށް މަހަށް ފަހު، ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު އުމުރުގެ ކުދިންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. މާލެ ސަރަހައްދުގައި ޖުލައި 1 ގައި ގްރޭޑު 9 އިން ފެށިގެން މައްޗަށް ކިޔަވައިދޭން ފެށުމަށް ފަހު، މިިދިޔަ މަހު ވަނީ ގްރޭޑު 7 އަދި 8 އަށް ވެސް ކިޔަވައިދޭން ފަށައިފަ އެވެ. ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު އުމުރުގެ ކުދިންނަށް ކިޔަވައިދިނުމުގެ ހުއްދަ ދިންކަމުގައި ވިއަސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމުގެ ހުއްދައެއް ސަރުކާރުން އަދި ނުދެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރީ ސްކޫލު އުމުރުގެ ކުދިން އަލުން ސްކޫލަށް ދާތަން ފެނިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. ދެން ތިބި ދަރިވަރުންނަށް ވެސް އަވަހަށް ސްކޫލެއް ދެވޭނެ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމް އަންނަ މަހުގެ 3 ގައި ނިމޭނެ އެވެ. މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10، 2021 ގަ އެވެ. ޖޫން 24، 2021 ވަންދެން ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ. ދެ ވަނަ ޓާމުގެ ޗުއްޓީ އަށް ފަހު، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.