Roadha Mihaaru
ނާސަރީތަކުގެ ކިޔެވުން ވެސް އާދިއްތަ ދުވަހު ފަށާނެ

ބޭބީ ނާސަރީ އާއި ނާސަރީގެ ކިޔެވުން ވެސް އާދިއްތަ ދުވަހު ފަށާނެ

06 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސްކޫލުތަކުގެ ކިޔެވުން ބަންދު ކުރުމަށް ފަހު، އަންނަ އާދިއްތަ ދުވަހު އާ އަހަރާ އެކު ކިޔެވުން ފަށާއިރު، މާލޭ ސަރަހައްދުގެ ނާސަރީ އާއި ބޭބީ ނާސަރީގެ ދަރިވަރުންގެ ކިޔެވުން ވެސް އެ ދުވަހު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސްކޫލުތަކުގެ ކިޔެވުން ބަންދު ކުރުމަށް ފަހު، އަންނަ އާދިއްތަ ދުވަހު އާ އަހަރާ އެކު ކިޔެވުން ފަށާއިރު، މާލޭ ސަރަހައްދުގެ ނާސަރީ އާއި ބޭބީ ނާސަރީގެ ދަރިވަރުންގެ ކިޔެވުން ވެސް އެ ދުވަހު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މާލޭގައި އެލްކޭޖީން ފެށިގެން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ފަށާ ގޮތަށެވެ. އެކަމަކު މިއަދު ކުރި އިއުލާނެއްގައި ބުނީ އެކެޑެމިކް ކަލަންޑަރާ އެއްގޮތަށް، ދެ ވަނަ ޓާމުގެ ކިޔެވުން އާދިއްތަ ދުވަހު ފަށާއިރު އޭގެ ތެރޭގައި ނާސަރީ އާއި ބޭބީ ނާސަރީގެ ދަރިވަރުން ވެސް ހިމެނޭނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 5-4 ގަޑިއިރަށެވެ. ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ކިޔަވައިދެވޭނީ، ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށެވެ. އެ ގަޑިއިރުގެ ތެރެއިން، މަދުވެގެން 60 މިނިޓް، ދަރިވަރުންގެ ހުން ބެލުމާއި އަތްދޮވުމާއި ފިޒިކަލް ހަރަކާތްތައް ހިންގުމަށް ހާއްސަ ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެ އެވެ.

ކޮވިޑްގެ ބަލިމަަޑުކަމާ ގުޅިގެން، މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން އަދި އާއްމު ހާލަތުގައި ކިޔަވައިދޭކަށް ނުފަށަ އެވެ. އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށް ކުދިންނަށް ކިޔަވައިދެމުން އަންނައިރު، ސްކޫލުތަކަށް ވެސް ދެވެނީ ވަކި ގްރޭޑަކުން މަތީގެ ކުދިންނަށެވެ.

ބަލިމަޑުކަމާ ހެދި ކިޔެވުން ހުއްޓުމަކަށް އައުމުން، ދިރާސީ އަހަރުގެ ތަރުތީބަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މި އަހަރު މި ފަށަނީ މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ދެ ވަނަ ޓާމެވެ. މި އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ އޮގަސްޓު 10ގަ އެވެ.